މ. މުލިން މިއަދު ވައިރަލް ވެގެން އައި ފޭސްބުކް ޕޯސްޓެކެވެ. ހިނގާ ބިނގާވެ އުޅުމަށް މަހުރޫމުވެފައިވާ ފަރާތެއް، ބޫގީ ބޯޑަށް ގެންގޮސް، ރާޅުތަކުން ހިތްހަމަ ޖައްސާލައި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ހިމެނޭ ޕޯސްޓެކެވެ. ހިތްތަކަށް ފިނިކަން ގެނެސްދިން އެ ޕޯސްޓަށް ގިނަ ބައެއްގެ ލޯބި ދިނެވެ. ކޮން ބައެއްކަން ނޭނގުނަސް، މުލީ އަލީ ސާތިރު ބިން މޫސާ ޕޯސްޓު ކޮށްފައިވާ ފޮޓޯތަކުގެ އަސަރުގަދަކަމުން އެތައް ބަޔަކު އެ ޕޯސްޓް ޝެއާކުރިއެވެ. އެ ޕޯސްޓުގެ ފަހަތުގައި ވާ ވާހަކަތަކަށް އަޅުގަނޑުގެ ޝައުގު އުފެދި، އެ ވާހަކަތަކަކީ ކޮބައިތޯ ހޯދައިވެސް ލީމެވެ.

ފެންނަ މަންޒަރަކީ މުލީ ޒުވާނުންތަކެއްގެ ލާމަސީލު ނަމޫނާއެކެވެ. އުމުރުން 31 އަހަރުގެ ކައިފް އަހުމަދަކީ މޭ ކަށިގަނޑުން ތިރި ޕެރެލައިޒް ވެފައިވާ ޒުވާނެއް ނަމަވެސް، އޭނާއަށް އުފާތަކުން މަހުރޫމް ވިޔަ ނުދީ ހިފަހައްޓަމުންދާ އެކުވެރިންތަކެއްގެ އޯގާތެރި މަންޒަރު ވަރަށްވެސް ޝައުގުވެރިއެވެ. ކައިފް ބޫގީ ބޯޑިންއަށް ގެންދަނީ އާއިލީ ގޮތުން އޭނާއާ ގުޅުން އޮންނަ އައިހަމް އަދުނާނާއި އޭނާގެ "ކްރައުޑުން" ނެވެ. އެ ވާހަކަތައް ކައިފް އަދި އައިހަމްވެސް ވަނީ އެކްސްކްލޫސިވްކޮށް "ވަން"އާ ހިއްސާކޮށްފައެވެ.

"ކުރިން ރެގިއުލާކޮށް ދާ މީހުންނާއެކު މިހާރު ކައިފް ނުދޭ. ޕެރަލައިޒްވި ފަހުން އާންމުކޮށް ބަލަން އިންނާނީ ބީޗު މަތީގައި. އަސްލު މީހުން ނުގެންދަނީ ކަމެއް ވެދާނެތީ. މައްސަލައެއް ދިމާވެދާނެތީ ކަންނޭނގެ. ދާ ހިތުން ބަލަން އިންނާތީ އަހަރެމެން ގެންދަން ފެށީ. މިހާރު އަހަރެމެންނާއެކު ދާތާ ތިން އަހަރު ވެއްޖެ. ރާޅުތައް ރީތި ދުވަސްތަކުގައި ގެންދަނީ. ހާއްސަކޮށް އޭނާއަށް ދުއްވޭ ކަހަލަ ދުވަސް ދުވަހު ގެންދަނީ. ވަރަށް އުފާވޭ އޭނާ ގެންގޮސް ދެވޭތީ. އަދިވެސް ހިތަށް އަރާ އޭނާއަށް އެކަން ދިމާނުވި ނަމައޭ،" އައިހަމް، ކައިފްގެ ވާހަކަ ކިޔައިދެމުން ބުނެފައިވެއެވެ.

ކައިފް ކިޔައިދިން ގޮތުގައި ހަށިގަނޑުގެ ބޮޑު ބައެއް ޕެރެލައިޒްވެ، އޭނާގެ ހަޔާތް ބަނަވެގެން ދިޔައީ މީގެ ނުވަ ވަރަކަށް އަހަރު ކުރިންނެވެ. އެއީ ޑައިވިންގެ ތެރެއިން ދިމާވި ހިތާމާވެރި ހާދިސާއެކެވެ. މުއްޔަކީ ރާޅަށް ބޮޑު ތަރުހީބެއް އޮންނަ ރަށަކަށްވީ އިރު، ނުވަ ވަރަކަށް އަހަރު ކުރިން ކައިފަކީ އެ ދާއިރާއިން އެންމެ އުހުގައި ފާހަގަކޮށްލެވުނު އެތުލީޓެކެވެ. އޭނާގެ ކެރިއަރަށް ކުރިމަތިވި ކަޅު ދުވަސްތަކާއެކު އުންމީދު ގެއްލުނު ނަމަވެސް، މިއަދު އަނެއްކާވެސް ބޫގީ ބޯޑުގައި ކައިފް ދަނީ ހިތް އުފާކުރަމުންނެވެ.

"އަށް އަހަރުވެގެން ގޮސް، ނުވަ އަހަރު ވެގެން ދިޔައީ ޕެރަލައިޒްވެގެން ދިޔަތާ. ޑައިވިންއަށް ގޮސް އެރިތަނާ މިހެން ދިމާވީ. ދެން ބަނޑޮހަށް ގެންގޮސް ބަލާފައި އެމީހުން ބުނި ޑީކޯގެ އެއްވެސް އަލާމަތެއް ނުފެނޭ. އެކަހަލަ އެއްވެސް ކަމެއް ނުފެނޭ. މޭ ކަށިގަނޑުން ފެށިގެން ތިރި މި އިންނަނީ ވާގި ދޫވެފައި. ކުރިން ހަމަ ރާޅާ އެޅުމާ ހުރިހާ ކަމެއްގައިވެސް އުޅުނިން،" ކައިފް އޭނާގެ ވާހަކަ ކިޔައިދިނެވެ.

ޕެރެލައިޒްވެ ހަޔާތަށް ބޮޑެތި އެތައް ޗެލެންޖެއް ކުރިމަތިވި ނަމަވެސް ކައިފްގެ ދިރިއުޅުން ހުއްޓައެއް ނުލައެވެ. މަހަށް ދިއުމާއި މޫދުގެ އެތައް ކަމެއްގައި އޭނާ ދިޔައީ ބައިވެރިވެ، ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުންނެވެ.

"ޕެރެލައިޒްވި ނަމަވެސް ދޮޅު އަހަރެއްހާ ދުވަހު ހުރީ. މޫދަށް ދާން ފެށުނީ ސަފާރީއެއްގައި މަސައްކަތް ކުރި އެކުވެރިއަކު ބުނެގެން ދިޔަ ދިޔުމަކުން. އޭރުވެސް މަހަށް ގޮސް އުޅެން ޕެރެލައިޒް ވިޔަސް. ދެން އޭނާ ބުނީ ގެސްޓުން ގޮވައިގެން މަހަށް ދާން ބޭނުންވާ ކަމަށް. ޖައްސާލަން ވީ ނޫންހޭ. ދެން އެމީހުން ގޮވައިގެން ގޮސްފައި، އެރޭ ބޯޓުގައި މަޑުކޮށްގެން ހުރެފައި، އަނެއް ދުވަހު ހެނދުނު ފައިބަން ވެގެން އައިސްފައި ބޫގީ ބޯޑެއްގައި ދީފައި މިބުނީ ކުރިންވެސް ރާޅާ ޖެއްސިއޭ. އަހަރުމެންނަށް އެބަ ފެނެއޭ އަނެއްކާވެސް ރާޅާ ޖައްސާ ތަން. އެއީ ރޯދަ މަހެއް ނަމަވެސް ހަމަ ރަށަށް އައި ގޮތަށް ޝައްކެއްގައިވެސް ހުރެ ފުރަތަމަ ރާޅަށް އެރުނީ. ރާޅުތައް ބޮޑަކަސް އެއްބަނޑު އެއްބަފާ ކޮއްކޮއާއެކު ގޮސް، އެ ދުވަހު ސްޓާޓު ކުރީ،" ޑައިވިންގެ ހާދިސާއަށްފަހު އަލުން މޫދަށް ފޭބި ގޮތް ކައިފް ކިޔައިދިނެވެ.

"ފުރަތަމަ ކޮޅު އުނދަގޫ ނަމަވެސް މިހާރު ހޭނިއްޖެ. އުނދަގޫ ކަމެއް ނެތި މިހާރު ހިތްހަމަ ޖެހިލައިގެން މިކަން ކުރެވޭ. އަސްލު މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެހެން ނޫންނަމަ ހަމަ ރަށު ތެރޭގައި ހުންނާނީތާ. ޕެރެލައިޒްވި ހިސާބުންވެސް ހިތަށް އެރި އެހެން ރަށު ތެރޭގައި ނުހުންނާނަމޭ. ކިރިޔާ އުޅެވޭ ވަރުވީ އިރަށްވެސް ކަންކަން ކުރަން ފަށައިފިން. ދެން އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށްވީ މޫދު. މޫދަށް ދާން ފެށީ. ފުރަތަމަ މަސް ހިފަން ގޮސް، ދެން ހަމަ އާންމުކޮށް ހަމަ މޫދަށް ދާން ފެށީ،" ކައިފް އިތުރަށް ބުނެފައިވެއެވެ.

ކައިފްގެ ހިތްވަރަށް އެންމެ ބޮޑު މަސައްކަތެއް ކޮށްދޭ އެއް ބަޔަކީ އެކުވެރިންގެ ގާތްގަނޑަކަށް އަށްވަރަކަށް މީހުންގެ ގްރޫޕުންނެވެ. އައިހަމްއާއި އެކުވެރިން ކައިފް ގޮވައިގެން ނޫނިއްޔާ ރާޅަކަށް ނުދެއެވެ. ކައިފް ބޭނުންވާ ގަޑީގައި، ކައިފަށް ރާޅުތައް ފައްސި ނަމަ، އަބަދުވެސް އޭނާ ބޯޑާއެކު ގެންގޮސް އެކުގައި ބައިވެރި ކުރުވައެވެ. އައިހަމްއާއި ކައިފްގެ އިތުރު އެކުވެރިއެއް ކަމަށްވާ އަނޫފް އަކީ ގައުމީ ލެވެލްގައި ރަން ވަނަތައްވެސް މުއްޔަށް ހޯދައިދިން ދެ އެތުލީޓުންނެވެ. އިންޓަނޭޝަނަލް ރަންނަމާރި 2019އާއި ގައްދޫ ޕްރޯ 2020 ގައެވެ. އެ ކާމިޔާބީއާ ހަމައަށް އައިހަމްއާއި އަނޫފް ދިޔައީ ރަށުގައި ތަމްރީނުތައް ހަދައިގެން ކަން ފާހަގަ ކޮށްލެވެއެވެ.

އައިހަމްއާއި ކައިފްގެ އިތުރުން އެކުވެރިން މިއަދު އެ ހޯދައިދެނީ ރަށަށް މާ ރީތި ނަމެކެވެ. ދައްކަނީ މާ ބޮޑު، ނަމޫނާ މަންޒަރެކެވެ. ކައިފަށް އެ ހޯދައިދޭ އުފާ އޭނާއަށް އަގުވަޒަން ކުރަންވެސް ދައްޗެވެ. "އެއީ އާއިލާގެ ބައެއް. ހަމަ ގުޅާލާއިރަށް ދާން ބޭނުމިއްޔާ ދާނެ. އެމީހުން އަންނާނެ ބަލާ. އެމީހުން ވަރަށް ވަރަށް ރަނގަޅުވާނެ،" ކައިފް، އައިހަމްއާއި ރަށްޓެހިން ސިފަކުރަމުން ބުނެފައިވެއެވެ. އަސަރުގަދަ އެ އުފާވެރި ފޮޓޯތަކުގެ ވާހަކައަކީ މިއެވެ.