ކޮވިޑް19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހު އެކެއްގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

މުއްދަތު އިތުރު ކުރުމަށް ޓަކައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ބުނެފައި ވަނީ، އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން 12 މާޗް 2020 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި އެކަން އިއުލާން ކުރާ ކަމަށެވެ.

އެންމެ ފަހުން އިތުރު ކުރި މުއްދަތު މިއަދަށް ހަމަވާނެ އެވެ.

އެ ގަރާރުގައި ހެލްތު މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ، އެގޮތަށް ހަމަޖެއްސެވީ ކޮވިޑް އިތުރަށް ފެތުރުމުގެ ނުރައްކާ އަދިވެސް ރާއްޖޭގައި އޮތުމާއެކު 12 މާޗް 2020 ގައި އިއުލާނު ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތުމުން، ކޮވިޑްގެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށް ޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާތީ ކަމަށެވެ.

ވަގުތާއި ހާލަތަށް ރިއާޔަތް ކޮށް، އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަަވަރު ކުރުމަށްޓަކައި، ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓާ ޖެެނެރަލް އޮފް ޕަބްލިކް ހެލްތަަށް އަންގާ ކަމަށްވެސް އެ ގަރާރުގައި ވެއެވެ.