މިދިޔަ މަހު ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން، އެންމެ ބޮޑު ސާވިސް ޗާޖެއް ނޯޓިލަސް މޯލްޑިވްސްއިން ދިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ރިސޯޓު ވޯކާސް މޯލްޑިވްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ނިމުނު އޯގަސްޓު މަހު ނޯޓިލަސް މޯލްޑިވްސް ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1،623 ޔޫއެސް ޑޮލަރު (25،026 ރުފިޔާ) ވަނީ ދީފައެވެ.
މުވައްޒަފުންނަށް ދެވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ދަ ރިޒް ކާޓަން މޯލްޑިވްސް އިންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1،352 ޔޫއެސް ޑޮލަރު (20،847.84 ރުފިޔާ) ދީފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ހިސާބުތަކުން ދައްކާގޮތުގައި ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް ނުވަތަ އިތާފުށި އުޅެނީ މި ލިސްޓުގެ ތިންވަނައިގައެވެ. އެގޮތުން އެ ރިސޯޓުން ވަނީ ސާވިސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1263 ޔޫއެސް ޑޮލަރު (19،475 ރުފިޔާ) ދީފައެވެ.
ގާނޫނު ބުނާގޮތުން މުވައްޒަފުންނަށް ސާވިސް ޗާޖު ނުދީ ހިފަހައްޓައިފިނަމަ ވަޒީފާ ދިން ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ލިބިފައިވެއެވެ. އެހެން ނަމަވެސް މުވައްޒަފުންނަށް ސާވިސް ޗާޖު ނުދޭ ކަމުގެ ޝަކުވާއަކީ ވަރަށް އާންމު ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު