ފުޓުބޯޅައިގެ މާހައުލެއްގެ ތެރެއަށް އުފަން، ފުޓުބޯޅައަށް އިންތިހާއަށް ލޯބިކުރާ އދ. މަހިބަދޫ މުހައްމަދު ނައުޝާދު (ނަޓީ)ގެ ބުރަ މަސައްކަތެކެވެ. ވީޑިއޯއަކަށް ފަހު ވީޑިއޯއެކެވެ. ފޮޓޯއަކަށްފަހު ފޮޓޯއެކެވެ. ދައްކުވައިދެނީ ރާއްޖޭގެ ހިތްގައިމުކަމާއި ފުޓުބޯޅައެވެ. ހިޔާލުގެ މުއްސަނދިކަން ކޮންމެ ވީޑިއޯއަކާއި ފޮޓޯއަކުންވެސް ވަރަށް ރަނގަޅަށް ކުލަވެއެވެ. އެ ހިޔާލަށް ދުނިޔެ މަރުހަބާވެސް އެބަކިޔައެވެ. ތަފާތު މަންޒަރުތަކުން ރާއްޖޭގެ ހިތްގައިމު ކަމާއެކު، އެތައް ބަޔަކު އާޝޯހު ކޮށްފިއެވެ.

ނަޓީގެ ޑީޖޭއައި މެވިކް 2 ޒޫމް ޑްރޯންއިން ޝޫޓުކޮށް، މީސް މީޑިއާއަށް ދޫކޮށްލި އެތައް މަންޒަރެއް ދުނިޔޭގެ އެންމެ ބޮޑެތި ޕްލެޓްފޯމުތަކުގައި ހިނގައިފިއެވެ. އެތައް މިލިއަން ބައެއްގެ ސަމާލުކަމާއެކު ރާއްޖޭގެ އިޝްތިހާރަކަށް ނަޓީގެ ވީޑިއޯތައް ފުދެއެވެ. ނަޓީގެ ދިހަ ޕޯސްޓެއް މިހާތަނަށް 41.3 މިލިއަން މީހުން ފޮލޯ ކުރާ އިންސްޓާގްރާމް ކޮމިއުނިޓީއެއް ކަމަށްވާ "433" ގައި ވައިރަލް ވެފައިވާ އިރު، 2.1 މިލިއަން މީހުން ފޮލޯކުރާ "އޯ މައި ގޯލް"ގައިވެސް ހަތް ފަހަރަކު ނަޓީގެ ކޮންޓެންޓުތައް ވައިރަލް ވެގެން ގޮސްފައިވެއެވެ. އޭގެ އިތުރުން ނަޓީގެ ހިތްގައިމު ކޮންޓެންޓުތައް އޭއެފްސީގެ ރަސްމީ އެކައުންޓުތަކާއި ބްލީޗާސް ރިޕޯޓުގެ އިތުރުން އެކިއެކި ވެރިފައިޑް ޓިކްޓޮކް އެކައުންޓުތަކުގައިވެސް ވަނީ ވައިރަލް ވެފައެވެ.

ބޮޑެތި އެ ކޮމިއުނިޓީތަކުގެ ސަމާލުކަން ނަޓީއަށް ހުއްޓެނީ ކޮންސެޕްޓުގެ ތަފާތު ވިސްނުމުންނެވެ. މަންޒަރުގެ ފުރިހަމަ ކަމުންނެވެ. ނަޓީ ދައްކުވައިދޭ ހިތްގައިމު ތަސްވީރުންނެވެ. އެއީ ނަޓީގެ ތަފާތެވެ. އެއީ ނަޓީއަށް ޝުކުރު ހައްގުވާ ސަބަބެވެ. އުފަން ރަށް މަހިބަދޫގެ ފުޓުބޯޅަ ދަނޑުގެ ފޮޓޯއެއް ފުރަތަމަ "433" ގައި ވައިރަލްވި ހިސާބުން ނަޓީއަށް ފެށުނު ދަތުރުގައި މިއަދުވެސް އޭނާ އަންނަނީ ހުއްޓުމެއްނެތި ރާއްޖޭގެ ތަފާތު މަންޒަރުތައް ދައްކަމުންނެވެ. އެންމެ ފަހުން ދޫކޮށްލި ވީޑިއޯގައި ފެންނަނީ މާފަރު ފިނޮޅުގައި، ހަމަހިމޭންކަމާއެކު އެއްވެސް އުނދަގުލެއް ނެތި "ފީފާ" ވީޑިއޯ ގޭމް ކުޅެލާ ހިތްގައިމު މަންޒަރެކެވެ. "433" އިން އެ ވީޑިއޯ ޕޯސްޓު ކުރުމުން ފީފާގެ ޕްރޮޑަކްޝަން ހައުސް، "އީއޭ ސްޕޯޓްސް"ގެ އޮފިޝަލް އެކައުންޓުންވެސް ވަނީ ވީޑިއޯއަށް ކޮމެންޓް ކޮށްފައެވެ.

"މިއީ ހަމަ އަމިއްލަ ހިޔާލަށް ގެންނަ ކަންތައްތައް. ބޮޑަށް ބަލަނީ ތަފާތު ގޮތަކަށް ރާއްޖޭގެ ރީތިކަން ކުޅިވަރުގެ ތެރެއިން، ހާއްސަކޮށް ފުޓުބޯޅައިގެ ކޮންމެވެސް ކަމެއްގެ ތެރެއިން ގެނެސްދެވޭތޯ. 433 ގައި ފުރަތަމަ ފީޗާ ކުރީ ރަށުގެ ދަނޑުގެ ފޮޓޯއެއް. އެތައް މިލިއަން ފޮލޯވަރުން ހުރި ގިނަ އެކައުންޓުތަކަކުން މިހާރު ފީޗާ ކޮށްފި. އަސްލު ފާހަގަކޮށްލަން ބޭނުންވޭ މިފަދަ ބޮޑެތި ޕްލެޓްފޯމުތަކުން ފީޗާ ކުރާއިރުވެސް ރަސްމީ އެއްވެސް އިދާރާއަކުން މިކަން ސަމާލުކަމަށް ނުގެންދާކަން،" ނަޓީ "ވަން" އަށް ދިން އެކްސްކްލޫސިވްއެއްގައި ބުންޏެވެ.

ނަޓީ ބުނީ ފިނޮޅު މަތީގައި ފީފާ ކުޅޭ މަންޒަރާއެކުވެސް އޭނާ ދައްކާލީ ރާއްޖޭގެ ރީތި ކަމާއި، ރާއްޖޭގެ ސާފު ހިތްގައިމު މަންޒަރު ކަމަށެވެ. އޮފީހަށް ވަގުތު ދީ، ބުރަކޮށް އުޅެމުންވެސް އެފަދަ ކޮންމެ މަންޒަރެއް ދުނިޔޭގެ ސަމާލުކަމަށް އަންނަ ހިސާބުން "ރާއްޖޭގެ ރީތިކަން ދައްކައިލެވުމުގެ ހިތްހަމަ ޖެހުމާއެކު ފަހުރުވެރިވާ،" ކަމަށެވެ. ވީޑިއޯގައި ފެންނަނީ 30 މިނެޓުގެ މަސައްކަތް ނަމަވެސް އެ ވީޑިއޯއަށް ކުރަން ޖެހުނު ޕްލޭނިން ބޮޑެވެ.

"ހަވީރުގައި ދަރިފުޅު ޓިއުޝަން ނިންމާލި ގޮތަށް 5:15 ހާއިރު ލޯންޗުގައި ފިނޮޅަށް ދިޔައީ ޕީއެސްއާ ޓީވީއާއެކު ޕަވާ ބެކަޕްވެސް ހިފައިގެން. ދެން ދިޔަވަރަށް ބަލާފައި ޑްރޯން އަރުވާލައިގެން ދަރިފުޅާއެކު ޕީއެސް ކުޅެލާ މަންޒަރު ނަގަން ސެޓު ކޮށްލީ. އިރުއޮއްސުމުގެ ކުރިން ނިންމަން ވަރަށް އަވަސްކޮށް މަސައްކަތް ކުރެވުނު. އެ ވީޑިއޯއަކީ ހަޔާތުގައި މިހާތަނަށް ކުރި އެންމެ ޓަފް އެއް އެކްސްޕީރިއަންސް. މިކުރާ ބުރަ މަސައްކަތުގައި އެންމެ ހިތްހަމަ ޖެހޭ ކަމަކީ ރާއްޖޭގެ މަގުބޫލުކަން އިތުރުވުމުން އެ ލިބޭ ފަހުވެރިކަން. މިއީ އަޅުގަނޑަކަށް، ރަށަކަށް އެކަނި ކުރާ މަސައްކަތެއްވެސް ނޫން. މިއީ ސީދާ ރާއްޖެއަށް ކޮށްދޭ މަސައްކަތެއް،" ނަޓީ ބުންޏެވެ.

