ރ. އަލިފުށީ ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީ ކުރުމަށް އަންނަ މަހު 25ގައި ބީލަން ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ލިޔުމުން، މިނިސްޓަރު މައުސޫމާ ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މައުސޫމު ވިދާޅުވީ، އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކައިގެން ރ. އެއްތިގިލި ހިމެނޭ ގޮތަށް ފަތުރުވެރިކަން ތަރައްގީ ކުރުމަށް އަންނަ މަހުގެ 25ގައި ހުޅުވާލެވޭ ބީލަމުގައި އިއުލާން ކުރެވިގެންދާނެ ކަމަށެވެ. އެކަމާބެހޭ އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވައެވެ.
އެއްތިގިއްޔަކީ ރ. އަތޮޅު އަލިފުއްޓާއި އެއްފަޅެއްގައި އޮންނަ ފަޅުރަށެކެވެ. އެރަށުގައި ރިސޯޓެއް ހަދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެސް ވިދާޅުވިއެވެ.
ރ. އަލިފުށި ފަޅު ހިއްކައިގެން އެއާޕޯޓެއް ހެދުމަށް މި ސަރުކާރުން ނިންމައި، އެ މަސައްކަތް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ޖުމުލަ 451 މިލިއަން ރުފިޔާގެ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 750 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލު ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު