ތަޖުރިބާކާރު ނޫސްވެރީންތަކެއް ކިޔަވައިދޭ ނޫސްވެރިކަމުގެ އާ ކޯހެއް މިމަހު 15ގައި ފަށަން ހަމަޖައްސައިފިއެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ "ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯސް" އަކީ "ޝަހީބު މީޑިއާ"ގެ ފަރާތުން އިންތިޒާމުކޮށްގެން ހިންގާ ކޯހެކެވެ.

"ޝަހީބު މީޑިއާ" އަކީ ނޫސްވެރިން ތަމްރީނު ކުރުމާއި ނޫސްވެރިކަމުގެ ކޮންސަލްޓެންސީ އާއި މާކެޓިން އަދި ޕްރޮމޯޝަންގެ ހިދުމަތް ދިނުމަށް، މީޑިއާ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ، ހަވީރު އޮންލައިންގެ ކުރީގެ އެޑިޓަރު އަދި "ހުވާސް"ގެ ކުރީގެ އެޑިޓަރު މުހައްމަދު ޝަހީބު މީގެ 10 އަހަރު ކުރިން އުފައްދަވައިފައިވާ ތަނެކެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވާނީ، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވައިފައިވާ ޝަހީބު ކަމަށް ޝަހީބު މީޑިއާއިން މައުލޫމާތު ދެއެވެ.

ލެކްޗަރަރުންގެ ގޮތުގައި މި ކޯހުގައި ކިޔަވައިދެއްވާނީ ވެސް ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ހާސިލްކުރައްވައިފައިވާ، ތަޖުރިބާކާރު ނޫސްވެރީންނެވެ.

އޭގެ ތެރޭގައި "މިހާރު"ގެ ކުރީގެ އެޑިޓަރު މޫސާ ލަތީފާއި "ވަން އޮންލައިން"ގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ އާއި "މިހާރު"ގެ އެޑިޓަރު އިސްމާއިލް ނަސީރާއި މޮންދު ޕްރޮޑަކްޝަންގެ ސީއީއޯ މުހައްމަދު އާސިފު (މޮންދު) އާއި ރާއްޖެ ޓީވީގެ ނިއުސް ކޮންސަލްޓަންޓް، އިމާދު ލަތީފުގެ އިތުރުން ދިވެހި ބަހުގެ އުސްތާޒެއް ކަމަށްވާ ފަރެސް މުހައްމަދު އާމިރު ހިމެނެއެވެ.

ޖީސީއީ އޯލެވެލް ހަދައިފައިވާ ދަރިވަރުންނާއި ނޫސްވެރިކަމުގައި މިހާރު ވެސް ހަރަކާތްތެރިވާ ޒުވާނުންނަށް އަމާޒުކޮށް ފަރުމާކޮށްފައިވާ މި ކޯހުގައި ހަބަރު ދެނެގަންނާނެ ގޮތާއި، ހަބަރު އެކުލަވައިލައި ލިޔާނެ ގޮތާއި، އިންޓަވިއުކުރާނެ ގޮތާއި ރިޕޯޓް ލިޔާނެ ގޮތްތައް ކިޔަވައިދޭނެ ކަމަށް "ޝަހީބު މީޑިއާ"ގެ ޗެއާމަން އަދި ސީއީއޯ މުހައްމަދު ޝަހީބު ވިދާޅުވި އެވެ. އަދި ނޫސްވެރިކަމުގެ އަޚުލާގާ ބެހޭ ގޮތުންނާއި، ކާމިޔާބު ނޫސްވެރިއަކަށް ވުމުގެ އަޒުމާއި ހިތްވަރުގެ މައްޗަށާއި ތަރުޖަމާ ކުރުމުގެ ފަންނުގެ މައްޗަށާއި ނޫސްވެރިކަމުގެ ބަހުގެ ހަމައިގެ މައްޗަށާއި ނިއުސްރޫމް މެނޭޖްމަންޓުގެ މައްޗަށާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ މައްޗަށް ތަގުރީރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކޯހުން މަތީ ދަރަޖައިގައި ފާސްވާ ފަރާތްތަކަށް މީޑިއާގެ އެކި ތަންތަނުން ވަޒީފާގެ ފުރުސަތު ތަނަވަސްވެފައިވާ ކަމުގައި ވެސް ޝަހީބު ވިދާޅުވިއެވެ.

މިމަހުގެ 15 އިން 29 އަށް ކުރިއަށް ގެންދާ މި ކޯހުގެ ފީއަކީ 2،000 ރުފިޔާއެވެ.

ކޯހުގައި އާންމުކޮށް ދޫކުރުމަށް ހަމަޖެހިފައި ވަނީ މަދު އަދަދެއްގެ ޖާގަ ކަމަށްވާތީ، ކޯހުން ފުރުސަތު ލިބޭނީ "ޝަހީބު މީޑިއާ" ހޮޓްލައިން 9934333 އަށް ނަމާއި އައީޑީކާޑު ނަންބަރު ފޮނުވައިގެން އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ ފަރާތްތަކަށް ކަމަށް "ޝަހީބު މީޑިއާ" އިން ބުނެއެވެ.

މި ކޯސް ކުރިޔަށް ގެންދާން ނިންމާފައި ވަނީ ރޭގަނޑު 08:00 އިން 10:00 އަށް އަހުމަދިއްޔާ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައި ކަމަށް ޝަހީބް މީޑިއާއިން މައުލޫމާތު ދެއެވެ.

ޝަހީބު މީޑިއާއިން ވަނީ މީގެ ކުރީން ވެސް ނޫސްވެރިކަމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގައިފައެވެ. އެ ގޮތުން އައްޑޫ އާއި މާލެ އާއި ކުޅުދުއްފުށީގައި ވެސް ވަނީ ކޯސްތައް ހިންގައިފައެވެ.