ހާޓް އެޓޭކެއް ޖެހިގެން މިދިޔަ ބުރާސްފަތި ދުވަހު މަރުވި، ޓީވީ ތަރި އަދި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސިދާތު ޝުކްލާގެ ޖަނާޒާ އިއްޔެ ވަނީ ބާއްވައިފައެވެ. ޖަނާޒާގައި މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވި އިރު، ސިދާތުގެ ކުއްލި ވަކިވެދިއުމާ އެކު ގިނަ ބަޔަކު އަދިވެސް ތިބީ މާޔޫސްވެފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ ޖަނާޒާގައި ސިދާތުގެ ލޯބިވެރިޔާގެ ގޮތުގައި އަޑުތައް އަރާފައިވާ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ޝެހެނާޒް ގިލްގެ ހާލު ވަރަށް ދެރަވިއެވެ.

އެގޮތުން ޖަނާޒާ ބޭއްވި ތަނަށް ދިއުމަށް ކާރުގައި އިންއިރުވެސް، ޝެހެނާޒް ހުއްޓުމެއް ނެތި ރޯތަން ފެންނަ ވީޑިއޯތައް ވަނީ އާއްމުވެފައެވެ. އަދި ޖަނާޒާގެ ކަންކަން ކުރިއަށްދިޔައިރުވެސް، އޭނާގެ ހާލު ދެރަވި ކަމަށްވެއެވެ.

ބިގްބޮސް 13ގެ ތެރެއިން ޝެހެނާޒް އަދި ސިދާތުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވި އިރު، ދެތަރިންނަށް އެމީހުންގެ ސަޕޯޓަރުން މުހާތަބު ކުރަނީވެސް ސިޑްނާޒްގެ ނަމުންނެވެ. ސިޑްނާޒް އެންމެފަހުން ފެނިގެން ގޮސްފައި ވަނީ ޑާންސް ދިވާނޭގައި މެހެމާނެއްގެ ގޮތުގައެވެ.

ސިދާތުގެ މަރާ އެކު ގިނަ ބަޔަކު އަންނަނީ ޝެހެނާޒަށް ހިތްވަރު ދެމުންނެވެ. މީގެ ކުރިން ޝެހެނާޒުގެ ބައްޕަ ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ސިދާތުގެ މަރާ އެކު، ސިދާތު ނެތް ދުނިޔެއެއްގައި އޭނާ ދިރިއުޅޭނީ ކިހިނެއްތޯ ޝެހެނާޒު ސުވާލުކޮށްފައިވާ ކަމަށެވެ.