ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު 125 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 125 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 79,268 އަށް އަރާފައިވާ ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 189 މީހެކެވެ. އެއީ މާލެ ސަރަހައްދުން 35 މީހަކާއި އަތޮޅުތެރެއިން 119 މީހަކާއި ރިސޯޓުތަކުން 35 މީހެކެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ހޮސްޕިޓަލުތަކުގައި 24 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ. އަދި ކޮވިޑަށް ފަރުވާދެމުން އަންނަނީ 1،794 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 226 މީހަކު ވަނީ މަރުވެފައެވެ. އެއީ 209 ދިވެހީންނާއި 17 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.