ލާމު އަތޮޅުގައި މިސަރުކާރުން އަޅަން ނިންމާފައިވާ ކެންސަރުގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލަކީ އެ އަތޮޅަށް ތަރައްގީ ގެނެސްދޭނެ މަޝްރޫއުއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
ކެންސަރުގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް އެޅުމަށް ނިންމާފައި ވަނީ ލ. ގަމުގައެވެ. އެއީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު ހަދާ ތަނެކެވެ. އަދި އެކަމަށް އަހަރުގެ ބަޖެޓްގައި 98 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
ވިސާމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެންސަރު ހޮސްޕިޓަލް ގަމުގައި ގާއިމުކުރުމަށް ނިންމުމަކީ މާލެ ސަަރަހައްދަށް ހުރިހާ ހިދުމަތެއް ޖަމާކުރުން މި ސަރުކާރުން ނިމުމަކަށް ގެންނާނެ ކަމުގެ ހެއްކެއް ކަމަށެވެ.
"ޓާޝަރީ ފަސް ހޮސްޕިޓަލް ޕްރޮޖެކްޓުގެ ވައުދު ފުއްދުމަށް، ސަރައްދީ ތަރައްގީއަށް ޖާގަ ދޭންޖެހޭ. ލ. އަތޮޅުގެ ތަރައްގީ ގުޅިފައި ވަނީ ކެންސަރު ހޮސްޕިޓަލާ،" ވިސާމް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ އެ ހޮސްޕިޓަލުގެ މަސައްކަތްތަކާ ގުޅުން ހުރި ޓީމެއް އަންނަ ހަފުތާގައި ރާއްޖެ އަންނަ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ޓީމު ރާއްޖެ އަންނަނީ އެ މަޝްރޫއުގެ ޑީޓެއިލް ޕްރޮޖެކްޓް ރިވިއުއެއް ހެދުމަށް ކަމަށާއި އޭގެ ފަހުން މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭ ކަންކަން ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހު މީގެ ކުރިން ވަނީ، ކެންސަރު ހޮސްޕިޓަލާ ގުޅޭ ލިޔުންތަކާއި މައުލޫމާތު އިންޑިއާ ސަރުކާރާ ހިއްސާކުރައްވާފައިވާ ކަމަށާއި އެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.
ކެންސަރު ހޮސްޕިޓަލު ގާއިމުކުރަން ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ހުޅުމާލޭގައެވެ. ނަމަވެސް ސިއްހީ ހިދުމަތް ލާމަރުކަޒީ ކުރުމަށްޓަކައި ސަރުކާރުން ފަހުން ނިންމީ ގަމުގައި އެ ހޮސްޕިޓަލް އެޅުމަށެވެ.