ބަރުލަމާނީގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އަދާލަތު ޕާޓީއާ އަދި އެމްއާރުއެމް އިން އެއްބަސްވި ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބޭނުންވާ ގޮތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވެފައި ވަނީ، އިނގިރޭސި ވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ ފިޔަވައި އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ އެމްއާރުއެމުން ވަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އޭރުގައި އަޅުގަނޑު ހަދާންވާ ގޮތުގައި އެއްބަސްވެވަޑައިގެންފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކަމަށް އެ ދެ ޕާޓީން އިންކާރު ނުކުރައްވާނެކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން އެއްވެސް އިރެއްގައި ދެކޮޅު ނުހަދާނެ ކަމަށެވެ. އަދި އެއީ ރައީސް ސޯލިހުވެސް އެދިވަޑައިގަންނަވާނެ ގޮތް ކަމަށް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައީސް ނަޝީދު ފައިނަންގަވައިގެން ހުންނެވި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޯކަސްއަކީ ނިޒާމު ބަދަލުކުރުމެއް ނޫން ކަމަށް މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވަނީ ވިދާޅުވެފައެވެ. އަދި ރައީސްގެ ފޯކަސް ހުރީ އިގުތިސާދު އަލުން އާރާސްތުކޮށް ވައުދުތައް ފުއްދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.