ކޮވިޑް-19ގެ ހާލަތުން ރާއްޖެ ސަލާމަތްކުރުމަށް ރައީސް ސޯލިހު ކުރައްވާ މަސައްކަތަށް ރައީސް މުހައްމަދު ނަޝީދު ތައުރީފު އޮއްސާލައްވައިފިއެވެ.

ހައެއް މެއިގެ ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ މިއަދު އޮންލައިންކޮށް ބައްދަލުކުރައްވާ ރައީސް ނަޝީދު ވަނީ ކޮވިޑާ ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގައި ސަރުކާރު ހިންގެވި ގޮތާއި އެ ރޯގާއާ ގުޅޭ ގޮތުން އަމަލު ކުރެއްވި ގޮތަށް އަބަދުވެސް ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެކަންކަމަކީ ރައީސް ސޯލިހު ވަރަށް ބައްލަވައިގެން ވަރަށް ފުރިހަމައަށް ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

"ރައީސް ސޯލިހު ޕެންޑެމިކުގައި އަމަލު ކުރެއްވި ގޮތުގެ ސަބަބުން ރާއްޖެއަށާއި ދިވެހިންނަށް އެތަށް ގިނަ ގުނަ ފައިދާތަކެއް ލިބެމުން އެބަދޭ. ޕެންޑަމިކާ ގުޅިގެން ރައީސް ސޯލިހު އަމަލުކުރައްވާ ގޮތްތަކަށް އަޅުގަނޑު އަބަދުވެސް މަރުހަބާ ދަންނަވަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޕެންޑެމިކުގެ ސަބަބުން އިގުތިސާދަށް ލޮޅުން އަރައި އަދި އުފެއްދުންތެރިކަން ދަށްވެގެންދާނެ ކަމަށާއި އޭގެ ސަބަބުން މީގެ ކުރިން ލަފާނުކުރާ މިންވަރަށް ދަރަނި ބޮޑުވެގެންދިއުން އެއީ ވާނެ ކަމެއް ކަމަށެވެ. އަދި ވާދަވެރިންނަށްވެސް އެކަމާ ޖަދަލުކޮށް ހެއްދެވުމަކީ ބުއްދިވެރިކަމެއްގެ ގޮތުގައި ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑުގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ އިރު އިގުތިސާދު އާރާސްތުކުރުމުގެ މަސައްކަތްތައް މަޑުމަޑުން ފަށައިގެންފައިވާ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ރާއްޖޭގައި ހިންގަން ނިންމާފައިވާ އެކިއެކި ޕްރޮޖެކްޓުތަކުގެ މަސައްކަތް މިހާރު ކުންފުނިތަކާއި ހަވާލުކޮށްގެން މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ސަރުކާރުން ބުންޏެވެ.