ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް އިއްވި ގާޒީން ކަމަށް ބެލެވޭ ބައެއްގެ ލީކުވެފައިވާ އޯޑިއޯތަކަކީ އަސްލެއް ނެތް އޯޑިއޯތަކެއް ކަމަށް ދެއްކުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ގާޒީން ކަމަށްވާ ގާޒީ ހުސައިން ފާއިޒާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމް ކަމަށް ބުނާ ބައެއްގެ އޯޑިއޯތަކެއް އިއްޔެ ވަނީ ލީކު ކޮށްލައިފައެވެ. އެ އޯޑިއޯތަކުގައި ރައީސް ޔާމީން މައްސަލައިގައި ހުކުމް ކުރުމަށް ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވެއެވެ.

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ސަރުކާރުގެ ފަރާތުން ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރުވައި ބިރު ދައްކައި ރަހީނުކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށް އެ އޯޑިއޯތަކުން އެނގޭ ކަމަށެވެ.

"އެ އޯޑިއޯތަކަކީ އެއްވެސް އަސްލެއް ނެތް އޯޑިއޯތަކެއް ކަމަށް ދެއްކުމަށްޓަކައި އެ ފަނޑިޔާރުންނަށް އިތުރަށް ބިރު ދައްކައި ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ހުކުމް ކުރި ބެންޗުގައި ހިމެނޭ ފަނޑިޔާރުން ކޮމްޕްރޮމައިޒްވެ އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަންކަން ހިނގާފައިވާ ކަން އޯޑިއޯތަކުން އެނގޭ ކަމަށެވެ.

"ފަނޑިޔާރުންގެ އޯޑިއޯގެ މައްސަލަ ބަލަނީ ކަމަށް ބުނެ އެ ފަނޑިޔާރުންނަށް އިތުރަށް ބިރު ދައްކައި ރަހީނުކޮށް ސިޔާސީ ނުފޫޒު ފޯރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުން ހިންގަމުން ގެންދާ ހަޑިމުޑުދާރު ޖަރީމާ މިހާރުން މިހާރަށް ހުއްޓާލައި އެ ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރާނަމަ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ހާމަކަން ބޮޑު ގޮތެއްގައި އެ ތަހުގީގު ހިންގުމަށް ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.