ސިޔާސީ އަދި އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރުމުގެ ޖާގައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިހާރު ނޯންނާނެ ކަމަށް އެ ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

އޭސީސީގެ އާ ވެބްސައިޓާއި އެ ކޮމިޝަނަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝިއުނާ ވިދާޅުވީ އޭސީސީއަށް އަބަދުވެސް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވާ ކަމަށާއި ސިޔާސީ ވިސްނުމެއްގައިވެސް ފާޑުކިޔުންތައް އަމާޒުވާ ކަމަށެވެ. ނަމަވެސް ފާޑުކިޔުންތަކާއެކުވެސް އޭސީސީން މަސައްކަތް ކުރަމުން އަންނަނީ ކޮމިޝަންގެ މަސައްކަތްތައް އަވަހަށް ނިންމުމަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ މިހާރު އޭސީސީގައި ސިޔާސީ އަދި އަމިއްލަ މަސްލަހަތަށް މަސައްކަތްކުރުމުގެ ޖާގައެއް ނޯންނާނެކަން،" ޝިއުނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި ދައުލަތުގެ ހިންގުމުގެ ދާއިރާގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އިސްލާހުކުރުމުން ދައުލަތުގެ ހިންގުމުގެ ނިޒާމަށް އާއްމުންގެ އިތުބާރު ބޮޑުވާނެ ކަމަށެވެ.

އޭސީސީގައި ސިޔާސީ މަސައްކަތް ކުރުމުގެ ޖާގައެއް ނެތް ކަމަށް ޝިއުނާ ވިދާޅުވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކޮމިޝަން ބޭނުންކުރީ ސިޔާސީ މަންފާ ހޯދަން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.