އިސްލާމީ ތާރީޚު

އެންމެ ބޮޑު ފަތަޙަ - މައްކާ ފަތަޙަ ކުރެއްވުން

އަބްދުﷲ ފާރޫގް ހަސަން

1

މައްކާއާއި ޤުރައިޝުންގެ އަހަންމިއްޔަތު

މައްކާއަކީ ޤަބީލާތަކާއި ވަންހަތަކަށް ބެހިފައިތިބި ޢަރަބީންގެ ދީނީ ވެރިރަށެވެ. މައްކާއަށް އެމަގާމު ލިބިފައިވާ އެންމެ ފުރަތަމަ ސަބަބަކީ كـعـبــة اللّـه ގެފުޅު މައްކާގައި ހުރުމެވެ. ތައުޙީދުގެ މަރުކަޒުގެ ގޮތުންނެވެ. ދެވަނައަށް ޙިޖާޒުކަރައިގައި މައްކާއަށް ލިބިފައިވާ ޖޯގްރަފީ އަހަންމިއްޔަތެވެ. މުޝްރިކު ޢަރަބީން ގަބޫލުކުރާގޮތުގައި އެބައިމީހުންގެ ދީނަކީ ސަލާމްލެއްވި إبــراهيــم ގެފާނުގެ ދީނެވެ. އެހެންކަމުން ޒަމާން ބަދަލުވެ ޢަރަބީންގެ ތެރޭގައި ބުދަށް އަޅުކަންކުރުން ޢާއްމުވުމަށްފަހުވެސް އެބައިމީހުންގެ ހިތްތަކުގައި كـعـبــة ގެ ޙުރުމަތް ދެމިއޮތެވެ. كـعـبــة ގެ ސަބަބުން މައްކާއަށް ލިބިފައިއޮތް މުޤައްދަސްކަމާއި، މަރުކަޒީ ހައިސިއްޔަތުވެސް ކުރިއެކޭ އެއްގޮތަށް ދެމިއޮތެވެ. ނަތީޖާއެއްގެގޮތުން މައްކާ ފަތަޙަ ނުވަނީސް ޢަރަބިކަރަ އިސްލާމްދީނަށް ބޯނުލަނބާނެކަން މުސްލިމުންގެ ދުރުވިސްނިވަޑައިގަންނަވާ ޤާއިދު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ.

ޤުރައިޝުންނަކީ ޢަރަބިކަރައިގެ ދީނީ ޒަޢީމުންނެވެ. އެހެންކަމުން ޢަރަބިކަރައިން ބުދަށް އަޅުކަންކުރުން ނައްތައިލެއްވެންއޮތީ ޤުރައިޝުން އިސްލާމްދީނަށް ބޯލަނބައިގެންނެވެ. ޤުރައިޝުންނަކީ އިސްލާމީ ތަހުރީކުގެ އެންމެ ފުރަތަމަ ދުޝްމަނުންނެވެ. އިސްލާމްދީނުގެ ދަޢުވަތު ފާޅުވުމާއެކު ޤުރައިޝުން ބެލީ އެ ދަޢުވަތަކީ އެބައިމީހުންގެ އަމިއްލަ ވެރިކަމަށް ޖެހުނު ގޮމެއްކަމުގައެވެ. އެބައިމީހުންގެ ޝަރަފާއި ކަރާމަތަށް ދެވުނު ޙަމަލައެއް ކަމުގައެވެ. ތިމާގެ ޢިއްޒަތާއި ކަރާމަތާއި އަބުރު ރައްކާތެރިކުރުމަކީ ޢަރަބީންގެ ޤައުމީ ޝިޢާރެކެވެ. އެކަމަށްޓަކައި ކަތިވެމަރުވެ ތިމާމެންގެ ހުރިހާ އެއްޗެއްސެއް ޤުރުބާންކޮށްލާކަށެއްވެސް އެޒަމާނުގެ ޢަރަބީން ފަހެއް ނުޖެހެއެވެ.

ޤުރައިޝުންނަކީ ޢަރަބީންގެ އެންމެ ވަރުގަދަ ޢަސްކަރީ ބަޠަލުންނެވެ. ހަނގުރާމައިގެ އެންމެ ކުޅަދާނަ ކޮމާންޑަރުންނެވެ. އެބައިމީހުން ދެކޭގޮތުގައި އެބައިމީހުންނަކީ إبــراهيــمى ދީނާއި، بـيـت اللّـه ގެ ފާރަވެރީންނެވެ. ހަމައެފަދައިން ޤުރައިޝުންގެ ސިޔާސީ ތަޖުރިބާއާއި، ވަށައިގެންހުރި ދައުލަތްތަކާމެދު އެބައިމީހުންނަށް ލިބިފައިވާ މުއްސަނދި މަޢުލޫމާތުތަކަކީ އިސްލާމީ ދަޢުވަތު އުދަރެސްތަކަށް ފަތުރައިލުމުގައި ނުހަނު ބޭނުންތެރި ކަންކަމެވެ. އެހެންކަމުން ވީހައިވެސް މައިތިރި ގޮތަކަށް ޤުރައިޝުން އިސްލާމްދީނަށް ބޯލަންބުވައި މުސްލިމުންގެ ބާރުގެ ދަށަށް މައްކާ ގެންނެވުމުގެ ބޭނުންތެރިކަން އިސްލާމްދީނުގެ ނަބިއްޔާ ވަރަށް ރަނގަޅަށް ދެނެވެޑައިގަންނަވައެވެ. އެމާތް ސާހިބާ ގެންދެވީ އެކަމަށް ދުރާލައި ވިސްނައިވަޑައިގެން ވަސީލަތްތައް ތައްޔާރު ކުރައްވަމުންނެވެ.

ފަތަޙައިގެ ޢަސްކަރީ މަރުޙަލާ


އަޙުޒާބު ހަނގުރާމަޔަށްފަހު ޤުރައިޝުންނާއި، އެބައިމީހުންގެ އެކުވެރި ޤަބީލާތަކުގެ މެދުގައި އޮތީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. ބައިބައިވުން އުފެދިފައެވެ. އެބައިމީހުންގެ ޢަޒުމާއި ޔަގީންކަމަށް އޮތީ ގުޑުން އަރައިފައެވެ. ބޭރުފުށުން އެކުވެރިކަމުގައި ފެނުމާއެކުވެސް އެތެރެއިން އޮތީ ރޫޅެން ފަށައިފައެވެ. ޝިރުކަކީ ފަރުދެއްގެ ކިބައިގައި އެކަން ދެމިއޮތަސް ޤައުމެއްގައި އަށަގެންފައި އޮތަސް އެބައެއްގެ ޝަޚުޞިއްޔަތަށް އޭގެ ނޭދެވޭ އަސަރު ފޯރުވާ ކަމެކެވެ. އެބައެއްގެ ނަފުސާނީ ޙާލަތު ނުބައިކޮށްލާ ކަމެކެވެ. އެހެންކަމުން، ޤުރައިޝުންނަށް ޙުދައިބިއްޔާގެ މުޢާހަދާގައި ސާބިތުވެ ނުތިބެވޭނެކަން އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ދެނެވަޑައިގަންނަވައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެންދެވީ އެދަނޑިވަޅުގެ ފައިދާ ނަންގަވަން ނުހަނު ޙިކުމަތްތެރިކަމާއެކު ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. އިތުރު ސާހިބާގެ ރޭއްވެވުމަކީ ވަރުގަދަ މަޢުރިކާއެއް ނުހިންގަވައި އިންސާނީ ލޭތަކެއް އޮހޮރައިނުލައްވައި ވީހާވެސް ލުއިލުއިގޮތަކަށް މައްކާގެ މައްޗަށް ބާރު ހިންގެވުމެވެ. ޤުރައިޝުން ކިޔަމަން ކޮށްލެވުމެވެ. އަނެއްކޮޅުން ޙުދައިބިއްޔާގެ ޞުލްޙައިގެ ސަބަބުން ލިބުނު އަމާންކަމުގެ ދުވަސްތައް ބިނާކުރަނިވި ގޮތެއްގައި ބޭނުންހިފުމުގެ ވިސްނުމެއްވެސް ޤުރައިޝުންގެ ކިބަޔަކު ނެތެވެ. އެބައިމީހުން ތިބީ ޣާފިލުކަމުގައެވެ. ޤުރައިޝުންގެ ޣާފިލުކަމާއި ދުރަށް ނުވިސްނުމުގެ ސަބަބުން އެބައިމީހުންގެ އެކުވެރި ޤަބީލާއެއް ކަމުގައިވާ ބަކުރުވަންހައިގެ މީހުންނަށް ހަތިޔާރު ދީގެން މުސްލިމުންގެ ޙަލީފުންކަމުގައިވާ ޚުޒާޢަތުވަންހައިގެ މީހުނާ ހަނގުރާމަ ކުރުވިއެވެ. ސީދާ ޙަރަމުގެ ތެރޭގައި ޚުޒާޢަތުވަންހައިގެ ބަޔަކު ޤަތުލު ކުރުވައިފިއެވެ. އެކަމަކީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ޙުދައިބިއްޔާގެ ޢަހުދުނާމާއާ ޚިލާފުވުމެވެ. ބަކުރުވަންހައަކީ ޤުރައިޝުންގެ ޙަލީފުން ކަމުގައިވާ ފަދައިން ޚުޒާޢަތުވަންހައަކީ މުސްލިމުންގެ ޙަލީފުންނެވެ.

މި ހާދިސާގެ ހޫނުކަން ހުއްޓައި ޚުޒާޢަތުވަންހައިގެ ޒަޢީމެއްކަމުގައި عَـمــرو بــن ســالــم ގެ ވެރިކަމުގެ ދަށުގައި އެވަންހައިގެ ވަފުދެއް މަދީނާއަށް ހިނގައްޖެއެވެ. عَـمــرو بــن ســالــم ޤަތުލާއި ފޭރުމުގެ އެނުރައްކާތެރި ހާދިސާގެ ވަރަށް އަސަރުގަދަ ފުރިހަމަ ތަސްވީރެއް އިތުރު ސާހިބާގެ އަރިހަށް ޅެންބަހުރުވައިން ހުށަހެޅިއެވެ. މުސްލިމުންގެ ހިތާމައާއި ރުޅިވެރިކަން ވަގުތުން ސައްތަޔަށް އެރިއެވެ. ހަތަރު ފަރާތުން ޤިޞާޞުގެ އަޑު އުފުލޭން ފެށިއެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. އޭ عَـمــرو بــن ســالــم އެވެ. ތިބާއަށް ވަނީ އެހީދެވިގެންނެވެ. އެއަށްފަހު އުޑުމަތީގައިހުރި ވިލާކޮޅަކަށް އިޝާރަތް ކުރައްވައި ޙަދީޘު ކުރެއްވިއެވެ. އެހެރަ ވިލާކޮޅު ވިދައި ބަބުޅަމުން އެދަނީ بـنـو كـعـب އަށް ވެވޭ އެހީގެ ބަޝާރަތާއިގެންނެވެ. ތިޔަބައިމީހުން އެނބުރިގޮސް މިވާހަކަ ނުދައްކައި ތިބޭށެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ދެންވެސް ޤަޞްދުކުރެއްވީ ޑިޕްލޮމެޓިކް ގޮތުން އިހަށް މަސައްކަތްޕުޅު ކޮށްލެއްވުމަށެވެ. އެގޮތުން އިތުރު ސާހިބާގެ ސަފީރުން ޤުރައިޝުންގެ ގާތަށް ފޮނުއްވިއެވެ. މުސްލިމުންގެ ފަރާތުން ޤުރައިޝުންނަށް ތިން ޝަރުޠެއް ހުށަހެޅުއްވިއެވެ. އޭގެތެރެއިން ކޮންމެވެސް އެއް ޝަރުޠެއް ގަބޫލުކުރަން އެންގެވިއެވެ. އެތިން ޝަރުޠަކީ:

1. ޤަތުލުވި މީހުންގެ މަރުގެދިޔަ ދިނުން.
2. ޤުރައިޝުން ބަކުރުވަންހައިގެ ޙިމާޔަތުން އެއްކިބާވުން.
3. ޙުދައިބިއްޔާގެ އެގްރިމެންޓް އުވުނުކަން ސާފުބަހުން އިޢުލާނުކުރުން.

