އެސްއެމްއީ ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަކީ ހުއްދަކަމެއް ނޫން ކަމަށް، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) އިން އަންގާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ، އެސްއެމްއީ ލޯނު ދީފައިވާ ފަރާތްތަކާއި އެ ލޯނުތައް ގަވާއިދުން އަނބުރާ ދައްކަމުންދާ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށް އޮޅުން ފިލުވުމަށް، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިނިސްޓަރާ ލިޔުމުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައެވެ.
މިނިސްޓަރު ވިދާޅުވީ، އެސްއެމްއީ ލޯނު މިހާރު ދޫކުރަމުން ދަނީ، އެކަމަށްޓަކައި އެސްޑީއެފްސީގެ ނަމުގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ގޮތަށް 2019 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކުން ކަމަށެވެ. އެ ކުންފުންޏަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން މާލީ އިދާރާއެއްގެ ގޮތުގައި އެ އޮތޯރިޓީން ލައިސަން ދޫކޮށްފައިވާ ފަރާތެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މެންބަރު އަލީ އާޒިމުގެ ސިޓީން ހޯދުމަށް އެދިވަޑައިގެންފައިވާ މައުލޫމާތަކީ އެ އޮތޯރިޓީގެ ގަވާއިދުތަކާއި އެ ކުންފުނީގެ ގާނޫނީ އަދި ފައިޑިއުޝަރީ ޑިއުޓީ އާއި ކުންފުންޏާއި ކަސްޓަމަރުންނާ ދެމެދު ކުރެވިފައިވާ އެއްބަސްވުންތަކުގެ ދަށުން ސިއްރު އަދި ވިޔަފާރިތަކުގެ ޒާތީ އަދި ވިޔަފާރީގެ ސިއްރު ހިމެނޭ ހައްސާސީ މައުލޫމާތުތަކެއް ކަމަށްވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ، އެ ސަބަބަށްޓަކައި ކަސްޓަމަރުންގެ މައުލޫމާތު ތިންވަނަ ފަރާތަކަށް ހަމާކުރުން ގާނޫނުތަކާއި ގަވާއިދުތަކާއި އަދި ކުންފުނީގެ އުސޫލުތަކުގެ ދަށުން ހުއްދަ ނުކުރާ ކަމަށް އެ ކުންފުނިން މިނސިްޓްރީއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު މެންބަރަށް ހިއްސާކުރުމަކީ ސަރުކާރުން ހިންގާ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމާއި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބޭނުމަށާއި އެސްއެމްއީ ލޯނު ދޫކުރުމުގެ ގޮތުން އެ މިނިސްޓްރީއަށް އަމާޒުކުރާ އިލްޒާމުތަކާއި ގުޅޭ ގޮތުން ހަގީގަތް ހާމަކޮށްދިނުމަށް ބޭނުން ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން ގާނޫނު ހުއްދަކުރާ މިންވަރަށް އެ މައުލޫމާތު ވަކިން މެންބަރާ ހިއްސާ ކޮށްދެއްވުމަށް އެދި އެސްޑީއެފްސީގައި ދަންނަވާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު