ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ފަރުވާ ކުރުމަށް އެމަނިކުފާނު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަދި ހަމަލާ ރާވައި ހިންގި މީހުން ހައްޔަރު ނުކުރަނީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެ ވަޑައިގަންނަވާތީ، އެމަނިކުފާނުގެ ޗުއްޓީ އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެން މަޖިލީހަށް ވަނީ ސިޓީއެއް ފޮނުއްވައިފައެވެ.
އެކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވަނީ، ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވައި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމަށް އެދިވަޑައިގެންފައެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، އިސްތިއުފާ ދޭން ޖެހޭ ހާލަތެއް އަދި ނެތް ކަމަށެވެ. އަދި ވެގެން އުޅޭ ގޮތް އިދިކޮޅު ފަރާތްތަކަށްވެސް ސާފުވާނެ ކަމަށާއި ކުއްލިއަކަށް ރާއްޖެ ދެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"އިސްތިއުފާ ދޭކަށް އަޅުގަނޑު ގަސްތެއް ނުކުރަން. އަދި އަޅުގަނޑު ދެކޭ ގޮތުގައި އިސްތިއުފާ ދޭކަށް ނުވެސްޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގައި ނެތް ނަމަވެސް މަޖިލީހުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ނެތް ހާލަތެއްގައި ދެން ކަންތައް ކުރަން ޖެހޭނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު