ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރު ކަމަށް މ. ލިލީސް/ އަޒްހާ ޒަމީރު އާއި ގ. ހިމާލިޔާގެ/ ފާތުމަތު ނިއުމާ އިތުރުން ހ. ރައިޒިން ސަން/ ފާތުމަތު ޒީނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އަޒްހާ އާއި ނިއުމާ އަދި ޒީނާގެ އިތުރުން ދަފްތަރު 2864/ އައިމިނަތު އަލީ އާއި ބ. ކެންދޫ/ ޝާޒީބިން، އައިޝަތު ޝީޒާ އެވެ.

އެ ބޭފުޅުންގެ ތެރެއިން އަޒްހާއަކީ ޖެންޑާ އީކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި ނިއުމާކީ ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި ޒީނާއަކީ މަދަނީ ޖަމިއްޔާގެ މެންބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، އެބޭފުޅުންގެ ތެރެއިން އަޒްހާ އާއި ނިއުމާ އަދި ޒީނާ އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން ކޮމިޓީން ފާސްކޮށް އެ ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. އެ ބޭފުޅުން އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން މަޖިލީހުން ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ)ގެ (2)ގައި ބުނެފައި ވަނީ، އެލްޖީއޭ ހިންގާނީ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ވަޒީރުގެ ގޮތުގައި ހޯމް މިނިސްޓަރާއި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުން ކަމަށްވާ ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެންބަރެކެވެ.

މީގެ އިތުރުން ދެން އެ ބޯޑުގައި ހިމެނިވަޑައިގަންނަވާނީ ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ މެންބަރަކާއި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ މެންބަރަކާއި މާލީ ކަންކަމާ ގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.