ވާހަކަ

ވާހަކަ: ވަކިވާން ޖެހުމުން 03

1

“ކިހިނެއްވީ.. ނަން ބުނަންވީމަ ހާދަ ހާހެއް ތިވަނީ..." ޝައުފާއަށް ހަދާނެ ގޮތެއް ނޭނގިގެން ކަންބޮޑުވެގެން ގޮސް އިނގިލީގައި ދަތް އަޅާލެވުނެވެ. ދިމާ ކުރިމަތީގައި އިން ބީރައްޓެހި ޒުވާނާ އިނީ އެހާ ފަސޭހަ ގޮތަކަށް އޭނަގެ ޖަވާބެއް ނުލިބެނީސް އެވާހަކަ ހުއްޓާލާ ކަހަލަ ގޮތަކަށް ހެނެއް ހިއެއް ނުވެއެވެ. މިޖެހުނީ ކިހާ ދެރަ ކަމެއް ހެއްޔެވެ. ނަން ނުބުނެ ސަލާމަތް ވާނެ އެއްގޮތެއްވެސް މިފަހަރަކު ޝައުފާއަށް ނޭނގުނެވެ.

“އެދުވަހުވެސް އެނގޭ ދޮގު ހެދިކަން... އެކަމަކު ފުރަތަމަ ބައްދަލުވުމަށް ވެފަ ގަޑިޖެހިފަ ހުރި ކަހަލަ ގޮތަކަށް ހުރީމަ އަޅާނުލީ... ނަން ބުނުމަކީ އެހާ ކަންބޮޑުވެ އޮޅުވާލާ ވަރުގެ ކަމެއްވެސް ނޫނެއްނު... މީހުން ބުނަނީ އަންހެން ކުދިންގެ އުމުރާއި ފިރިހެނުންގެ މުސާރަ ނާހާށޭ... ނަމާއި ބެހޭ ގޮތުން އެއްވެސް އެކަހަލަ ބަހެއް ނީވޭވިއްޔަ.... އެކަމަކު މިހާރު އެނގިއްޖެ... ނަމަކީވެސް އަންހެން ކަނބަލުން ހުދުފޮށާގައި ރައްކާކޮށް ގެންގުޅޭ ޚަޒާނާއެއް ކަން..." ނުދަންނަ ޒުވާނާގެ އަޑުގައި މަލާމާތުގެ ރާގެއް ހުރިހެން ޝައުފާއަށް ހީކުރެވުނީކީއްވެގެން ކަމެއް ނޭނގެއެވެ. ނޫނެކެވެ. ފޮނިވެސް ފިރިހެނެކެވެ. އެހެރީ ތިމާއަށް ތިމާ ފެނިފައެވެ. އަމިއްލަ ތަޢާރަފެއް ނުދީ ޖެހިލުމެއްވެސް ނެތި ނަން އަހައިފިއެވެ. ހާދަހާ އަމިއްލަ ނަފްސަށް އިތުބާރުވެސް ބޮޑު މީހެކެވެ.

“މުހްތަރަމާ... ސެލްފްކޮންފިޑެންސް... ސެލްފް ޕްރައިޑް.. ކޮންމެ މީހަކުވެސް އަމިއްލަ ނަފްސު ދެކެ ލޯބިވާން ފުރިހަމަ އިޚްތިޔާރާއި ބާރު އޮންނާނެ... ޚުދު ކަމަނާއަށްވެސް އެބާރު ލިބިގެންވެއޭ..." އެއްވެސް ހާސްކަމެއް ނެތި ނަން ބުނުމަށް ދިގު ފިލޯސޮފީއެއް ކިޔައިލިއިރު ތިމާއަކީ ކާކުކަން ބުނެދިނުމަކީ އެކަކުއަނެކަކުގެ ތައާރަފަކަށް ބުނުމުގެ ތަންކޮޅެއް ރީތި ގޮތެއް ނޫންބާވައެވެ. ޝައުފާ ހިތާހިތުން އެނުދަންނަ ޒުވާނާގެ ބޮޑާކަމަށް އެއްޗެހިގޮވިއެވެ. އަނެކާގެ ހިތަށް އަރާ އެއްޗެހިވެސް ބުނާ މީހެކެވެ. ހާދަހާވާ ކުޅަދާނަވެސް މީހެކެވެ.

"ތިވަރަށް ރުޅިނައިސް ކަމަނާގެ އަސްލު ނަން ބުނެލިއްޔާ ކީއްތަވާނީ.. މިހުރިހާ ބަދިވަރު ކިޔަން މިޖެހުނީ ހަމަ ކަމަނާގެ ސަބަބުން... އެދުވަހުވެސް ޝިފޫއޭ ބިފޫއޭ ނުކިޔާ އަސްލު ނަން ތެދަށް ބުނެލިނަމަ މިކަން މިނިމުނީއެއްނު..."

"ޝައުފާ..." އެންމެ ފަހުން ސަލާމަތް ނުވާނެކަމުގެ ޔަޤީންކަން ލިބުމުން ޝައުފާ އަވަހަށް ނަން ބުނެލިއެވެ. "އައިމިނަތު ޝައުފާ ޝަފީޤް..." އައި ރުޅީގައި ޝައުފާ އެންމެ ފުރިހަމައަށް ނަން ބުނިއަޑު އިވުމުން ޒުވާނާއަށް ބާރަށް ހީނގަނެވުނެވެ. އެހުނުމުގައިވެސް ހިތަށް އަސަރު ކުރުވާފަދަ ރީތިކަމެއް ހުރިކަމަކާ ޚުދު ޝައުފާއަކަށްވެސް ދެކޮޅެއް ނުހެދުނެވެ. ކިތަންމެ ފޫހިވެފައި އިނަސް އޭނާއަށް މިބީރައްޓެހި ޒުވާނާގެ އަޅައިގަންނަ ސިފަތަކާއިމެދު ޝައުޤުވެރިކަން ނުދީ ނީދެވުނެވެ.

"މަހާރާނީ... ކަމަނާ ތިވަރަށް ތުން ދަމާފަ ތިއިނީ ކީއްވެގެންކަން ބުނެދީފާނަންތަ..."

"ޔާރައްބީ... ރީތި އަންހެން ކުދިން ކަމަކާ ރުހި ޤަބޫލުވެއްޖެނަމަ މޫނުމަތިން ފެންނާނީ ރުޅިވެރިކަން... އަޅެމީ ދޮގެއްތަ..." ހޯލްސްޓަން ފުޅިއަކާއި ކޯކް ފުޅިއެއް ހިފައިގެން އައިސް ސިޓިންގރޫމަށް ވަން އަޒްމީލު ހިނިތުންވެލުމަކާއިއެކު ބުނެލިއެވެ.

"އަނެއްކާ ދެން ހުރި މީހާ... އެންމެން މަށާ ޖައްސާލައިގެން އުޅޭ ދުވަހެއްބާ..." ޝައުފާ ތުންތަޅުވައިގަތެވެ. މިމަންޒަރު ފެނިފައި އަޒްމީލަށް ހީނގަނެވުނީ ބާރަށެވެ.

ދުވަހުގެ އުފާވެރިކަންވެސް ގެއްލުވާލައިފިއެވެ. ކިހާ ވަރުގަދަ ކަމެއް ހެއްޔެވެ. ޒިމްނާއާއި ސަމަދު ކޮންތާކުން ގެނައި އާފާތެއް ކަމެއްވެސް ނޭނގެއެވެ. އޭނާ ގެއިން ނުކުމެގެން މިހިސާބަށް އައީ ކިހާ އުފާވެރި މޫޑެއްގައި ހުރެގެންހެއްޔެވެ. މިފޮނި ފިރިހެނާ އޭނާގެ މޫޑު ޚަރާބު ކޮށްފިއެވެ. އިތުރަށް މިގޭގައި މަޑުކުރާ ހިތްވެސް ކެޑިއްޖެއެވެ. އެކަމަކު... ތެދުވެގެން ދާން ބޭނުންވި ނަމަވެސް ޝައުފާއަކަށް ސިކުނޑީގެ އެގޮވުމަށް ޢަމަލީ ސިފައެއް ގެންނާނެ ހިތްވަރެއް ނުލިބުނެވެ. ހިތާއި ދެކޮޅު ހަދަން ނުކެރުނީއެވެ. ކޮންމެވެސް ނޭނގޭ ސަބަބެއް އޭނާގެ ހިތުގެ ތަޅުލެވި ފޮރުވިފައިވާ ސިއްރު ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުންދާކަހަލައެވެ. ދިމާ ކުރިމަތީގައި އިން ޒުވާނާދެކެ އޭނާ ފޫހިވިކަން ޔަޤީނެވެ. އެކަމަކު އެސޫރަ ނުފެންނަ ހިސާބަށް ތެދުވެގެން ދާން އޭނާގެ ހިތް އެއްބަސް ނުވެގެން މިއުޅެނީ ކޮންކަމަކާ ހެދިކަމެއް ނޭނގެއެވެ. ނުވިސްނުނެވެ. އޭނާ އަމިއްލަ ނަފްސުދެކެ ރުޅި އަތުވެއްޖެއެވެ.

