ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނަގާނެ ކަމަށާއި އެކަމަށް ރައީސް އިބްރާހިމް ސޯލިހު ހުރަސްނާޅުއްވާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މެއި ހައެއްގެ ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން 2018 ވަނަ އަހަރު އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައިވެސް ނިޒާމު ބަދަލު ކުރުމުގެ ވާހަކަތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އެކަމަކީ އެމްޑީޕީ ގިނަ މެމްބަރުންތަކެއް އިންތިޒާރު ކުރަމުން އަންނަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނަގާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މިކަމަށް ރައީސް ސޯލިހުވެސް ހުރަސް އަޅުއްވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނުކުތް ކެނޑިޑޭޓަށް ކޯލިޝަނުގެ އެހެން ޕާޓީތަކުން ތާއީދުކުރީ އެ މެނިފެސްޓޯއަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. ނަމަވެސް ފެންނަ ނުފެންނަ ވޯޓަކަށް ދާން ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވެސް އެއްބަސްވި ކަމަށާއި އެ ޕާޓީތަކުން އެކަމަށް އިންކާރު ނުކުރާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ސޯލިހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު މީގެ ކުރިން ވިދާޅުވީ ރައީސްގެ ފޯކަސްއަކީ ނިޒާމު ބަދަލުކުރެއްވުން ނޫން ކަމަށާއި އެމަނިކުފާނުގެ ފޯކަސްއަކީ އިގުތިސާދު އަލުން އާރާސްތުކޮށް ވައުދުތައް ފުއްދުން ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތައް ދޮގުކޮށް، އެމްއާރްއެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރިޔާސީ ނިޒާމު ނޫން އެހެން ނިޒާމަކަށް ތާއީދު ކުރުމަށް އެ ޕާޓީން އެއްވެސް އިރެއްގައި ނިންމާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްވެސް ފަރާތަކާ އެކު އެއްބަސްވެފައިވެސް ނުވާނެ ކަމަށް ބުންޏެވެ.

ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. އެމަނިކުފާނު ވަނީ ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ސޯލިހަށް ހުށަހެޅުމަށް ޕެޓިޝަނެއް އެކުލަވާލާފައިވާއިރު، އެ ޕެޓިޝަނުގައި މިހާތަނަށް 50،000 އަށްވުރެ ގިނަ މީހުން ވަނީ ސޮއި ކޮށްފައެވެ.