މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކުދި ބިންކޮޅުތައް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެތަންކޮޅު ދޫކޮށްލާ ފަރާތްތަކަށް ގޯތި ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދަވައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައި ބަހުސްކުރަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
އެ މައްސަލައަށް ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭ ކަމެއް ކަމަށާއި އެއީ ރައީސް ސޯލިހުގެވެސް ވައުދުފުޅެއް ކަމަށެވެ. އަދި އެ ވައުދު ރައީސް އޮފީހުގެ ވެބްސައިޓުގައި އަދިވެސް އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ، ބިން ހިލޭ ދިނުމުގެ ބަދަލުގައި މާލޭ ރައްޔިތުންނަށް ބިން ވިއްކިވެސްދާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ޕެންޝަން ފަންޑުގައި 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެބަހުރި ކަމާއި އެހެންކަމުން އެ ފައިސާއިން ޑައުންޕޭމަންޓް ދެއްކޭ ގޮތަށް އެކަން ކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ފުލެޓް ދިނުމަކީ ދާއިމީ ހައްލެއް ނޫން ކަމަށާއި ބޭނުންވަނީ ގޯތި ކަމަށެވެ. އެގޮތުން މާލެއާއި ހުޅުމާލެ އަދި ފުށިދިއްގަރު ފަޅު ހިއްކައިގެންވެސް ގޯތި ދެވިދާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެކަން ކުރެވޭނީ ރައީސް ނަޝީދުގެ ސަރުކާރުން ހިންގެވި ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު