ބައެއް ގުރޭޑްތަކުގެ އިސްލާމް އަދި ގުރުއާން މާއްދާގެ ފޮތްތަކުގައި އާޔަތްތައް ނުބައިކޮށް ލިޔެވިފައި ހުންނަތާ ހަ އަހަރު ވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކުދިންގެ ފޮތްތަކުގައި ގުރުއާނުގެ އާޔަތްތަށް ނުބައިކޮށް ހުރުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ގުރުއާން ފޮތުގައި ކުށްތަކެއް ހުރެގެން އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން މިއަހަރު ޗާޕުކުރި ގުރޭޑު އެކެއްގެ ގުރުއާން ފޮތުގައި ވަރަށް ބޮޑު މައްސަލައެއް ދިމާވެފައިވާ ކަމަށާއި އަދި އެކަން ފާހަގަކުރެވުނު ހިސާބުން ދަރިވަރުން އަތުން ފޮތްތަށް ނަގައި ފޮތުގެ އެގަނޑު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ހުރި ކަމަށް ފާހަގަވާ އެހެން ގުރޭޑުތަކުގެ ފޮތްތަކަކީ 2015 ވަނަ އަހަރު ޗާޕުކޮށްފައިވާ ފޮތްތަކެއް ކަމަށެވެ.

"މިސްޓޭކުތައް ފާހަގަވެފައިވާ އެހެން ގުރޭޑުތަކުގެ ފޮތްތަކުގެ މައުލޫމާތުވެސް މިވަނީ ލިބިފަ. މިސާލަކަށް ގުރޭޑު ދޭއްގެ ފޮތް. އެ ފޮތަކީ 2015 ވަަނަ އަހަރުން ފެށިގެން ދަރިވަރުން ބޭނުންކުރަމުންދާ ފޮތް. ހަމަ އޭރު ފާސްވެގެން އެއްވެސް ބަދަލެއް ނުގެނެސް މިއަދާ ހަމައަށް ބޭނުންކުރަމުންދާ ފޮތްތައް. އެ ފޮތުގައި އެ މިސްޓޭކު އޮތްކަން ފާހަގަނުވެ މި ހުރިހާ ދުވަހު ބޭނުން މިކުރީ. ދެން ޓީޗަރުންނާ ސުވާލު ކުރުމުން އެ ބޭފުޅުން ވިދާޅުވަނީ އެތަން ރަނގަޅުކޮށްލުމަށްފަހު ދަރިވަރުންނަށް ކިޔަވައިދޭ ކަމަށް. އެކަމަކު ގުރޭޑު އެކެއްގެ ފޮތުގައި މައްސަލައަކީ މިއަހަރު ދިމާވި މައްސަލައެއް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގުރޭޑު 10ގެ ފޮތާއި ގުރޭޑު 12ގެ އިސްލާމް ފޮތަކީވެސް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްލާމިކް މިނިސްޓްރީން ފާސްކޮށްގެން ބޭނުން ކުރަމުން އައި ފޮތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެ ކުށްތައް އިސްލާހުކޮށް އެކަން ދަރިވަރުންނާއި ބެލެނެވެރިންނަށް އަންގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ގުރުއާން ފޮތެއްގައި މައްސަލައެއް ދިމާވެގެން ނުވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. ރާއްޖޭގައި ގުރޭޑު އެކެއްގެ ދަރިވަރުންނަށް އުނގަންނައި ދިނުމަށް ބޭނުންކުރާ ގުރުއާން ފޮތުގައި ދެ ސޫރަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލަ ފެންމަތިވުމާއި ގުޅިގެން އެކަން ދިމާވި ސަބަބު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށެވެ.