ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަކުރި 28 ރަށަކަށް ޕީސީއާރު ޓެސްޓަކާ ނުލާ ދަތުރު ކުރުމުގެ ހުއްދަދީފިއެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑު ފެތުރުމުންދާތީ، މާލެއިން ރަށްރަށަށް ދަތުރުކުރާ އިރު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ. ނަމަވެސް ވެކްސިން ޖަހަން ފެށުމުން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނު ވުމެއް ނެތި މާލެއިން ރަށްރަށަށް ދަތުރު ކުރެވޭ ގޮތް ހެދިއެވެ. ނަމަވެސް އެގޮތަށް ދަތުރު ކުރެވެނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުއެވެ.

ނަމަވެސް މިއަދުން ފެށިގެން ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށް ރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް ފަހުން އުސޫލު ބަދަލުކުރިއެވެ.

އެގޮތުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 ޕަސެންޓް ވެކްސިން ފުރިހަމަވެފައިވާ ނަމަ، އެރަށަކަށް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެއެވެ.

އެޗްޕީއޭ އިން މިއަދު ވަނީ ވެކްސިންގެ އެ އުސޫލުތަކަށް ފެތޭ 28 ރަށެއްގެ ލިސްޓެއް އާންމުކޮށްފައެވެ.

  • ހއ. އުލިގަމް
  • ހއ. މުރައިދޫ
  • ހދ. ހިރިމަރަދޫ
  • ހދ. ނެއްލައިދޫ
  • ނ. މަނަދޫ
  • ނ. މަގޫދޫ
  • ނ. މާޅެންދޫ
  • ރ. މީދޫ
  • ރ. އަލިފުށި
  • ބ. ފެހެންދޫ
  • ބ. ފުޅަދޫ
  • ބ. ދޮންފަން
  • ބ. ކިހާދޫ
  • ބ. އޭދަފުށި
  • ބ. މާޅޮސް
  • ބ. ކަމަދޫ
  • އއ. މަތިވެރި
  • އދ. ދިގުރަށް
  • ވ. ރަކީދޫ
  • ވ. ފެލިދޫ
  • ވ. ކެޔޮދޫ
  • ވ. ފުލިދޫ
  • ފ. މަގޫދޫ
  • ފ. ދަރަނބޫދޫ
  • ފ. ފީއަލި
  • ލ. ހިތަދޫ
  • ގއ. ދެއްވަދޫ
  • ގދ. ރަތަފަންދޫ

ސަރުކާރުން އަމާޒު ހިފީ ރާއްޖޭގެ އާބާދީގެ 90 ޕަސެންޓަށް މިދިޔަ މަހުގެ ނިޔަލަށް ވެކްސިން ފުރިހަމަ ކުރުމަށެވެ. ނަމަވެސް އެ އަމާޒު ހާސިލެއް ނުވިއެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒް މިހާތަނަށް ޖަހާފައި ވަނީ ވެކްސިން ޖަހަން ޖެހޭ އާބާދީގެ 66 ޕަސެންޓް މީހުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ 85 ޕަސެންޓް މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި 12 އަހަރާއި 17 އަހަރާ ދެމެދުގެ 84 ޕަސެންޓް ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް 383،620 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާ އިރު، ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދަކީ 302،182 އެވެ.