ބޮލީވުޑްގެ ތަރި ސާރާ އަލީ ހާން އަކީ މީސްމީޑިއާގައި އޭނާގެ ފޮޓޯ އާއި ވީޑިއޯތައް އާއްމުކޮށް ހިއްސާކުރަމުން އަންނަ ފަންނާނެކެވެ. ހާއްސަކޮށް އިންސްޓަގްރާމުގައި ފޮލޯވަރުންނާއެކު އޭނާގެ ހަޔާތުން ކޮންމެވެސް މިންވަރެއް އަބަދުވެސް ހިއްސާކޮށްލުމަށް ސާރާ އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެއެވެ.
ސާރާ މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާ ވަނީ ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑު ރިސޯޓުގައި ނަގާފައިވާ ފޮޓޯ އަދި ވީޑިއޯއެއް އިންސްޓަގްރާމަށް ދޫކޮށްލައިފައެވެ.
މޫދަށް ފުރަގަސްދީގެން ސާރާ ހުއްޓިލައިގެން ހުންނައިރު އޮއްސެމުން ދާން ކައިރިވެފައިވާ އިރުގެ ރީތި ދޯދިތަކުން މޫދަށާއި މުޅި ޖައްވަށް ރަން ކުލައެއް ގެނުވައި އިތުރު ހިތްގައިމުކަމެއް އެފޮޓޯއިން ބަބުޅަމުންދެއެވެ. ވަރަށް އާދައިގެ ގޮތަކަށް ހުދު ގަމީހަކާއި ކަޅު ސޯޓެއްގައި ސާރާ ނަގާފައިވާ އެފޮޓޯއިން، އޭނާގެ ރީތިކަން ވެސް އިތުރަށް ހާމަވެގެން އާދެއެވެ.
ފޮޓޯ ހިއްސާކުރަމުން އޭނާ ލިޔެފައިވާ ރީތި އިބާރާތްކޮޅުގައި ބުނެފައި ވަނީ ''މުސްތަގުބަލުގައި ކާމިޔާބު ހާސިލުކުރުމަށް އުއްމީދެއްގައި ހުރިއިރު ހިނގަމުން އަންނަ ވަގުތުގެ ވަށައިގެންވާ ވަޔާއި، މޫދާއި، ލަމުން އަންނަ ނޭވާ އަދި ހިތުގެ ތެޅުމުގެ އަޑެއް އެއްވެސް މީހަކަށް ނީވޭނެ'' ކަމަށެވެ. ސާރާގެ މިފޮޓޯގަނޑަށް ގިނަބައެއްގެ ލޯތްބާއި ތައުރީފު ވަނީ ފޮޓޯ ހިއްސާކުރިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައިވެސް ލިބިފަ އެވެ.
އެ ފޮޓޯގެ އިތުރަށް ރާއްޖޭގެ ގޮނޑުދޮށުގައި ސާރާ އެކަނި ވަގުތުކޮޅެއް ހޭދަކުރާ ވީޑިއޯއެއްވެސް ވަނީ އިންސްޓަގްރާމު ސްޓޯރީ އަށް ލާފައެވެ. ހަމަ ހިމޭން މާހައުލުން އޭނާ ހިތްހަމަޖެހުން ހޯދަމުން އަންނައިރު ސާރާގެ ފުރަތަމަ ބޮލީވުޑް ފިލްމު ''ކެދާރުނާތު''ގެ ލަވައެއް ކަމަށްވާ ''ނަމޯ ނަމޯ'' ގެ އަޑު ހިތްގައިމު ވަރަކަށް ވީޑިއޯ އިން އިވެމުން ދެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން