ދުނިޔެ

އަފްގާންގެ ޕަންޖްޝީރުގެ ފުރިހަމަ ކޮންޓްރޯލު ހޯދާފައިވާކަން ތާލިބާނުން އިއުލާނުކޮށްފި، އެންއާރުއެފުގެ ހަބަރެއް ނެތް

އަފްގާނިސްތާނުގެ ޕަޖްޝީރުގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައިވާ ކަމަށް ތާލިބާން ޖަމާއަތުން ބުނެފިއެވެ.

ޕަންޖްޝީރަކީ ތާލިބާނުން އަފްގާނިސްތާނަށް ވެރިވެގަތް އިރު، އެޖަމާއަތުގެ ބާރުގެ ދަށަށް ނުގޮސް އޮތް ހަމައެކަނި ޕްރޮވިންސެވެ. އެ ޕްރޮވިންސް ތާލިބާންގެ އަތްދަށަށް ގެނެސްފައި މިވަނީ، އެތަނުގައި ހަރަކާތްތެރިވާ އަހުމަދު މައްސޫދު ލީޑަރަކަށް ހުރެގެން އުފައްދާފައިވާ ނެޝަނަލް ރެސިސްޓަންސް ފޯސް (އެންއާރުއެފް) އާއި ތާލިބާންގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގުމަށްފަހުގައެވެ.

ތާލިބާނުގެ ތަރުޖަމާނު ޒާބިހުﷲ މުޖާހިދު މިއަދު ވަނީ ޕަންޖްޝީރު އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެކަން ކުރުމުގައި އާއްމުންގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ބުނެފައެވެ. އަދި ހަމަލާތައް ހުއްޓާލުމުގެ ގޮތުން އެންއާރުއެފްއާއެކު މަޝްވަރާ ކުރުމަށް ތާލިބާނުން މަސައްކަތްކުރި ކަމަށާއި ނަމަވެސް އެ ޖަމާއަތުން އެދެވޭ އެއްބާރުލުމެއް ދީފައިނުވާ ކަމަށް ބުންޏެވެ.

ތާލިބާނުން އެހެން ބުނި ނަމަވެސް، އެންއާރުއެފުން މީގެ ކުރިން ވަނީ ހަމަލާ ބަދަލުކުރުންތައް ވަރުގަދަވަމުންދާތީ، ތާލިބާނާއެކު މަޝްވަރާއަކަށް ދިއުމަށް ތައްޔާރުކަން ހާމަކޮށް ހަމަލާތައް ހުއްޓާލުމަށް އެދިފައެވެ. އެގޮތަށް އެދިފައިވާ އިރު، އެ ގުރޫޕުގެ ތަރުޖަމާނު އަދި އަފްގާނުގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ފަހީމް ދަޝްތީއާއި ޖެނެރަލެއް ކަމަށްވާ އަބްދުލް ވަދޫދު ޒާރާ ހަމަލާތަކުގައި މަރުވެފައިވާކަން އެ ގުރޫޕުން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލު ތާލިބާނަށް ލިބިފައިވާކަން އެ ޖަމާއަތުން އިއުލާނު ކުރި ނަމަވެސް، އެންއާރްއެފްގެ ލީޑަރު މައްސޫދާއި އެޖަމާއަތާ ގުޅިފައިވާ އަފްގާނިސްތާނުގެ ވަގުތީ ރައީސް އަމްރުﷲ ސާލިހުގެ ހަބަރެއް އަދި ނުވެއެވެ.

އެންއާރްއެފްއަކީ މައްސޫދަށް ތާއީދު ކުރާ ހަނގުރާމަވެރިންނާއި އަފްގާނުގެ ކުރީގެ ސިފައިންގެ ތެރެއިން ޕަންޖުޝީރުގައި ތިބި ސިފައިން ހިމެނޭހެން އުފައްދާފައިވާ ޖަމާއަތެކެވެ. އަހުމަދު މައްސޫދުގެ ބައްޕައަކީ މީގެ ކުރިން ސޯވިއެޓާއި ތާލިބާނާ އިދިކޮޅަށް ހަރަކާތްތެރިވި ކޮމާންޑަރެއް ކަމަށްވާ އަހުމަދު ޝާހު މައްސޫދެވެ.

ޕަންޖުޝީރު މީގެކުރިން މަޝްހޫރުވެފައި ވަނީ 1980ގެ އަހަރުތަކުގައި ސޯވިއެޓުގެ ބާރުގެ ދަށަށް ގޮސްފައި ނުވާ އަދި 1990ގެ އަހަރުތަކުގައި ތާލިބާނުގެ ބާރުގެ ދަށަށް ގޮސްފައިނުވާ އަފްގާނުގެ ޕްރޮވިންސުގެ ގޮތުގައެވެ.