ސްރީލަންކާގައި ކާބޯތަކެތީގެ އިމަޖެންސީ އިއުލާނުކޮށްފިއެވެ.

އެގައުމުގައި ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ މުދާ އިމްޕޯޓު ކުރުމުގައި ދިމާވަމުން އަންނަ ގޮންޖެހުންތަކުގެ ސަބަބުން ކާބޯތަކެތި ކޮންޓްރޯލުކުރަން ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވަނީ ނިންމަވާފައެވެ.

ސްރީލަންކާގެ އިގުތިސާދު ހީނަރުވެ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާތީ ރައީސް ރާޖަޕަކްސަ ގޮޓަބަޔާވަނީ ހަނޑުލާއި ހަކުރު އަދި އެހެނިހެން ޒަރޫރީ ކާބޯތަކެތި ކޮންޓްރޯލު ކުރުމަށް ނިންމެވިކަން އަންގާރަ ދުވަހު އިއުލާނު ކުރައްވައިފައެވެ.

މި ނިންމެވުމުގެ ދަށުން ކާބޯތަކެތި ގުދަން ކޮށް ބޮޑު އަގުގައި ވިއްކަމުން އަންނަ ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އަޅައި ސަރުކާރުން ކޮންޓްރޯލު އަގެއްގައި ކާބޯތަކެތި ވިއްކުމަށް ވަނީ ކަނޑައަޅުއްވައިފަ އެވެ.

ލަންކާގައި ހަނޑޫ، ހަކުރު، އަލުވި، ފިޔާ ފަދަ ޒަރޫރީ ބާވަތްތަކުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު ރައްޔިތުން، ކިރާއި ކަރާސީނު އަދި ކައްކާ ގޭހަށް ޖެހި ދިގު ކިޔޫތައް އަންނަނީ ހަދަމުންނެވެ. ކޮވިޑުގެ ސަބަބުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ ގައުމުގައި 16 ދުވަހުގެ ކާފިއުއެއް އިއުލާނުކޮށްފައިވީ ނަމަވެސް އެއަށް ބެލުމެއް ނެތި ފިހާރަތައް ދޮށުގައި މީހުންތައް އަންނަނީ ތޮއްޖެހެމުންނެވެ.

ކޮވިޑުގެ ސަބަބުން ލަންކާގެ އިގުތިސޯދު މިދިޔަ އަހަރު ވަނީ 3.6 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި މިދިޔަ މާޗް މަހުގެ ތެރޭގައި ސަރުކާރުންވަނީ އެކިބާވަތުގެ އުޅަނދު އެތެރެކުރުމުގެ އިތުރުން ކެއުމަށް ބޭނުންކުރާ ތެލާއި، ރީނދުލާއި އާއްމުކޮށް ބޭނުން ކޮށް އުޅޭ ހަވާދުގެ ބާވަތްތައް އިމްޕޯޓު ކުރުން މަނާ ކޮށްފައެވެ.

އިމްޕޯޓު ކުރާ ފަރާތްތަކުން އަންނަނީ ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި އެތެރެކުރުމަށް ބޭނުންވާ ޑޮލަރު ލިބުމުގައި ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާ ކުރަމުންނެވެ.

ލަންކާގެ ބޭރު ފައިސާގެ ރިޒާވް 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް 7.5 ބިލިއަން ޑޮލަރަށް ހުރިއިރު މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 2.8 ބިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ. އަދި ލަންކާ ފައިސާގެ އަގު ވަނީ ޑޮލަރާއި އަޅައިބަލާއިރު 20 ޕަސެންޓް ދަށް ވެފައެވެ.

އެގައުމުގެ ކޮވިޑުގެ ހާލަތަށް ބަލާއިރު ބަލީގައި މަރުވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. ފާއިތުވި 10 ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 4500 ގައި އުޅޭއިރު ބަލީގައި މަރުވާ މީހުންގެ އަދަދުތައް އުޅެނީ 200 ގައެވެ.