"އަސްތާ... ސަހަރޯ... މަށަށްވާ ސާބަސް.." ގެނައި ހޯލްސްޓަން ފުޅި ޝައުފާއަށް ދިނުމަށްފަހު ކޯކް ފުޅި ކަޑައިގެން ތުބުގައި ޖެހި ގޮތަށް ސޯފާގެ ކަނެއްގަ ނުގޮތަކަށް އިށީދެގެން އިން އަޒްމީލު ފުންމައިގެން ތެދުވަމުން ބުނެލިއެވެ.

"އަނހަ... ކިހިނެއްވީ.." އަޒްމީލުގެ ހާސްވި ސިފަ ފެނިފައި އެޒުވާނާ އޭނާގެ ލޯ ފޯނުން ދުރުކޮށް އަޒްމީލަށް ބަލައިލިއެވެ.

"ދޮންތަ ބާޒާރަށް ދަމުން ކުޑަ ޓާސްކެއް ޙަވާލުކޮށްފައޭ... މަ މިއިންނަނީ އެކަންތައް ހަނދާން ނައްތާލާފަ ހެވިދިއްލިފަ އަނގަ ނަގައިގެން..." އަޒްމީލު ދެލޯބޮޑުކޮށްލިއެވެ.

"ވަރަށް އަވަހަށް އަންނާނަން.. ޝައު މަޑުކޮށްލައްޗޭ... މިލިސްޓަށް އެއްޗެހި ހަމަކޮށްގެން އަންނާނަން..." އަޒްމީލު އޭނާގެ ޖީބުން ނެގި ކަރުދާސްގަނޑެއް ދެއްކުމަށްފަހު އަވަސް ހަލުވި ފިޔަވަޅުތަކެއްގައި ބޭރަށް ނުކުންނަން ހިނގައިގަތެވެ.

އަޒްމީލުގެ ފަހަތުން ދާންކަމަށް ފަރިވެލި ޝައުފާއަށް ހުއްޓުން އެރީ ކުރިމަތީ ސޯފާގައި އިން ޒުވާނާއާއި އޭނާގެ ކަޅި ބައްދަލުވުމުންނެވެ. އެވިދުންގަދަ ފުން ދެލޮލުގައި ވަނީ ކޮންފަދަ ބާރެއް ކަމެއްވެސް ނޭނގެއެވެ.

"ކަމަނާ... އަހަރުމެން ދެމީހުން އެކީގައި މިމަސައްކަތް ކުރަމާ..." ޒުވާނާ އޭނާގެ ފޯނުން ކޮންމެވެސް އެއްޗެއް ދައްކަމުން ބުނެލިއެވެ. ޙައިރާންކަމުގެ ލޮލަކުން އެފޯނަށް ބަލައިލިއެވެ. ފޯނުން ފެންނަން ހުރީ ފޮނިކާ އެއްޗިހީގެ ފޮޓޯތަކެކެވެ.

"ތިޔޯ..." ޝައުފާ ހައިރާންވެފައި އަހައިލިއެވެ

"ޑެޒަރޓްގެ ބައި.... ތިރީހަކަށް މީހުންނަށް ވާވަރަށް އޯޑަރުދީގެން ގެނެސްދޭށޭ ސަމަދު ދިޔައީ ބުނެފަ... އަސްލު އަހަރެން އުޅުނީ ސަމަދުމެން އައީމަ ދެވައްތަރެއް ތައްޔާރުކުރަން ކަމަށް... އެކަމަކު ކަމަނާ އަހަރެންގެ ޕްލޭން މުޅިން ކޮރަޕްޓް ކޮށްލައިފީމު.. މިހާރުދެން އޯޑަރުދީފައި ބަލާ ދިއުން ނޫން ގޮތެއް ނެތް..."