ޤުރައިޝުން ގަބޫލުކުރީ ތިންވަނަ ޝަރުޠެވެ. އެއުރެންގެ ބޮޑާކަމާއި އަނިޔާވެރިކަމުގެ ޖޯޝުގައި ދުރަށް ނުވިސްނުމުގެ ސަބަބުންނެވެ. ޤުރައިޝުންގެ ތަރުޖަމާނު قـمــرة بــن عـُمــر ޙުދައިބިއްޔާގެ އެގްރިމެންޓް އުވުނުކަން ސާފުބަހުން އިޢުލާނު ކުރިއެވެ. މުސްލިމުންގެ ސަފީރުން ފުރައިގެން މަދީނާއަށް ދަތުރު ފެށުމާއެކު ޤުރައިޝުން އެމީހުންގެ ނިންމުން މުރާޖަޢާ ކުރިއެވެ. އެހައިތަނުން އެމީހުންނަށް ރޭކާލީ މިއެޅުނީ ވަރަށްވެސް ޅައެއްޗެއްކަމެވެ. ތިމާމެންނަށް މިނިންމުނީ ބިރުވެރި ނަތީޖާއެއް ނުކުމެދާނެ ނިންމުމެއްކަމެވެ. ޤުރައިޝުން އެކަމާ ވަރަށް ހިތާމަކުރިއެވެ. ޙުދައިބިއްޔާގެ އެގްރިމެންޓް އާކުރުމަށްޓަކައި އެބައިމީހުންގެ ޒަޢީމު أبــوسفيــان މަދީނާއަށް ފޮނުވިއެވެ.

أبــوسفيــان މަދީނާއަށް ވަޑައިގެން ޞުލްޙަނާމާ އާކުރައްވަން ވަރަށްބޮޑަށް މަސައްކަތް ކުރެއްވިއެވެ. މުހާޖިރުންގެ ކުރިޔަށް ތިއްބެވި އެކިބޭކަލުންނާ އޭނާއާ ދެމެދުގައި އޮތް ތިމާގެފުޅުކަމުގެ ގުޅުން ވަސީލަތަކަށް ހައްދަވަންވެސް އުޅުއްވިއެވެ. ނަމަވެސް އޭނާގެ މަޤުޞަދު ހާސިލުވެވަޑައެއް ނުގެންނެވިއެވެ. އޭނާ އެންމެފަހުން ހުސްއަތްޕުޅާ މައްކާއަށް އެނބުރި ވަޑައިގެންނެވީއެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم އަޙުޒާބު ހަނގުރާމަޔަށްފަހު މައްކާ ފަތަޙަކުރައްވަން ރޭއްވެވި ދިގުމުއްދަތުގެ ރޭއްވެވުމުގެ މުޤައްދިމާއަކީ ޙުދައިބިއްޔާގެ ޞުލްޙަނާމާއެވެ. އެހެންކަމުން އިތުރު ސާހިބާގެ ބުއްދިވެރި ރޭއްވެވުމާ އެއްގޮތަށް ފިޔަވަޅު އެޅުއްވުމުގެ ވަގުތު އައިސް ޖެހުނީއެވެ. އިތުރު ސާހިބާ މުސްލިމުންގެ އިއްތިހާދީ ޤަބީލާތަކަށް ސަފީރުން ފޮނުއްވައި ހަނގުރާމަވެރީން މަދީނާއަށް ޖަމާވުމަށް އެންގެވިއެވެ. ނަމަވެސް ޤުރައިޝުން ދުރާލާ ތައްޔާރުވެ ވަރުގަދަ ކުރިމަތިލުމަކަށް މަގުފަހިވިޔަ ނުދެއްވަން ނުހަނު ޙިކުމަތްތެރި ފިޔަވަޅުތަކެއް އެޅުއްވިއެވެ. ވަރަށް ވަރުގަދަޔަށް ސިއްރުތައް ހިފެހެއްޓެވިއެވެ. ޢަމަލީ ފިޔަވަޅުތަކުގެ އިތުރަށް އެކަމަށް އެދިވަޑައިގެން ދުޢާފުޅުވެސް ކުރެއްވިއެވެ. ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާންމަހުގެ ދިހަވަނަ ދުވަހު ދިހަހާސް މުޖާހިދުންނާއެކު މަދީނާއިން ނުކުމެވަޑައިގެން މައްކާއަށް ދަތުރު ފެއްޓެވިއެވެ. ނަމަވެސް ވަޑައިގަންނަވާ ދިމާއެއްވެސް ދަތުރުފުޅުގެ ބޭނުންފުޅެއްވެސް އިޢުލާނެއް ނުކުރައްވައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم މިދަތުރުފުޅުގައި ޚިޔާރުކުރެއްވީވެސް ޢާއްމުކޮށް މައްކާއަށް ދަތުރުކުރާ މަގެއް ނޫނެވެ. އިތުރު ސާހިބާ އެހެން މަގަކުން ލަޝްކަރާއިގެން ވަޑައިގެން މައްކާއާ އެއްމަންޒިލު ދުރުގައި މުއްރުއްޡަހްރާން (މިހާރުގެ ވާދީ ފާޠިމާ) ގައި ޢަސްކަރީ ކޭމްޕް ޖެއްސެވިއެވެ. އެއަށްފަހު މައްކާގެ މީހުންނަށް އިސްލާމީ ލަޝްކަރުގެ ސާފު ޢަދަދު އޮޅުންފިލިޔަ ނުދެއްވުމަށްޓަކައި މުސްލިމުންގެ ޢަސްކަރުގާހު އެތައް ހިސާބަކަށް ފަތުރައިލެއްވިއެވެ. އެރޭ އިސްލާމީ ލަޝްކަރުގެ ކޮންމެ މީހަކު ވަކި އަލިފާންގަނޑެއް އަންދަންވެސް އަމުރުކުރެއްވިއެވެ. އިތުރު ސާހިބާގެ ރޭއްވެވުމަކީ އިސްލާމީ ލަޝްކަރު އަސްލު އަދަދަށްވުރެ އެތައް ގުނައެއް އިތުރުކަމުގައި މުޝްރިކުންނަށް ދެއްކެވުމެވެ. މުޝްރިކުން ބިރުގަނެ ހިތްވަރު އެލޭނެގޮތުންނެވެ. ވަރުގަދަ ހަނގުރާމައެއް ނުހިންގަވައި މައްކާ ފަތަޙަކުރެއްވޭނެ ގޮތުންނެވެ. ކަންހިނގައިދިޔައީވެސް އެރޭއްވެވުމާ އެއްގޮތަށެވެ.

ޤުރައިޝުންނަށް އިސްލާމީ ލަޝްކަރުގެ ޚަބަރު ލިބުމުން ވަރަށް ހައިރާންވިއެވެ. އެމީހުން ތިބީ މިފަދަ ކުއްލި ޙަމަލައަކަށް ވިސްނުމުގެ ގޮތުންވެސް ޢަސްކަރީގޮތުންވެސް ތައްޔާރުވެގެންނެއް ނޫނެވެ. އެހެންކަމުން ބޯމަތިވި ވަރުގަދަ ނުރައްކަލާ ކުރިމަތިލެވޭފަދަ ހިތްވަރެއްވެސް ބުންވަރެއްވެސް ޤުރައިޝުންގެ ކިބަޔަކު ނެތެވެ. ނަމަވެސް އިސްލާމީ ލަޝްކަރުގެ ޢަދަދާއި މަޤުޞަދަކީ ކޮބައިކަމާއި، ޢަސްކަރީ ރޭވުން އޮތްގޮތެއްގެ މަޢުލޫމާތު ހޯދުމަށްޓަކައި أبــوسفيــان އާއި، بُـدَيــل بــن ورقـا އާއި، حكيـم بــن حــزام އާ ތިންމީހުން ފޮނުވިއެވެ. އިސްލާމީ ލަޝްކަރުގެ ފާރަވެރީން أبــوسفيــان ހައްޔަރު ކުރައްވައިފިއެވެ. މުސްލިމުންގެ ދުރުވިސްނިވަޑައިގަންނަވާ ޒަޢީމު އިސްލާމީ ތަޙުރީކުގެ މުސްތަޤުބަލުގެ މަޞްލަޙަތަށް ވިސްނައިވަޑައިގެން أبــوسفيــان އަށް މާފުދެއްވައިފިއެވެ. ނަތީޖާއެއްގެގޮތުން أبــوسفيــان އިސްލާމްވެވަޑައިގެންނެވިއެވެ. ޤުރައިޝުންގެ ނިސްބަތުގައި މިއީ ހަރުފައެއްގެ ބޯމަރުވުންފަދަ ކަމެކެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم މުއްރުއްޡަހްރާނުން ފުރައިވަޑައިގެން ވަޑައިގަތީ ޛިއްޠިވާއަށެވެ. އެތާނގައި ހުންނަވައި އިސްލާމީ ލަޝްކަރު ޢަސްކަރީގޮތުން ބައިކުރެއްވިއެވެ. ކަނާތްފަރާތު އަރިމަތީގެ ކޮމާންޑަރުކަން خــالــد بــن الــولـيـد އަށް ދެއްވިއެވެ. خــالــد އަށް އަމުރު ދެއްވައިފައިވަނީ ޒަރޫރަތު ނިޔާކޮށްފި ހިނދެއްގައި ކަނޑިކޮޅުގެ ބާރުގައިވެސް މައްކާއަށް ވެދެވަޑައިގެންނެވުމަށެވެ. ވާތްފަރާތުގެ ވެރިކަން ދެއްވީ الــزّبـيــر بــن الـعـــوّام އަށެވެ. އިތުރު ސާހިބާގެ ދިދަކޮޅު ހުރީ އެ ޔުނިޓުގައެވެ. زبـيــر ގެފާނަށް އެންގެވީ ކުދާއެވެ ކިޔުނު މަގުން މައްކާއަށް އަރައިވަޑައިގެން ޙަޖޫނުގައި ކައުސާހިބާގެ ދިދަ ޖެއްސެވުމަށެވެ. އެއަށްފަހު އިތުރު ސާހިބާގެ އިންތިޒާރުގައި ހުންނެވުމަށެވެ. ފައިމަގުގައި ހަނގުރާމަކުރައްވާ މުޖާހިދުންގެ މައްޗަށް ވެރިކުރެއްވީ أبــوعُـبـيــدة އެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم އިސްލާމީ ލަޝްކަރަށް މައްކާއަށް އަރަން އެންގެވުމުގެ ކުރިން މައްކާގައި އިޢުލާން ކުރެއްވިއެވެ. مسجـدالحــرام އަށް ވަދެއްޖެ މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. أبــوسفيــان ގެ ގެއަށް ވަދެހުރެއްޖެ މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. އަމިއްލަ ގެޔަށް ވަދެ ދޮރުލައްޕައިގެން ހުރެއްޖެ މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. ކައުސާހިބާގެ މަޤުޞަދަކީ ގިނަބަޔަކު ހަނގުރާމައިން އެއްކިބާ ކުރެއްވުމެވެ. ގިނަ ލޭތަކެއް އޮހޮރުނަ ނުދެއްވުމެވެ. މި ޢާއްމު މަޢާފުގެ ނަތީޖާ ވަރަށް ރަނގަޅެވެ. މުސްލިމުންގެ ގަދަފަދަ ލަޝްކަރު ކުއްލިޔަކަށް ކުރިމަތީން ފެނުމުން މައްކާގެ މީހުންތިބީ އަތްފައި ފިނިވެފައެވެ. ޤުރައިޝުންގެ ކިބުރުވެރިކަން އޮތީ ނޭވާހޮޅިޔަށް އެޅިފައެވެ. އެހެންކަމުން މައްކާގެ ގިނަމީހުން މި ޢަފޫޢާއްމުގެ ފައިދާ ހޯދަން އަވަސްވެގަތެވެ. ކައުސާހިބާގެ މި ޙިކުމަތްތެރިކަމުގެ ސަބަބުން އެމާތް ސާހިބާ މައްކާއަށް ވެދެވަޑައިގަތީ އެއްވެސް ދެކޮޅުވެރިކަމަކާ ކުރިމަތިނުލައްވައެވެ. އެކަލޭގެފާނު މައްކާއަށް އަރައިވަޑައިގަތީ މައްކާގެ މަތީފަރާތުންނެވެ. އޭރު ޙަޖޫނުގައ ހުރީ އެކަލޭގެފާނުގެ ދިދަ ޖަހައިފައެވެ. އިތުރު ސާހިބާ އެންމެ ފުރަތަމަ ވަޑައިގަތީ އެތަނަށެވެ. އެތަނަށް ވަޑައިގެން އިރުކޮޅަކު އަރާމުކޮށްލެއްވުމަށްފަހު ދެން ވަޑައިގެންނެވީ مسجـدالحــرام އަށެވެ. މައްކާގެ ތިރީ ފަރާތުން އިސްލާމީ ލަޝްކަރުގެ އަސްވާރުންނާއިގެން މައްކާއަށް އަރައިވަޑައިގެންނެވުމަށް އަންގަވައިފައިއޮތީ ކުރީންވެސް ދެންނެވި ފަދައިން سيف اللّـه خــالــد بــن الــولـيـد އަށެވެ. خــالــد بــن الــولـيـد ގެ ދިދައިގެ ދަށުގައިވާ އިސްލާމީ ލަޝްކަރުގެ އަސްވާރުންގެ ޔުނިޓަށް މައްކާގެ ތަންކޮޅެއް ނޭއްދާރު ޒުވާނުންކޮޅެއް ހުރަސްއަޅަން މަސައްކަތެއް ކޮށްލައި ބާރަވަރަކަށް މީހުން ޤަތުލުވި ކަމުގައިވިޔަސް މައްކާ ފަތަޙަވީ ހަނގުރާމަޔަކާ ނުލައެވެ. ނަތީޖާއަކީ ޤުރައިޝުންގެ ދެކޮޅުވެރިކަން އަބަދަށްޓަކައި ފިލައިގެން ދިޔުމެވެ.

كـعـبــة ޠާހިރު ކުރެއްވުން

ކައުސާހިބާ صلّــى اللّـه عليـه وسلّـم މައްކާ ފަތަޙަކުރެއްވުމަށްފަހު އެންމެ އިސްކަންދެއްވީ كـعـبــة اللّـه ގެފުޅު ޠާހިރު ކުރެއްވުމުގެ މައްޗަށެވެ. އިތުރު ސާހިބާ ގެފުޅު ހުޅުއްވައިގެން ވެދެވަޑައިގެންނެވިއެވެ. بـِلال ގެފާނާއި طـلحــة ގެފާނާ (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން أُســامــة بــن زيــد އާ) ދެބޭކަލުން އަރިހުގައި ބައިވެރިކުރެއްވިއެވެ. ގެފުޅުގެ ތެރޭގައްޔާއި ގެފުޅުގެ ކައިރީގައި ބަހައްޓައިފައިހުރި ބުދުތައް މުގުރުއްވައި ފާރުކޮޅުތަކުގައި ތަތްކޮށްފައިހުރި ބާޠިލު ތަސްވީރުތައް ނައްތައިލެއްވިއެވެ. ގެފުޅު ޠާހިރު ކުރެއްވުމަށްފަހު ގެފުޅުގެ ތެރޭގައި ތަކުބީރު ވިދާޅުވެ ނަމާދު ކުރެއްވިއެވެ. އިތުރު ސާހިބާގެ އަމުރުފުޅަށް بـِلال ގެފާނު ގެފުޅުގެ މައްޗަށް އަރައިވަޑައިގެން ތައުޙީދުގެ ނިދާ އިޢުލާނު ކުރެއްވިއެވެ.

މައްކާ ފަތަޙަކުރެއްވުމުން މުސްލިމުންނަށް ޢަމަލީގޮތުން ވަނީ ޢަރަބިކަރައިގެ ވެރިކަން ލިބިފައެވެ. މުސްލިމުންގެ ކުރިމަތީގައި ދެން އޮތީ ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމީ ދަޢުވަތު ފަތުރައިލުމެވެ. އެހެންކަމުން އިތުރު ސާހިބާ މައްކާ ފަތަޙަކުރެއްވުމަށްފަހު ދެއްވި ޚުޠުބާގައި މުޚާޠަބު ކުރެއްވީ ހަމައެކަނި މައްކާގެ އަހުލުވެރީންނަކާ ނޫނެވެ. އަދި ކީއްތޯއެވެ. މުޅި އިންސާނީ ނަސްލަށެވެ.

(ނުނިމޭ)