ށ. ފީވަކުގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފީވަކު ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައި ފެން ޕުލާންޓު ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ފީވަކަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ފީވަކުގައި 9.17 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކު ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕުލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ.

އޭގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެއެވެ.

ފީވަކުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ފެން ކުންފުންޏާ ހަވާލުކޮށްފައި ވަނީ ޖުމުލަ 49.6 މިލިއަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.