"މިއީ އިއްޔެ ޙަވާލު ކުރެއްވެވި ފައިލް.. ޕްރޮޕޯސަލް ތައްޔާރުކޮށް ނިންމާފަ އޮންނާނީ..." ޝައުފާ އޮފީހުގެ ވެރިޔާގެ މޭޒުމަތީގައި ފައިލްތައް ބެހެއްޓުމަށްފަހު އޭގެތެރެއިން އެއް ފައިލް ނަގާ ވެރިޔާއަށް ދިއްކޮށްލިއެވެ.
"ކޮންޓްރެކްޓް ލިބޭނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތް.. ޝައުފާގެ ޕްރޮޕޯސަލް އެއް އަދި މިހާތަނަކަށް ފެއިލްވެފައެއް ނެތް.." ޒިޔާދު ފައިލްގައި ހިފަމުން ބުނެލިއެވެ.
"ތިހާ ޔަޤީންކަން ދޭކަށް ނުވާނެ.. ޗެކްކޮށްލަންވީ ނޫންތޯ..." ޝައުފާ ހިނިތުންވެލިއެވެ.
'އަޅުގަނޑު މިއުޅެނީ އަދި ކޮފީބްރޭކަށްވެސް ނުގޮސް..މިހާރު ހުރިހާ މަސައްކަތެއްހެން ނިމުނީ..އިތުރުކަމެއް ނެތިއްޔާ މިރެއަށް ނިންމާލިޔަސް އެންމެ ރަނގަޅުތޯ..'
"އަނހާ ޝައުފާ..." ޒިޔާދު ފައިލް ބޭއްވުމަށްފަހު ޝައުފާއަށް ބަލައިލިއެވެ. "ކިތައް ދުވަހު ބުނާނީ މަސައްކަތްކުރެވޭނީ ކައިގެން ބޮއިގެން ހުރެއޭ... އަހަރެންގެ ޤަވާއިދާއި މުޅިން ޚިލާފެއްނު ތިވެވުނީ.. އެއޮއް ރޭގަނޑުން ނުވައެއް ޖަހާ ބޮޑުވީވިއްޔަ.... ޝައުފާއަށް ހަމަ ސާބަސް.." ޒިޔާދު ތަންކޮޅެއް ހަރުކަށި ރާގަކަށްބުނެލިއެވެ. "އިތުރު މަސައްކަތެއް އޮތަސް މިރެއަކު ޝައުފާއާ ހަވާލެއް ނުކުރާނަން.. އަވަހަށް ގެއަށްދޭ... މާދަމާ ހުކުރެއްނު.. އެންޖޯއި ދަ ވީކެންޑް.." މޭޒުމަތީގައި އޮތް މުށިކުލައަކަށްދާ ސިޓީ އުރައެއް ނަގާ ޝައުފާއަށް ދިއްކޮށްލަމުން ޒިޔާދު ވާހަކަ ދެއްކިއެވެ.
"މިޔޯ...!" ހައިރާންކަމުގެ ލޮލަކުން ސިޓީއުރައަށް އެއްފަހަރު އަނެއްފަހަރު ޒިޔާދަށް ޝައުފާއަށް ބަލައިލެވުނެވެ.
'ދެކޮޅު ނުހަދައްޗޭ.. ނޯޔާގެ ހިތްހަލާކު ވެދާނެ.." ޒިޔާދު ބުނެލިއެވެ. "ތީ ހަމަ ވަރަށް ކުޑަކުޑަ ހަދިޔާއެއް.. މިމަހު އެއްވެސް ހަދިޔާއެއް މިސްއަށް ނުދެވުނީތީ ނޯޔާ އެ ޝަކުވާ ކުރާތާ ހައެއްކަ ދުވަސް ވެއްޖެ... އެންމެފަހުން މިއަދު އަހަރެން އޮފީހަށް އަންނަން ނުކުންނަނިކޮށް ފަހަތުގަ އަޅުވާލިގޮތަށް އައިންތައަކަށްވެސް އެމަންޖެ ނުހެއްލުނު... އެންމެ ފަހުން ބޮޑާ ހާކާ ވަރުން ގޮވައިގެން އޭޓީއެމަށް ދާންޖެހުނީ..." ނޯޔާގެ ވާހަކަ ދައްކަމުން ދިޔައިރު ޒިޔާދުގެ ލޮލުން ފެންނަމުންދިޔައީ ދަރިފުޅަށްޓަކައި އެހިތުގައިވާ ހައްދެއް ނެތް ލޯތްބާއި އެދަރިފުޅަށްޓަކައި ކުރާ އުއްމީދުގެ ވިދުމެވެ. އެއަޑުގައި ވަނީ ފަޚުރުވެރި ކަމެކެވެ.
ހުޅުވާލި ސިޓީއުރައިގެ ތެރޭގައި އޮތީ ދެހާސް ރުފިޔާގެ ބޭންކްއެކައުންޓް ޓްރާންސްފަރ ސްލިޕެކެވެ. ޝައުފާ ޒިޔާދުގެ މޫނަށް ބަލައިލީ ބޮޑު ކަމަކުން ސަލާމަތް ވާން ބޭނުންވާ ކަހަލަ ގޮތަކަށެވެ.
"އުނހު.. ފުރަތަމަވެސް ބުނިން ނޫނެކޭ ނުބުނާށޭ.. ނޯޔާ ވަރަށް ލޯބިން ދިން ހަދިޔާއެއް... އެހެން ނޫނަސް ޝައުފާ ކޮށްދޭ ކަންތައްތަކާ އަޅާ ބަލާއިރު ތިހަމަ ސުމެއް.." ޒިޔާދު ސޮއި ކުރަންޖެހޭ ސިޓީތަކާއި ލިޔުންތައް ހުރި ފައިލް ނަގާ ހުޅުވާލިއެވެ. "ދެންވެސް އަވަހަށް ދޭ.. ރަނގަޅަށް ކައިގެން ކޮފީ ބޯނީ.. ހަމައެކަނި ކޮފީއަކުން ނިންމާލާނީއެއް ނޫން..."
"ނޯޔާޑޯލީ އަކީ ހަމަ ޒިޔާދު ކަހަލަ ކުއްޖެއް.. ސޭމްސޭމް.." ސްލިޕް ސިޓީއުރައަށް ލަމުން ޝައުފާ ހީނލިއެވެ. "މިތަނުން ޕޯސްޓްކާޑެއް ބޭނުން ކޮށްލިޔަސް އެންމެ ރަނގަޅުތޯ.." ޝައުފާ ޢިޝާރާތް ކޮށްލީ މޭޒުމަތީގައި ހުރި ކަލަންޑަރު ކައިރީގައި ހުރި ޕޯސްޓްކާޑު ފޮށްޓަށެވެ.
"އަނހަ.. ޕާސަނަލް ސެކްރެޓްރީ ކުރާކަހަލަ ސުވާލެއް ނޫނޭ.. ބޭނުން ވަރަކަށް ނަގަންވީ..." ޒިޔާދުގެ ހުއްދަ ލިބުމުން ޝައުފާ އެތަނުން ކުޑަކުއްޖަކު ގަޔާވާނެ ކަހަލަ މަންޒަރެއް ހުރި ޕޯސްޓްކާޑެއް ނަގާ އޭގެ ބޭރުގައި އިނގިރޭސިން "ތެންކްޔޫ ސޯމަޗް މައި ލަވްލީ ސްމޯލް ޑޯލީ... ވިތް ލޮޓްސް އޮފް ލަވް އެންޑް ބެސްޓް ޕްރެޔާސް، އާނީ ސިސް" ލިޔެލިއެވެ.
"އަޅުގަނޑުގެ ކުޑަކުޑަ ލޯބި ޕްރިންސަސްއަށް ވަރަށް ހެޔޮދުޢާއާއި ސަލާމް.." ޕޯސްޓްކާޑު ޒިޔާދުގެ އަތަށް ދެމުން ޝައުފާ ބުނެލިއެވެ.
"ހޮނިހިރު ދުވަހު ހަވީރުން އަޅުގަނޑު ދާނެވާހަކަ ބުނެދެއްވައްޗޭ.. ދެން އަޅުގަނޑު ދިޔަޔަސް އެންމެ ރަނގަޅުތޯ..." ޝައުފާ ދިއުމުގެ ހުއްދައަށް އެދުނެވެ.
"އެންޖޯއި ޔުއަރ ވީކެންޑް... މީ އެންޑް ނޯޔާސް ބެސްޓް ވިޝަސް... ބީ ސޭފް ޑިޔަރެސްޓް..."
"ތޭންކްސް..." ޝައުފާ ޝުކުރު އަދާކުރުމަށްފަހު ކެބިނުން ބޭރަށް ދާން ހިނގައިގަތެވެ. ޝައުފާ ގޮސް ނިކުތުމުން, ކެބިނުގެ ލެއްޕިގެން ދިޔަ ދޮރާއި ދިމާލަށް ބަލައިލުމަށްފަހު ހިނިތުންވެލަމުން ޒިޔާދު މަސައްކަތާއި ދިމާއަށް އެނބުރިލިއެވެ.
"ކޮބާ ކިހާވަރެއްވި.. ބަރާބަރު ފަންސަވީސް މިނިޓާއި ބާރަ ސިކުންތު.. މިރެއަށް ކައްކާނެ އެއްޗެއްގެ ރެސިޕީ ކިޔައިދިނީތަ... ނޫނީ ގޭގެ ފަރުނީޗަރު އާކުރަން ބޭނުންތޯ އަހާ.. ގޭގެ ކުލަ ބަދަލުކުރަން ބޭނުން ކުލައެއް އޮޅުންފިލުވީތަ...." ޝައުފާ ފެނުމާއެކު ޒިމްނާ އަތުކުރީގައި އޮތް ގަޑި ދައްކަމުން ދެބުމަ ގޮށް ޖަހާލިއެވެ.
"ޒިމޫ.. ސާބަހޭ.." ޝައުފާ ހީގަންނަމުން އަތްދަބަސް ނަގާ ކޮޑުގައި އަޅުވާލިއެވެ. "ނޯޔާގެ ހަދިޔާއެއް އޮތީމަ.. އެއާއި ހަވާލުވެފަ އެމަންޖެއަށް ޕޯސްޓްކާޑެއް ލިޔެލީ... އެހެންވެ ކުޑަކޮށް ލަސްވީ..." ޒިމްނާގެ އަތުގައި ހިފައިގެން އޮފީހުން ނުކުންނަން ހިނގައިގަންނަމުން ޝައުފާ ބުނެލިއެވެ.
"އެހެންނޫނަސް ޒިޔާދު ޝައުފާއަށް ގޮތެއް ހުރެއޭ... އެކަން ނޭނގެނީ ޝައުފާއަށް... އަހަރުމެންގެ ލޮލަކަށް އޮޅުވައެއް ނުލެވޭނެ.." ޒިމްނާ ބުނެލިއެވެ.
"ކަމަނާ ތިކިޔުއްވާ ލަވައިގެ އެއްވެސް މާނައެއް ފަހުމެއް ނުވޭ.." ޝައުފާ ބުނެލިއެވެ. އެއީ ޒިމްނާ އަބަދުވެސް ދައްކާ ވާހަކައެކެވެ. ޒިޔާދު އޭނާއާއި ދޭތެރޭ ތަފާތު ނަޒަރަކުން ދެކޭ ވާހަކައެވެ. އޭނާއަށް ބަލާ ބެލުންތަކުގެ މާނައެއް ފޮރުވިފައި އޮންނަ ވާހަކައެވެ. މިއިން އެއްވެސް ވާހަކަ އަކަށް ޝައުފާގެ އެއްވެސް ސަމާލުކަމެއް ދެވިފައެއް ނެތެވެ. އެކަހަލަ ފިކުރެއް ނުކުރާތާ އެގޮތަށް ޒިޔާދާއި ދޭތެރޭ ވިސްނުމަކީވެސް އޭނާ ކުރަން ބޭނުން ކަމެއް ނޫނެވެ.
"އައްދެ.... އެއްގޮތަކަށްވެސް ހަނދާނެއް ނެތް... ކީކޭ ބުނާނީ.. މަމިހިރީ އަޅެ ހައިރާންވެފައެއްނު.. މީ ބޮޑުވަރު.." ޒިމްނާ އަމިއްލަ ނަފްސަށް އެއްޗެހި ކިޔަން ފެށުމުން ޝައުފާއަށް ނުހީ ނުހުރެވުނެވެ.
"ޔަޤީން... ސަމަދުބެ ކޮންމެވެސް ކަމެއް ހަވާލުކުރީމަ ހަނދާން ނައްތާލައިގެން ތިއުޅެނީ.. އަޅެ އެފަކީރަށް އެހެން ހަދާކަށްނުވާނެއެއްނު.." ޒިމްނާގެ ކޮޑަށް އަތް ވައްޓާލަމުން ޝައުފާ ބުނެލިއެވެ. "ސީރިއަސްކޮށް ބުނެބަލަ.. ކިހިނެއްވީ.. ކޮންކަމެއް މިފަހަރު ފަރުވާކުޑަކޮށް ދޫކޮށްލީ..."
"ޔާރޭ... މާދަން ހުކުރެއްނު.. ހުކުރުން ފައިބައިގެން ޖާފަތެއް ދެއެއްނު.. ކޮންމެ ހަފްތާއެއްގެވެސް ހުކުރު ދުވަހު ގޭގައި ކެއުމެއް އޮވެއެއްނު.. ހަމަ ތެދެއް މިބުނީ.. އެއްގޮތަކަށްވެސް މަފަކީރު ހަނދާނެއް ނެތް.. މިރޭ ފިހާރަތައް ބަންދު ނުކުރަނީސް ބަދިގެއަށް ބޭނުންވާ ތަކެތި ގަންނަން ސަމަދާއި އެކު ދާންޖެހިފަ އޮތް ހަނދާނެއް އެއްވެސް ވަރަކަށް ނެތް..." ޒިމްނާ ހުރީ ޙަޤީޤަތުގައިވެސް ދެރަވެފައެވެ.
"ދެންވެސް ލަސްނުކޮށް ސަމަދުބެއަށް ގުޅާބަލަ..." ޝައުފާ ޚިޔާލެއް ދިނެވެ.
"އިހަށް ހިނގާ މިއިން ދިމާލަކުން ކެފޭއަކަށް ވަދެ ކޮފީއެއް ބޯން.. އެތެރެއަށް ވަދެ ސަމަދަށް ގުޅާނީ.. އޭރުން އޭނަ އަންނާނެ.. ތިން މީހުންނަށް ބާޒާރަށް ދެވޭނެއެއްނު..."
"ތީ ޒިމްނާ ހަމީދަށް މިއަހަރު ތެރޭގައިވެސް ދެއްކުނު ހަމައެކަނި ބުއްދިވެރި ވާހަކަ" ޝައުފާ ހިނިތުންވެލަމިން ބުނެލިއެވެ. އަދި ދެ އެކުވެރިން މަގުގެ އެއް ކަނެއްގައި ހުރި ކުޑަވަރެއްގެ ކެފޭއަކާއި ދިމާއަށް ހިނގައިގަތެވެ.
*** ** *** ** ***** ** *** ** ***
ފެންވަރާ ތާޒާވެލައިގެން ޝައުފާ ތައްޔާރުވެލީ ޒިމްނާއާ ސަމަދުގެ "ހުކުރުޚާއްޞަ" ދައުވަތަށް ކެއްކުމާއި ސުފުރާ ތައްޔާރު ކުރުމުގައި އެދެމަފިރިންނާއި އެހީވުމަށް އެގެއަށް ދިއުމަށެވެ. ހެނދުނު ހެނދުނާ ތެދުވެ ކޮޓަރީގެ ހިރަފުސް ފޮޅާ ކުނިކަހާ ކޮޓަރި ތެރެ ރީތިކޮށްލުމަށްފަހު ކުޑަލުއި ގޮތަކަށް ހެނދުނުގެ ނާސްތާ ކުރުމަށްފަހު އޭނާ ފެންވެރުމުގެ ކުރިން ފާޚާނާވެސްދޮވުނެވެ. ކޮންމެ ހަފްތާއެއްގެވެސް ހުކުރު ދުވަހު އޭނާ އާދަވެ ކުރާ ކަންތައް މިއަދު ތަންކޮޅެއް އަވަސް ގޮތަކަށް ނިންމާލީ ޒިމްނާއަށް އެހީވާން ދާނެކަމަށް ވައުދުވެފަ އޮތީމައެވެ.
ހުދުކުލައިގެ ކުދިކުދި ބޮޅުތަކެއް ހުރި އަޅިކުލައެއްގެ ގަމީހަކާއި ގަދަ މުށިކުލައެއްގެ ޖީންސްގައި ހުރިއިރު ޝައުފާގެ އެއްވެސް މޭކަޕެއް ނެތް ސާފު މޫނުގެ ސާދާކަމާއި މައުސޫމިއްޔަތުކަމަށް ފެންނަ ކޮންމެ ލޮލެއްވެސް ހުއްޓޭނެކަން ގައިމެވެ. ޝައުފާގެ ބުޅި އިސްތަށިގަނޑާއި ކަޅުކަޅިރަވައިގެ އިތުރުން ކޮންމެ ހިތެއްވެސް ގުޑުވާލަނީ ފަނޑުވުމެއްނެތް ހިނިތުންވުން ފެންނަ ރީތި ތުންފަތެވެ. މާ ދޮން ނޫނަސް ޝައުފާއަށް ލިބިފައިވާ އޮޅަލި ކުލަ އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. ހެޔޮވަރުގެ މެދުމިނުގެ އިސްކޮޅާއި ރޫފަ އެޅިގެންވާ ބުރުސޫރަ ނުހަނު ރީތި ހަށިގަނޑުގެ ވަނާތައް ފުރިހަމަވެފައި މަސްތުކުރުވާހާ އަސަރުގަދައެވެ. މޫސުމުގެ އެންމެ ފުރިހަމަ މީރުވަސް ދުވާ މަލެއްފަދަ މިޒުވާން އަންހެން ކުއްޖާގެ ހިތުގެ ރަސްކަން ލިބޭތޯ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރާ ޒުވާނުންގެ ލިސްޓް ދިގެވެ. އެކަމަކު ސައްބީސް އަހަރުގެ ޝައުފާގެ ހިތް އޮތީ ހަމަ ހުހަށެވެ. ޢާއިލާއާ އުފަން ރަށާއި މާދުރުގައި ޝައުފާ އެކަނި ކުލީ ކޮޓަރިއެއްގައި ވަޒީފާ އަދާކޮށްގެން އަމިއްލަ ހަރަދުގައި ދިރިއުޅޭތާ ދެ އަހަރުދުވަސް ވެއްޖެއެވެ. އޭނާގެ މިއެކަނިވެރިކަމުގެ ސިއްރަކީ ކޮބައިކަމެއް ނޭނގުނަސް އޭނާގެ ހިތުގެވެރިއެއް ނެތްކަން ގައިމެވެ.
ލޯބި... ހައް.. އެއީ އޭނަ ޤަބޫލު ކުރާ ލަފްޒެއް ނޫނެވެ. އޭނާގެ ރަދީފްގައި އެބަހެއް ނޯވެއެވެ. އެއީ ޝާޢިރުންގެ ގަލަމުން ލިޔެފައި ހުންނަ ޚިޔާލީ ފްލޯކު ވާހަކަތަކަށް ފުރިހަމަކަމެއް ގެނެސްދިނުމަށް އެމީހުން ބޭނުން ކުރާ ދެއަކުރާއި ދެފިލީގެ އެ ލަފްޒުގެ އެމީހުން ބަޔާންކޮށްފައި އެހުންނަ ކަހަލަ އެއްވެސް ބާރެއް ހުންނަ ކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. ދުނިޔޭގެ ދިރިއުޅުމުގެ ފަލްސަފާގައި އޮންނަ ކައިވެނީގެ ގުޅުމުން ދެމީހަކުގުޅުމަށްފަހު އެދެމެދަށް އަންނަ އިހްތިރާމާއި ޤަދަރާއި ކުލުނަކީ އެބުނާ ލޯބި އޭނަ މާނަ ކުރާ ހަމައެކަނި ގޮތެވެ.
އުނޑުމަތި ބަނަ އެހެނަސް ވާރޭގެ އެއްވެސް އަސަރެއް ނެތް ފިނި ހެނދުނެކެވެ. ޒިމްނާއާއި ސަމަދުގެ ދެމަފިރިން ދިރިއުޅެމުންދާ ހ.ޑްރީމްލޭންޑް ގެ ބޮޑުދޮރުގައި ހިފާލުމަށްފަހު ޝައުފާ ދޮރު ހުޅުވާލިއެވެ. މިހިސާބަށް އައި މަގުމަތީ އޭނާ ޒިމްނާގެ ނަމްބަރަށް ގުޅުމުން ޖަވާބު ދިނީ ސަމަދެވެ. އެދެމަފިރިން ތިބީ ބާޒާރަށް ކޮންމެވެސް ސާމާނުތަކެއް ބަލާ ގޮސްކަމަށާއި ގޭގައި އިތުރު މީހަކަށް ހުންނާނީ ސަމަދުގެ ކޮއްކޮ ކަމަށް ބުނެފަ އޮތުމުން ޝައުފާ އެތެރެއަށް ވަނީ ހަމަޖެހިފައި ހުރެއެވެ. ސަމަދުގެ ކޮއްކޮ އަޒްމީލަކީ ޝައުފާގެ މާކުރިއްސުރެވެސް އެނގޭ ދުވަސްވީ ރައްޓެއްސަކަށް ވާތީ ސަމަދާއި ޒިމްނާ ނެތަސް ގެއަށް ވަދެގެންދާކަށް ބީރައްޓެހިކަމެއް ނެތްތާއެވެ. އެހެންނޫނަސް އޭނާ މިގެއަށް އައިސް ގޮސްވެ އުޅެނީ އަމިއްލަ ގެއެއް ފަދައިން ދެކިގެނެވެ.
"އަސްތަ.. ޕޮކަހޮންޓަސް.. ވާހް.. ހަމަ ތެދެއް މިބުނީ މަށާއި އިންނަން އާނއެކޭ ބުނެފިއްޔާ ބްރިޖްޚަލީފާއަށް ވަގުތުން ގެންދާނަން.." ގޭގެ ގޯތިތެރެ ހުރަސްކޮށް ސިޓިންރޫމާއި ހަމައަށް ގޮސް އެތެރެއަށް ވަންނަން ކަމަށް ނެގި ފިޔަވަޅު މަޑުކޮށްލަން ޖެހުނީ އެތެރެއިން ނުކުތް އަޒްމީލުގެ އަޑުއިވުމުންނެވެ. ޝައުފާއަށް ހުނުން ހިފަހައްޓައެއްނުލެވުނެވެ. ހީގަނެވުނީ ބާރަށެވެ. އެވަގުތު ސިޓިންގރޫމްގެ ތެރޭ އެހެން މީހަކު އިންކަން އެނގުމުން އޭނަ ފާޑަކަށް ރަކިވެއްޖެއެވެ. ބޮޑުދޮރަށް ފުރަގަސްދީގެން ސޯފާއެއްގައި އިން އެމީހެއްގެ ގަމީހުގެ ގިރުވާނާއި ބޯފެންނަން ހުރުމުން އެއީ ކޮންމެވެސް ފިރިހެނެއްކަން އޭނާއަށް އެނގިއްޖެއެވެ.
"ހިޔަޅުގެ ނުލަފާކަމެއް ހުރެއޭ... ކޮން މޮޑެލްއެއް އެތެރޭގަ ސޯފާއަށް ވެޑުވިގެން އެއިންނެވީ..." އަޒްމީލުގެ ކަންފަތުގައި ހިފާ އަނބުރާލަމުން ޝައުފާ އަހާލިއެވެ.
"މާމޮޅު މެކޭނިކެއްނު.. ދޮންބެގެ ވަރަށް ގާތް ރައްޓެއްސެއް.. އެއިންނެވީ އައިފޯނުން ގޭމް ކުޅުއްވަން.. ގަނޑުވަރުތެރޭގެ ބޭކަލެކޯ.." އަޒްމީލު ވައި އަޑުން ބުނެދިނެވެ.
"ތިހާ ޝާހީ ބޭކަލެއް ވެއްޖެއްޔާ ރަނގަޅު ހިސްޓްރީއެއް ނޯންނާނެ... ސަމަދުބެ ކޮން ޖަންގައްޔަކުން ގެނައި އާވައްތަރެއްގެ މެކޭނިކެއްތަ..." ޝައުފާ އަޒްމީލާއިއެކު އެތެރެއަށް ވަދެގެން ހިނގައިގަންނަމުން ލޮލުގެ ކުޑަކޮޅުން ސޯފާގައި އިންޒުވާނާއަށް ބަލައިލިއެވެ. ހޭވެރިކަމެއްނެތި ފޯނުން ކުޅެމުންދާ ގޭމަށް ގެއްލިފައި އިން އެ ޒުވާނާއިނީ އެއްފައި މައްޗަށް އަނެއްފައި ލައިގެން ހަމަޖެހިގެނެވެ. ޒުވާބު ދޭނެތަނެއް ދެކޮޅު ހަދާނެ ކަމެއް ނެތެވެ. ކިތަންމެހާވެސް ފުރިހަމައެވެ. ރީދޫއޮރެންޖް ކުލައަކަށްދާ އަތުކުރި އުޅަބޮށްޓާއި ހަމައަށް އޮޅާފައިވާ އަތްދިގު ގަމީހުގެ އެންމެ މަތީ ގޮށް ނާޅުވާ ހުރުމުން ނުހަނު ތަނަވަސް މޭމަތިން ފެންނަން ހާމަވެފައި ހުރި ތަނުން ހިތްގުޑޭފަދަ ފިރިހެން ހައިބަތު ދައްކުވައިދޭ ލޯލިއިސްތަށިކޮޅު އެޒުވާނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މާތްކަލާކޯއެވެ. އޭނާއަށް މިހާ ފުންކޮށް އެނުދަންނަ މީހާއަށް މިވަރަށް މިބެލެނީ ކީއްވެހެއްޔެވެ. ނޫނެކެވެ. ފޮނިކަމެއްވެސް ހުރި މީހާގަޑެކެވެ. ވާހަކަ ދައްކަމުން އެތެރެއަށްވަދެ ދިމާ ކުރިމަތީ ކަހަލަ ގޮތަކަށް ބަޔަކު އިށީނުމުންވެސް އިސްއުފުލާ ބަލާވެސްނުލައެވެ. މާބޮޑަށްވެސް ގަނޑުވަރު ވެފަ އިން ފޮނިމީހެކެވެ. ޝައުފާ ހިތާހިތުން އެބީރައްޓެހި ޒުވާނާއަށް އެއްޗެހި ގޮވަމުން ދިޔައެވެ.
"ތުއްތަ މަޑުކުރޭ... މަ އަންނާނަން އެފަރާތަށް ޖެހިލާފަ.. ކޮންމެވެސް ބޯނެ އެއްޗެއް ހިފައިގެން..." ޝައުފާ ސޯފާއެއްގައި ބޭންދުމަށްފަހު އަޒްމީލު ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. ހަމަހިމޭންކަން ވެރިވެފައި އޮތް ސިޓިންގރޫމްތެރޭގައި ބީރައްޓެހި އެހާމެ ފަރުވާކުޑަ މިޒުވާނާގެ ކުރިމަތީގައި އިންނަން ޖެހުމުން އޭނާ ކަންބޮޑުވެ ހާސްވާން ފެށީކީއްވެގެން ކަމެއް ނޭނގެއެވެ. އެއް އަތުގެ އިނގިލިތަކުގެ ތެރެއަށް އަނެއް އަތުގެ އިނގިލިތައް މަހާލައިގެން އިންއިރު އޭނާގެ ހިތުގެ ތެޅުންބާރުވާކަމުގެ އިހުސާސް ވަމުންދިޔައެވެ.
"މުހުތަރަމާ.. ހާލު ކިހިނެއް..." އެއީ ދަންނަ އަޑެކެވެ. ކޮންމެވެސް ތާކުން އޭނާ އެއަޑު އެހިއެވެ. އެކަމަކުކޮންތާކުން ހެއްޔެވެ. ނޭނގުނެވެ. ހަނދާނެއް ނުވިއެވެ.
"އަޞްލު ނަން ބުނަންވީނު.. އޭރުންތާ ނަމުން ގޮވާލެވޭނީވެސް ނޫންތަ..." އަސްތާއެވެ. ހާދަހާ ބަރު ހިތްގައިމު ރީތި އަޑެކެވެ. އެނއޭނ އެބުނީ ކީކޭބާވައެވެ. މިއީ ކާކުބާވައެވެ. "ދެން ނަން ބުނަންވީނުދޯ... އަސްލު ނަމަކީ ޝިފޫ އެއް ނޫނެއްނު.. ދޯ..."
މަސްތުކުރުވާ ފަދަ ހިނިތުންވެލުމަކާއިއެކު ޒުވާނާ އެބުނި ބަސްތައް އިވުމުން ޝައުފާއަށް ފުންމައިގެން ސޯފާއިން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. ޒުވާނާގެ މޫނަށް ބަލައިލެވުނީ ދެނެވެ. ކުޑަކޮށް ތަފާތުކޮށްފައި ހުރި ރީތިވަރަކަށް ދިގުވެފައިވާ ތުބުޅި... އިއްޔެ މެންދުރު އަވި އައިނުން ފޮރުވާފަ ހުރި ދެލޯ... ސުބްޙާނަﷲއެވެ. ހާދަހާވާ ރީތި ލޮލެކެވެ. ދިގު އެސްފިޔަތަކެކެވެ. މިއީ އެޒުވާނާއެވެ. އާއެކެވެ. މިއީ ކޮންފަދަ ރީތި ބީރައްޓެހި ޒުވާނެއް ހެއްޔެވެ. ކޮންމެވެސް މީހަކު އޭނާ ދަމާފައި ތަރިތަކުގެ ދަރުބާރަށް ގެންދިޔަކަހަލައެވެ. ސިހުރުވެރި ދެލޮލުގެ ޖާދޫގައި ޖެހިފައި ހުރެވުނީ ގަބު އަރާފައެވެ. މާތްކަލާކޯއެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