މަރުވެގެން އައިޖީއެމްއެޗް އިމަޖެންސީ ރޫމަށް ގެންދިޔަ އުމުރުން ދުވަސް ވީ މީހަކު ޕޮޒިޓިވް ވެ، ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު 227 އަށް އަރައިފި އެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި މާލޭ ގެއެއްގައި އޮތް އުމުރުން 74 އަހަރުގެ އަންހެނަކު ހަރަކާތެއް ނެތިގެން ރޭ ފަތިހު އައިޖީއެމްޗްގެ އީއާރަށް ގެންދިޔަ އެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިހާރު އުސޫލު އޮންނަ ގޮތުން މަރުވާ ކޮންމެ މީހަކު ކޮވިޑަށް ޓެސްޓު ކުރެ އެވެ. އެގޮތުން މި މީހާ ޓެސްޓު ކުރި އިރު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މިއީ މިބަލީގައި ރާއްޖެއިން މަރުވި 227 ވަނަ މީހާ އެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 210 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.