ޝައުފާ އޭނާގެ ފޯނުން ގަޑި ބަލައިލިއެވެ. އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ޒިމްނާއާއި ސަމަދު މިހާރު އުޅޭނީ ގެއާއި ވަރަށް ކައިރީގައެވެ. ހުކުރުގެ ކުރިން މެންދުރު ނަމާދަށް ބަންގި ގޮވަންވާއިރަށް ހުރިހާ ކަމެއް ހުއްޓާލާފައި ތައްޔާރުވެގެން މިސްކިތަށް ދިއުމަކީ ސަމަދުގެ އާދައެކެވެ. ގޭގައި މެންދުރު ނަމާދުކޮށްގެން ޚުޠުބާ އަޑު އެހުމަކީ ޒިމްނާގެ ބަދަލުނުވި އާދައެކެވެ. ގޭގައި ހުކުރު ދުވަހު މެންދުރު ބޭއްވޭ ޚާއްޞަ ކެއުމަށް އަންނަ މެހްމާނުންގެ ފިރިހެންވެރިން ގެއަށް އަންނާނީ ސަމަދާއިއެކު ހުކުރު ނަމާދު ނިމިގެންނެވެ. އަންހެނުންނާއި ތުއްތު އަށެއް ނުވައަހަރު ނުފުރޭ ފިރިހެންކުދިންގެ އިތުރުން ދައުވަތު ދީގެން އަންނަ ބައެއް މެހްމާނުންނަށް މަރުޙަބާ ކިޔާނީ ޒިމްނާއެވެ. ހުކުރު ދުވަހުގެ ޚާއްޞަ ކެއުން ގެއަށް އަންނަ ކައްކާ މީހާއާއިއެކު ތައްޔާރުކުރެވި ސުފުރާ މަތި ހުންނާނީ ކިތަންމެހާވެސް ފުރިހަމައަށް ނިންމާލެވިފައެވެ. ކެއުމަށް އިންޞާފު ކުރުމަށް ބިސްމީގެ ބަރަކާތުން ކުރު ޞޮލަވާތަކާއި ކުރު އެހެނަސް ހެޔޮކަމުން ފުރިފައިވާ ދުޢާއަކުން ފަށާނީ ސަމަދެވެ. ނުހަނު އެކުވެރި ޚިޔާލު ބަދަލު ކުރެވެމުންދާ މާޙައުލެއްގައި ކެއުމުގެ ސިލްސިލާ ނިމިގެންދާނީ ރަހަމީރުކަމުގެ މިސާލެއް ނުވާފަދަ ފޮނި ކާއެއްޗަކަށްފަހު ހަފާލެވޭ ބިލެތްމީރުކޮށްލުމަކުންނެވެ.

މިގޭގެ މިއާދަކާދަ ކިތަންމެހާވެސް ރަނގަޅަށް އެނގޭ ޝައުފާ އެޒުވާނާ އާއިއެކު ދާން އެއްބަސްވެގެން ސޯފާއިން ތެދުވީ އެގަންނަން ޖެހޭ ތަކެތީގެ މުހިންމުކަން ވިސްނޭތީއެވެ.

"އޯޑަރު ދިންތާ ކިތަންމެ އިރެއް... ސަމަދު އެއްޗިއްސާއި ހަވާލުވާން ދިޔަ ވާހަކަ މެސެޖަކުން އެންގީމަ ހިތްހަމަ ޖެހިގެން މިނުކުތީ..." އަޅިކުލައެއްގެ ވޭވް125އަކަށް އަރާ ޝައުފާ އޭގެ ފަހަތަށް އެރުވުމަށްފަހު ސްޓާޓްކޮށް ސްޕީޑް ނަގަމުން ޒުވާނާ ބުނެލި އެ ޖުމްލަ އިވިފައި ޝައުފާއަށް ހީވީ އޭނާގެ ސިކުނޑިއަށް ޝޮކެއް ދިންހެނެވެ.

"ކިކީކޭ... ދެ ދެން މިދަނީ ކޮންތާކަށް... ކީއްކުރަން..." ޝައުފާއަށް ފާޑަކަށް ހަޅޭއްލަވައިގަނެވުނެވެ.

"މިދަނީ ހޫމ..... މިދަނީ ކޮންތާކަށްބާ..."

"މަޖަލެއް ނޫން އިނގޭ... ސައިކަލް މަޑުކުރަންވީ..." ޝައުފާއަށް އެޒުވާނާގެ ގަމީހުގެ ފަސްބައިގާ ހިފާ ދަމައިގަނެވުނެވެ.

"ހާއޭ.... އަދި އެއްފަހަރު އެހާ ގާތަށް ޖެހިލަބަލަ..." ޒުވާނާ ލާނެތް ރާގަކަށް ބުނެލިއެވެ. ސައިކަލުގެ ލޯގަނޑުން އެއަންހެން ކުއްޖާގެ ކުލަފަޑުވެފައިވާ މޫނާއި ހިކިފައިވާ ތުންފަތް ފެނިފައި ކޮންމެ ހިތެއްވެސް ޙަމްދަރުދީއިން ފުރޭނެއެވެ.

"އޯކޭ... ކަމަނާގެ ހިތަށްތިހާ ބޮޑު ޝޮކެއް ދޭކަށް ނުވާނެތާދޯ.... އަހަރެމެން މިދަނީ ކަމަނާގެ ކޮޓަރިއަށް... މިހާރު ދެން ހިތްހަމަ ޖެހިއްޖެތަ..."

"ކޮޓަރިއޭ... އެ އެއީ ކީއްކުރަން... ކޮބާ ބޭނުމަކީ..."

"ވާހަކަ ދައްކާ ރަޙްމަތްތެރިކަން ބަދަހި ކުރާކަށްނު... ކަމަނާ..މިއީ ރަސްމީ ޢާންމު ޢީދުހުކުރު ދުވަސް.. ދިވެހި ކުކުޅުހާވެސް މިއަދު އުޅޭނީ ގެވެހިކަމާއި ދީންވެރިކަމުގަ... މާނައަކީ.. އާންމު އެއްވެސް ދުވަހެއްގައި މިސްކިތް ނުފެންނަ ފިރިހެނުންވެސް މިއަދު ހުކުރަށް ދާނެ... ހަފްތާގެ ބާކީ އޮންނަ ހަ ދުވަހު ބަދިގެ އުނދުނަށް ތެއްޔެއް އަރުވާ ނުލާ އަންހެނުން މިއަދު މެންދުރަށް ފޯރީގަ ކައްކާނެ... މިއީ ދިވެހިންނަށް ދީން އަންނަ ދުވަސް..." ޝައުފާއަށް ނުހީނ ނީނދެވުނެވެ. އެއީވެސް ދޮގެއް ނޫނެވެ. ނަމުގައި ސައްތައިން ސައްތަ މުސްލިމުންނެވެ. އެކަމަކު ހަމަ އެއްކަމެއްވެސް ދީނުގައި އޮންނަ ގޮތަކަށް ވާތަނެއް ވަރަށް މަދުން ނޫނީ ނުފެންނާނެއެވެ. އަމުދުން ފުރަ މާލެއަކީ ރޭދުވާ ހޭބޯނާރާ ދުނިޔެ ހޯދުމަށް ތެޅުމުގައި ދީނެއް އާޚިރަތެއް ހިލާ ހަނދާން ނުހުންނަ މީހުން އުޅޭ ތަނެކޭ ބުނުމުގެ އެއްވެސްގޯހެއް ނެތެވެ.

"އެންމެ ރަނގަޅު... އާ އެކުވެރިޔާ... ނިކަމެތި އަޅުގަނޑުގެ ފަޤީރު ޖިފުޓިގަނޑު ހުންނަނީ ކޮން މަގެއްގެ ކިހާ ހިސާބެއްގައިކަން އެނގިލައްވާތޯ..."

"ކީއްވެތޯ ނޭނގެންވީ... ކަމަނާއާއި އެންމެ ފުރަތަމަ ބައްދަލުވީ ކަމަނާ އުޅުއްވާ ގޯޅިން ނުކުމެ ހުއްޓައެއްނު... އަތަމާޕެލަސް ކުރިމަތީގަ އެއޮތީ.. އަނހާ މިއޮތީ އެގޯޅިއެއްނު..."

ސައިކަލު ގޮސް މަޑުކޮށްލީ ޝައުފާ އުޅޭ ގޭގެ ކުރިމައްޗަށެވެ. ލިބުނު ހައިރާންކަމަށްވުރެ ހިތަށް ވެރިވީ ނޭނގޭ އުފާވެރިކަމެކެވެ. މި ޒުވާނާ އޭނާގެ ފަސްފަހަތުން ފާރަވެސްލީތާއެވެ. ކުއްޔަށް ހިފާފައި ހުންނަނީ ހަމަ އެންމެ ކޮޓަރިއެއްކަންވެސް އެނގެއެވެ. ހަމަގައިމުވެސް ކޮންމެވެސް ގޮތަކުން ހޯދާ ބަލައިގެން ނޫނީ އެކަމެއް ނޭނގޭނެއެވެ.

ސައިކަލް ޕާކްކުރުމަށްފަހު ފައިބައިގެން އައިސް ގާތަށް ހުއްޓުނު ޒުވާނާގެ ހެޔޮވަރުގެ ރީތި އިސްކޮޅާއި އެކަށީގެންވާވަރަށް ރޫފަ އެޅިގެންވާ ރީތި ހަށިގަނޑު ނިވާ ކުރުމަށް ލާފަ ހުރި މުށިރީދޫކުލައެއްގެ އުޅަބޮށްޓާއި ހަމައަށް އަތުކުރި އޮޅާފައިވާ ގަމީހާއި ކަޅުކުލައެއްގެ ޖީންސެއްގައި އެޒުވާނާ ފެންނަލެއް ހާދަހާ ރީއްޗެވެ.

ގެއަށް ވަދެގެން ގޮސް ޝައުފާ އޭނާގެ ކޮޓަރި ހުންނަ ބަޔަށް ވަންނަމުން އެނބުރި ބަލާލަންކަމަށް މަޑުޖެހިލިއެވެ. އެވަގުތު ގައިގަ ކިރިޔާ ޖެހޭ ނުޖެހޭހާ ގާތުގައި ހުރި ޒުވާނާ ފެނިފައި އޭނާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. "ހާދަ ހާސްވީ... ކޮންކަމަކާ..." ކޮޓަރީގެ ހުޅުވާލެވުނު ދޮރުން އެތެރެއަށް ވަންނަމުން އެޒުވާނާ ހިނިތުންވެލިއެވެ.

"ދެން... ހޫމ.... މި ނަން... އުހު.. އެންމެ ފުރަތަމަ ކޮން ރަށެއް..." ނަން އެހުމަށް ވާހަކަ ފެށި ނަމަވެސް ޝައުފާގެ ހިތް އަވަސްވީ އެޒުވާނާއާއި ބެހޭ ގޮތުން ވަރަށް ގިނަ ކަންތައް އެއް ފަހަރާ އަވަހަށް ދެނެގަތުމަށެވެ.

"މަންމަ މާލެ... ބައްޕަ ލާމު ގަން... ބޮޑުވީ މިތާގަ... އެކަމަކު ރަށަށް ހަމަ ވަރަށް ގިނައިން ދިޔައިން... ނަވާރަ.. އަހަރުން ފެށިގެން އުޅުނީ ލަންކާ އިންޑިޔާ... މެލޭގަވެސް އުޅުނިން... އެންމެ ފަހުން ރަށަށް ދިޔައީ ޑެޑީގެ ގޭގެ ކަންތަކާ... ޑެޑީ ދުނިޔޭގައި ހުންނެވިނަމަ މިހާރުވެސް ރަށަށް ގެންދަވާނެ...." ގަދަފަދަ ފިރިހެނަކަށް ވުމާއިއެކުވެސް މަރްޙޫމު ބައްޕަގެ ވާހަކައިން އޭނާއަށް ފުންއަސަރުތަކެއް ކުރުވައިފިކަން ބުނެދެނީ އޭނާގެ ކުރެހިގެން ގޮސް ކަރުނައިގެ ތެރެއަށް ގެބިގެން މުޅިންހެން ބެދިގެން ދިޔަ އަޑުންނެވެ. ޔަތީމުކަމުގެ އިހްސާސް އޭނާގެ އެރީތި ދެލޯ ފެންކަޅިވެގެން ދިޔައެވެ.

"ބައްޕަ ދެކެ ވަރަށް ލޯބިވޭ ދޯ.." ޝައުފާ އެޒުވާނާއަށް އިށީނުމަށް އެނދުގެ އެއް ފަރާތަށް އިޝާރާތްކޮށްލަމުން އަހާލިއެވެ. "އިއްތިފާޤްދޯ.. ޝައުވެސް ގަން އިނގޭތަ..."

"އަސްލު... ޑެޑީއަކީ މާ މަޝްހޫރު ގެއެއްގެ މީހެއް... އެރަށް ކީއްކުރަން... މުޅި އަތޮޅަށްވެސް އެނގޭނެ.... ގަމު ކޮލިގަނޑުވަރު އަހްމަދު ސައީދު..." ޝައުފާގެ ދެލޯބޮޑުވީ ހައިރާންވީ ވަރުންނެވެ.

އެއާއިލާގެ މީހަކު މިހާ ހިތްހެޔޮވުމަކީ ހަމަ ހައިރާން ވާ ވަރުގެ ކަމެކެވެ. އެއީ ރާއްޖޭގެ ރަސްކަން ވާރުތަ ވަމުން ދިޔަ ގަނޑުވަރު ތެރޭގެ ބޭފުޅުންނެވެ. "ވަރަށް ހައިރާން ވާނެ މީހުން އަހަރެން މީ ޑޭޑްގެ އޭ ބުނީމަ... ތިރީސްނުވަ އަހަރުމިވަނީ.. ޑޭޑްއާނުލާ ވޭތުވެދިޔަ ހައެއްކަ އަހަރު ވަރަށް ފަޅު..." ޖީބުން ނެގި ސިނގިރޭޓް ރޯކޮށްލަމުން އޭނާ ތެމިފައިވާ އެސްފިޔަތައް ތަޅުވާލިއެވެ. ތިރީސްނުވަ އަހަރޭ... ޝައުފާއަށް އަނެއްކާވެސް ލިބުނީ އިތުރު ހައިރާންކަމެކެވެ. އެހެންވާނީ ކިހިނެއްހެއްޔެވެ. އެއުމުރާއި އެއްވެސް ގުޅުމެއް ނެތެވެ. ހިނިތުންވެލާއިރު ކޮލުން އަޑިވެލާ ތަންކޮޅު އެރީތި އަޅައިގަތުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

"ޝާމިން.. ނަމަކީ... ހެޔޮ ކޮންމެ ނަމަކުން ގޮވިޔަސް ބައެއް ރައްޓެހިން ގޮވާނެ އާނިމް އޭ ކިޔާފަވެސް... ޝިމާންވެސް ކިޔާ..."

"ޑެޑީ ގޮވަނީ ކޮންނަމަކުން..." ޝައުފާ ފަރުވާތެރިކަމާއިއެކު ޝާމިނަށް ބަލައިލިއެވެ. ޝައުފާގެ އެސުވާލު އިވުމުން މިއީ ވަރަށް ފަސޭހައިން އަނެކާ ދެނެގަންނަ ކަހަލަ އަންހެނަކުއްޖެއްކަން ޝާމިނަށް ވިސްނިއްޖެއެވެ.

"ޑޭޑް ގޮވާނީ ހަމަ ނަމުން...ޝާމިން..."

"ޝައުވެސް ކިޔާނީ އެހެން...ޝާމިން..." ޝައުފާގެ ހިނިތުންވެލިއެވެ. ޝާމިންގެ ދެއިނގިލި ދޭތެރޭ ހުލިވަމުންދާ ސިނގިރޭޓުން އަރަމުންދިޔަ ދުންބޮޅުތަކުގެ ތެރެއިން ޝައުފާއަށް އެވަގުތު ކޮންމެވެސް އެހެން ކަމެއް ފާހަގަ ކުރެވިއްޖެއެވެ. އެނދާއި ކުޑަކޮށް ދުރުގައި ހުރި ޝައުފާ މަޑުމަޑުން އައިސް ޝާމިނާއި ގާތަށް ހުއްޓި ރަނގަޅަށް އެފެނުނު އެއްޗަކަށް ދިމާއަށް ސަމާލުކަމާއިއެކު ބަލައިލިއެވެ.

"ބިރު ނުގަނޭ... މިއީ އެހާ ބޮޑު ކަމެއް ނޫން.." ޝައުފާގެ ހިތް ހީވީ ފިތިގެން ދިޔަހެނެވެ. ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރާ ހިތެއް ނުވިއެވެ. އެހެނަސް އެއީ ހީވި ހީވުމެއް ނޫނެވެ. ކިތަންމެ ދަތި ވިޔަސް އެއީ ތެދުހަގީގަތެކެވެ. ލޮލަށްލިބުނު ކެއްސަކަށް ވިނަމަ ކޮންފަދަ ހެއްޔެވެ. އެކަމަކު އެހެނެއް ނުވާނެއެވެ. ޝައުފާއަށް ހިންދިރުވާލެވުނެވެ.

(ނުނިމޭ)