ނަޓީގެ މަސައްކަތަކީ މީހަކަށް ބަރޯސާ ނުވެ، އަމިއްލައަށް ވަގުތު ހުސްކޮށްގެން ކުރާ ބުރަ މަސައްކަތެކެވެ. ހީކުރާ ވަރަށް ވުރެ ގިނަ ކަންކަމަށް ބަލަންވެސް ޖެހޭ އެކަމަށް ޝައުގާއެކު އެތައް ވިސްނުމެއް ދޫކޮށްލަން ޖެހޭވެސް މަސައްކަތެކެވެ. ފިނޮޅުގައި "ފީފާ" ކުޅުން ފަދަ މަންޒަރެއް ނެގުމަށްވެސް ކަނޑުގެ އޮއިވަރާއި، ދިޔަވަރުގެ އިތުރުން ވައި ހުރި ވަރާއި ވައި ހުރި ކޮޅަށް ދަންދެން ބަލައި، އެކަމަށް ވަގުތު ހުސްކުރަން ޖެހެއެވެ.

"މާ މޮޅު ކެމެރާތަކެއް ނޫން މި ގެންގުޅެނީވެސް. ހަމައެކަނި އަތުގައި އޮތް ޑީޖޭއައި މެވިކް 2 ޒޫމް މި ގެންގުޅެނީ. ޝޫޓިންއަކަށް ދާއިރު ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން. ކަނޑު މަޑުތޯއާއި ދިޔަވަރަށް. އަދި އޭގެ އިތުރުން ވައިގެ ބާރު މިނާއި، ވައި ހުންނަ ކޮޅުވެސް ބަލަން ޖެހޭ. އަނެއްކާ އަމިއްލަ ތަކެތީގައި މިކުރަނީ ހުރިހާ ކަމެއްވެސް. ޝޫޓިން ޕްލޭން ކޮށްފައި އަމިއްލައަށް މިދަނީ، އެވެސް ހަރަދު ދާނެ ކަމެއް. ފައިނޭންޝިއަލީވެސް ބަލައިގެން މިދަނީ. އެހެންވީމަ އެއީ ޗެލެންޖެއް އަސްލު ކުރިމަތިވާ. އެއްޗެހިވެސް ގަންނަން ޖެހުން ކަހަލަ ކަންކަން. އެހެންވެ ބުނީ މިކަމުގައި ޓޫރިޒަމް މިނިސްޓްރީ ފަދަ ރަސްމީ އިދާރާއެއްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ވާހަކަ،" ނަޓީ ބުންޏެވެ.

ނަޓީގެ ޝޫޓިންތައް އާންމުކޮށް ކުރިއަށް ގެންދަނީ ހަފުތާ ބަންދުގައި ނަމަވެސް ވަޒީފާއިން ވަގުތު ހުސްކޮށް އޮފީސް ދުވަސް ދުވަހުވެސް އެ މަސައްކަތުގައި ހަރަކާތްތެރިވެއެވެ. ކައުންސިލުގެ އެގްޒެކެޓިވްއެއްގެ މަގާމުގައި ނަޓީ މަސައްކަތް ކުރަމުން އަންނަ އިރު، ރަށަށް ކޮށްދޭ ހިދުމަތުގެ އިތުރަށް ވީޑިއޯ، ފޮޓޯތަކުން ކޮށްދެނީ ގައުމީ ހިދުމަތެކެވެ. އެ މަސައްކަތުގައި އެހީތެރިވާ ފަރާތްތަކެއް އެބަތިއްބެވެ. 17 އަހަރު ވަންދެން ގައުމީ ޓީމުގެ ގޯލު ބަލަހައްޓައި، ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެ ރިޓަޔާކޮށްފައިވާ މަހިބަދުއަށް އުފަން ގޯލްކީޕަރު އިމްރާން މުހައްމަދު (އިއްމަ)ގެ އިތުރުން ނަޓީގެ އާއިލާގެ ނަން އޭނާ ވަކިން ފާހަގަކުރިއެވެ.

ނަޓީގެ އުންމީދަކީ ރާއްޖޭގެ އެކި ހިސާބުތަކުން "ފުޓުބޯޅައިގެ ތެރެއިން ރީތިކަން" ދައްކައިލުމެވެ. އެއީ ރާއްޖޭގެ އިޝްތިހާރަށް އާ ވިސްނުމަކަށް ހެދުމެވެ. އެ މަސައްކަތުގެ ހިތްވަރަކަށް ނަޓީ އެންމެ ބޮޑަށް ބޭނުންވަނީ ރަސްމީ ހައިސިއްޔަތެކެވެ. އެހީތެރިކަމަކާއެކު ނަޓީގެ ލެންސުން ދުނިޔެއަށް ތަފާތު ރާއްޖެއެއް ދައްކާލެވިދާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

ނަޓީގެ އިންސްޓަގްރާމް: http://bit.ly/3yVjEBR