މި އަހަރުގެ ފާއިތުވެ ދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން އެންމެ ގިނައިން ފޯރުކޮށްދިނީ ކުޑަކުދިންނަށް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ދައުލަތުން 140 ފަރާތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އޭގެތެރޭގައި 18 އަހަރުން ދަށުގެ 74 ކުޑަކުދިންނަށް ދައުލަތުން ވަކީލުން ހަމަަޖައްސައިދީފައިވެއެވެ. އަދި 18 އަހަރާއި 30 އަހަރާ ދެމެދު 28 މީހަކަށާއި 31 އަހަރާއި 50 އަހަރާ ދެމެދު 31 މީހަކާއި 50 އަހަރުން މަތީގެ ހަތް މީހަކަށްވެސް ވަކީލުން ހަމަޖައްސައިދީފައިވެއެވެ.
ދައުލަތުގެ ފަރާތުން ވަކީލުން ހަމަޖެއްސި ކުޑަކުދިންނަށް ތުހުމަތުކުރެވޭ ކުށްތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި 40 ކުޑަކުއްޖަކަށް ވަކީލުން ހަމަޖެއްސިއެވެ. ދެން އެންމެ ގިނައިން ވަކީލުން ހަމަޖެއްސީ މާރާމާރީގެ މައްސަލަތަކުގައެވެ. އެފަދަ މައްސަލަތަކުގައި 12 ކުއްޖަކަށް ވަކީލުން ހަމަޖެއްސިއެވެ.
މީގެ އިތުރުން ވައްކަން ކުރުމާއި މަކަރާ ހީލަތުން ފައިސާ ހޯދައިގެން އަށް ކުއްޖަކަށް ވަކީލުން ހަމަޖައްސާފައި ވާއިރު މުދަލަށް ގެއްލުން ދީގެން ހަތަރު ކުއްޖަކު ވެސް ވަކީލުން ހަމަޖައްސާފައިވާ ކަމަށް ބަންޑާރަ ނައިބު އޮފީހުގެ ހިސާބުތަކުން ދައްކައެވެ.
ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ ތުހުމަތުކުރެވޭ ތިން ކުއްޖަކާއި މީހުން މެރުމުގެ ކުށުގެ ތުހުމަތުވާ ތިން ކުއްޖަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ ދެ ކުއްޖެއްގެ އިތުރުން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި މަރުގެ އިންޒާރުދިން ދެ ކުއްޖަކަށް ވެސް ދައުލަތުން ވަނީ ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ގާނޫނީ ވަކީލެއް ހަމަޖައްސައިދޭނީ ދައުލަތުންނެވެ. އަދި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ވެސް ދައުލަތުން ވަކީލުން ހަމަޖައްސަންޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު