މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅުނީ މުސްތަގުބަލު ރަނގަޅުވާނެ ކަމަށް ބަލާފައި ކަމަށް ދިވެހި ފިލްމީ ތަރި މުހައްމަދު މަނިކު އަދި އޭނާގެ އަންހެނުން ޝީލާ ނަޖީބު ބުނެފިއެވެ.

"ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން މަނިކު ބުނީ، އެމްއެންޕީ އާ ގުޅުނީ ޝީލާއާ ދެމަފިރިންވެސް ވިސްނައި އަދި މަޝްވަރާކުރުމަށް ފަހުގައި، މިހާރަށް އެންމެ ބޭނުން ގޮތް ކަމުގައި ވާތީ ކަމަށެވެ.

މަނިކު އިތުރަށް ބުނީ ޝީލާވެސް އެމްއެންޕީ އަށް ސޮއި ކުރީ އަމިއްލައަށް ބޭނުން ވެގެން ކަމަށާއި އެކަން ކުރީ މުސްތަގުބަލު ރަނގަޅުވާނެ ކަމަށް ބަލާފައި ކަމަށެވެ.

"ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ޝީލާ ބުނީ، އެމްއެންޕީ އާ ގުޅުނީ އަމިއްލައަށް ބޭނުންވެގެން، އެއީ މިހާރަށް އެންމެ ރަނގަޅުގޮތް ކަމުގައި ދެކޭތީ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެއީ މިހާރުގެ ރައީސާ އިދިކޮޅު ކަމުން ނުވަތަ އެހެން ކަމެއްގެ ސަބަބުން ކުރި ކަމެއް ނޫން ކަމަށާއި މީހަކު އެއްޗެއް ދީގެން ނުވަތަ އެއްވެސް އޮފާއެއް ލިބިގެން ކުރި ކަމެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ރައީސަށް ބްރެކްފާސްޓް ގެންދިއުމުންވެސް މީހުން ވަރަށް ދެއްކި އެކި ކަހަލަ ވާހަކަ. އެހެން ނަމަވެސް އެއީވެސް ލާރިތަކެއް ދީގެން ކުރި ކަމެއް ނޫން. އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރަން މިހާރުގެ ރައީސް މުހައްމަދު ސޯލިހަށް." ޝީލާ އިތުރަށް ފާހަގަކުރިއެވެ.