ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ހައިކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންއާއި ކުރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވިދާޅުވެއްޖެއެވެ.

ސިޔާސީ ފަރާތްތަކުން ފަނޑިޔާރުގެތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބައެއް ވަކީލުންނާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވުމުގައި މެދުވެރިއެއްގެ ގޮތުގައި ހުންނަވަނީ އަލީ ޒާހިރު ކަމަށެވެ.

"އަލީ ޒާހިރު އަޅުގަނޑަށްވެސް ގުޅުއްވިއޭ. ހައިކޯޓުގެ ބައެއް މައްސަލަތަކާ ގުޅޭ ގޮތުން އަޅުގަނޑާ އެކިފަހަރު އެއް ދުވަސް، ދެ ދުވަސް، ތިން ދުވަސް ކީއްކުރަންތޯ ވަރަށް ގިނަ ފަހަރު އަޅުގަނޑާ ގުޅުއްވި،" މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމުމުން އިސްތިއުފާދެއްވި ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލީ ޒާހިރުގެ އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން އެވާހަކަ ހައިކޯޓުގެ ތެރޭގައި ދައްކާފައިވާނެ ކަމަށެވެ. އަދި އަލީ ޒާހިރު ގުޅުއްވަނީ ސީދާ ރައީސް ސޯލިހު އަންގަވައިގެން ކަމަށް އޭނާ ވިދާޅުވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަޖީބު ވިދާޅުވީ، ސިޔާސީ މީހުން ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވާ ވާހަކައަކީ ދޮގެއް ނޫން ކަމަށާއި އެއީ ހަގީގަތް ކަމަށެވެ. އަދި އެކަން ވަރަށް ގާތުން ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރައީސް ޔާމީންގެ މައްސަލަ މީގެ ކުރިން ބެއްލެވި ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމަށް ސުޕްރީމް ކޯޓުން ޖާގަ ކަށަވަރުވެފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވިކަން ނަޖީބު ފާހަގަކުރެއްވިއެވެ.

"މިއީ ހަގީގަތް. އަޅުގަނޑަށް ސީދާ ހައިލަމް އަޑު އިއްވި. މިއީ ހަގީގަތަކީ. މިއިން އެނގިގެން ދަނީ އޭރުވެސް އަލީ ޒާހިރުގެ މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވުންކަން،" ނަޖީބު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ތުހުމަތުތަކާ ގުޅިގެން އަލީ ޒާހިރުގެ ބަހެއް ހޯދުމަށް އޭނާގެ ފޯނަށް ގުޅުއްވުމުން ޖަވާބު ދެއްވާފައެއް ނުވެއެވެ.