ރޯޝަނީ ބިލްޑިން ކައިރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި އެވެ.

މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:13 ހާއިރު ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިން ކައިރީ ހިންގި މި މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. ތިން މީހުންގެ ގްރޫޕަކުން ގޮސް ވަޅި ހެރީ އެ ޒުވާނާގެ ކަރަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން"އަށް މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޒަހަމްވި ޒުވާނާގެ އާއިލާގެ މީހަކު މީގެ ކުރިން "ވަން" އަށް ކިޔައިދިން ގޮތުގައި އެ ޒުވާނާ އެ ދުވަހު ހެނދުނު ގެއިން ނުކުތީ ފައިސާ ނެގުމަށް އޭޓީއެމަށް ދިއުމަށް ކަމަށް ބުނެ އެވެ. އޭޓީއެމަށް އޭނާ ދިޔައީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާވެސް ގޮވައިގެން ސައިކަލުގަ އެވެ. ޒަހަމްވި ޒުވާނާ، އޭނާގެ ލޯބިވެރިޔާއާ އެކު ދުއްވާފައި ގޮސް ސޯސަން މަގު ކޮޅުގައި ހުންނަ މިސްކިތް ކައިރީ މަޑުކޮށްލި ވަގުތު ދެ ސައިކަލެއްގައި ދިޔަ ތިން މީހުންގެ ގްރޫޕަކުން އެ ދެމީހުން ވަށައިލުމަށް ފަހު ވަޅި ޖެހީ ޒުވާނާގެ ވައަތު ފަރާތު ކަރަށެވެ. އެއިރުވެސް އޭނާގެ ލޯބިވެރިޔާ ކައިރީގައި ހުރި ކަމަށް އާއިލާއިން ބުންޏެވެ.

ޒުވާނާގެ ކަރަށް ވަޅި ހެރުމުގެ ސަބަބުން ކަރުގެ ނާރުތަކާއި ނޭވާ ހޮޅިވެސް ބުރިވެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ވަޅި ހެރުމާ އެކު ޒުވާނާ މަސައްކަތްކުރީ ސައިކަލުގައި އެންމެ ކައިރީގައި ހުރި އޭޑީކޭ ހޮސްޕިޓަލަށް ދެވޭތޯ ކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް އޭޑީކޭ ދޮރުމައްޗަށް ދެވުނު އިރު އޭނާ ހޭނެތިގެން ވެއްޓުނު ކަމަށާއި އަދި އެވަގުތު މަގުމަތީގައި ތިބި އާންމު ރައްޔިތުން އޭނާ ނަގައިގެން ހޮސްޕިޓަލަށް ވެއްދި ކަމަށް އާއިލާއިން ބުންޏެވެ.

އޭޑީކޭ އިން އޮޕަރޭޝަނެއް ކުރުމަށްފަހު އާއިލާގެ އެދުމުގެ މަތިން އޭނާ އައިޖީއެމްޗަށް ވަނީ ބަދަލުކޮށްފަ އެވެ. ޒުވާނާގެ ހާލު އަދިވެސް ސީރިއަސް އެވެ. އައިޖީއެމްއެޗުން މިއަދު ބުނީ އޭނާ އަށް އަދިވެސް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ.