އެމްޑީޕީން މިރޭ ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ގައުމީ މަޖިލިސް ޖަލްސާގެ ކޯރަމް ހަމަނުވެގެން، ޖަލްސާ ކެންސަލްކޮށްފިއެވެ.

މިރޭ ބާއްވަން ނިންމާފައިވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގާ ގޮތް އެމްޑީޕީގެ ތެރެއިން ބަލައި ފާރަވެރިވުމަށް އުފައްދާފައިވާ "މޭ ހައެއް" ކޮމިޓީން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަފުސީލު ގައުމީ މަޖިލީހާ ހިއްސާކުރުމަށް ކޮންމެ ހަފުތާއަކު އެއްފަހަރު ބާއްވަމުން އަންނަ ބައްދަލުވުމުގެ ތެރެއިން ބައްދަލުވުމެކެވެ.

ކޮވިޑާ ގުޅިގެން އޮންލައިންކޮށް ބާއްވަމުން އަންނަ ގައުމީ މަޖިލީހުގެ ޖަލްސާގެ މިރޭގެ ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މިރޭ 9:15 ގައި ޖަމާލުއްދީން ސްކޫލު ހޯލުގައެވެ.

ނަމަވެސް ކޯރަމް ހަމަވާ ވަރަށް މެމްބަރުން ހާޒިރު ނުވުމުން މިރޭގެ ޖަލްސާ ކެންސަލްކޮށްލާފައިވާ ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޖުމުލަ 146 މެމްބަރުން ތިބެއެވެ. އެ މަޖިލިސްގެ ކޯރަމް ހަމަވާން ބޭނުންވަނީ 37 މެމްބަރުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެ ޕާޓީގެ ގައުމީ މަޖިލީހަށްވެސް ވަނީ އަސަރުކޮށްފައެވެ.

ފަހަކަށް އައިސް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާތަކުގައި ކޯރަމް ހަމަވަނީ ކިރިޔާއެވެ. އަދި މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ކޯރަމް ގެއްލި، އެ ޖަލްސާވެސް ވަނީ މެދުކަނޑާލައިފައެވެ.