އެމްޑީޕީގެ ތާއީދު ހޯދުމަށް ޕާޓީގެ އެއްވެސް ލީޑަރަކު އުޅުއްވާތަން ނުފެންނަ ކަމަށާއި އެއީ އެމަނިކުފާނު ކުރައްވާނެ ކަމެއްވެސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވީ، އިނގިރޭސި ވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ އިންތިއުނާފު ފަނޑިޔާރުންގެ ކޮމިޓީ ހޮވުމަށް ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުުގައި ކަންތައް ދިޔަ ގޮތުން، އެމްޑީޕީގެ އެތެރޭގެ ތާއީދު އަދިވެސް އޮތީ ރައީސް ނަޝީދަށް ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވަކި މީހަކަށް އެމްޑީޕީގެ ތާއީދު ހޯދުމަށް އެޕާޓީގެ އެއްވެސް ލީޑަރަކު މަސައްކަތް ކުރައްވަމުން ނުގެންދަވާ ކަމަށެވެ.
"އެމްޑީޕީގެ ތާއީދު ވަކި މީހަކަށް ހޯދުމަކަށް އެމްޑީޕީގެ ލީޑަރަކު އުޅުއްވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑު ދެކޭ ގޮތުގައި އެގޮތަށް ގަބޫލެއްވެސް ނުކުރަން، އުޅުއްވާނެ ކަމަކަށްވެސް ހަމަ ގައިމުވެސް އެއީ އަޅުގަނޑު ކުރަން އުޅޭނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ރެފަރެންޑަމްގެ ބޭނުމަކީ ރައްޔިތުންގެ ތާއީދު އޮތް މިންވަރު ހޯދުން ކަމަށެވެ. އެކަން ނުކޮށް އޮންނާނީ، "މަގޭ ބޮނޑި އެހެން މީހެއްގެ ބޮނޑިއަށްވުރެ ބޮޑޭ ކިޔަމުން ހިނގުން،" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު