ސްކޫލުތަކުގައި ކިޔަވައިދޭ ފޮތްތަކުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކުށް އަޅައި ކިޔުމަށް ނުވަތަ ޕްރޫފް ރީޑިން ޕެނަލެއް އެޑިއުކޭޝަން މިނިސްޓްރީން ގާއިމުކޮށްފިއެވެ.

ހަތަރު ގުރޭޑެއްގެ ފޮތްތަކުގެ މައްސަލައެއް ފެންމަތިވެ އެކަމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ހަތަރު ގްރޭޑެއްގެ ފޮތްތަކުން މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ގުރޭޑު އެކެއްގެ ފޮތް ފިޔަވައި އެހެން ފޮތްތަކުން މައްސަލަ ދިމާވެފައިވަނީ 2015 އިން ފެށިގެން ކަމަށެވެ. ނަމަވެސް އެކަންތައް ފާހަގަވެފައިވަނީ މިއަހަރު ކަމަށާއި އެކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ އިތުރަށް މިފަދަ މައްސަލައެއް ދިމާނުވާނެ ފަދަ ގޮތެއް ހަމަޖެއްސުމަށްޓަކައި ޕްރޫފް ރީޑިން ޕެނަލެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ފޮތްތަކެއް އެ މާއްދާއެއްގެ ޓީޗަރު ޕެނަލަކުން ބަލަން މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެ ޕެނަލުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

ގުރުއާނުގެ އާޔަތްތައް ނުބައިކޮށް އޮވެގެން ނުވާނެކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި މައްސަަލަ މިގޮތަށް ދިމާވި ސަބަބު ދެނެގަތުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ނުބުނެވޭނެ ކަމަށާއި މިއީ ކޮންމެ ބައެއްގެ އަތުންވެސް ވެދާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ގުރުއާން މާއްދާގައި މިފަދަ ބޮޑު މައްސަލައެއް އޮތުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.