ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކޮމްޕޮޒިޝަން މި ދައުރުގައި ބަދަލުކުރާނެ ކަމަށާއި އެކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ އެކްސްޕާޓުންގެ ލަފާ ހޯއްދަވަމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބަރޫކް ވިދާޅުވީ، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ގެންއުން ލަސްވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.

އެކަން ކުރާނެ ސީދާ ތާރީހެއް ދަންނަވަން އެނގިވަޑައިނުގެންނެވި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ނިމުމުގެ ކުރިން އެކަން ކުރާނެ ކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ، އެ ބަދަލު ގެންނާނީ އެންމެނަށް އިތުބާރު ހިފޭ ފަދަ ގޮތަކަށް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެބަވޭ ބައެއް ލީގަލް އެކްސްޕާޓުންގެ އޮޕީނިއަން އަށް އައްސަވާފައި މިފަދަ ކޮމްޕޮޒިޝަނެއް ގެނައުމުގައި އެ ބޭފުޅުންގެ ހިޔާލު ހޯދުމަށް،" މަބްރޫކް ވިދާޅުވި އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމަކީ ބޮޑުކަމެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެއީ ރާއްޖޭގެ ޖުޑިޝަރީ ނިޒާމް ހަރުދަނާ ކުރުމަށް އަޅާ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.