ރާމާމަކުނަކީ އިންސާނުން ކުރާ ކަންކަން އެއްވެސް ތަފާތެއް ނެތި ކޮޕީ ކުރާ ބައެކެވެ. ތިބޭ ސިފަ އާއި ހަރަކާތްތަކާއި އަމަލުތަކަށް ބަލާއިރުވެސް އިންސާނުންނާ އެންމެ އެއްގޮތް އެއްޗަކީ ރާމާމަކުނެވެ.
ރާމާ މަކުނުގެ ހަރަކާތްތަކަކީ އިންސާނުން އެ މަންޒަރުތައް ބަލަން އަބަދުވެސް ޝައުގުވެރިވާ ހަރަކާތްތަކެވެ. އެހެން ވަނީ އެ ސޮރުމެންގެ އަމަލުތައް އަހަރެމެންގ އިންސާނުންގެ އަމަލުތަކާ ވައްތަރުކަމުންނެވެ. ބައެއް ކަންކަން އަހަރެމެން ކުރާ ގޮތާ އެއްވެސް ތަފާތެއް ނެތި އެސޮރުމެން ކުރާތީ އެވެ. ރާމާމަކުނުގެ ކުރިމަތީގައި އިންސާނުން ވަކި ކަމެއް ކުރުމުން އެ ކަމެއް ހަމަ އެ ވަގުތު، އެއްވެސް ތަފާތެއް ނެތި ކުރުމަކީ ބައެއް ފަހަރަށް ފެނިފައިވާ މަންޒަރެކެވެ. އޭގެ ފައިދާ ނަގައި، ރާމާމަކުނަކީ އާމްދަނީ ހޯދާ ވަސީލަތަކަށް ވެސް ވަނީ ވެފަ އެވެ. އެ ސޮރުމެންގެ ބޭނުންކޮށްގެން އެކި ކަހަލަ ޝޯތައް ބޭއްވުމަކީ ވެސް މިއަދު ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ކަންކަމެވެ.
މި ލިޔުމާއެކު ހިމަނާފައި އެވާ ވީޑިއޯ އިން ވެސް ފެންނަނީ ރާމާމަކުނެއްގެ އާދަޔާ ހިލާފު ހުނަރެކެވެ. އަތުން އެއްޗެހި ދޮންނަ ބަޔަކު އެކަން ކުރާ ގޮތް ދަސްކޮށް، ހަމަ އެގޮތަށް އެކަން ކުރާ މަންޒަރެވެ. ފެންގަނޑުގެ އެހީގައި، އަރިމަތީގައި އޮންނަ ހަރު އެއްޗެއް މަތީ ހެދުން ބަހައްޓައިގެން ދޮވުމަކީ ބައެއް ގައުމުތަކުގެ އަވަށްތަކުގައި މިއަދުވެސް ކުރަމުން އަންނަ ކަމެކެވެ.
މި ވީޑިއޯ އިން އެ ފެންނަނީ އެ ފަދަ ހިސާބުގަނޑެއްގައި ރާމާމަކުނެއްގެ އެހީގައި ހެދުމެއް ދޮންނަ މަންޒަރެވެ. އެންމެ ފުރަތަމަ ތެތް ހެދުމުގައި ސައިބޯނި އުނގުޅައެވެ. އެއަށްފަހު އަތުން އެއްޗެތި ދޮންނަ މީހުންގެ އެންމެ އާންމު ހަރަކާތް ކަމަށްވާ، ދެއަތުގެ އެހީގައި ހެދުމުގައި ހުންނަ މިލަ ނުވަތަ ހަޑި އެއްޗެހި ދޮވުމަށް ޓަކައި އުނގުޅާ މަންޒަރެވެ. ދެން ފެންނަނީ އެގޮތުންވެސް ނުފިލާ ހުންނަ އެއްޗެހި ފިލުވުމަށް ކުރިޔަށްދާ އިތުރު މަރުހަލާ އެކެވެ. ބުރުސް ހާކައިގެން ފިވުމުގެ މަރުހަލާ އެވެ.
ޗައިނާގެ އަވަށެއްގައި ނަގާފައިވާ މި ވީޑިއޯ ވަނީ ސޯޝިއަލް މީޑިއާގައި އާންމު ވެފަ އެވެ. އަދި ގިނަ ބަޔަކަށް ވަނީ މި ވީޑިއޯ ވަރަށް ކަމުގޮސްފަ އެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް