އިދިކޮޅު މެންބަރުން އިޖުތިޖާޖު ކުރާތީ އުނދަގޫވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 10 މިނެޓަށް މެދުކަނޑާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަކޮށް ނިޒާމް ގެއްލުވާލުމަށް މަސައްކަތް ކުރާތީ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ނަން އިއްވައި ޖަލްސާއިން ބޭރުވެސް ވަނީ ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަަތުގައި އިންނެވީ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

ޖަލްސާ ފަށައި ރިޔާސަތުން އަންގަން ޖެހޭ ކަންތައްތައް އެނގުމަށްފަހު އަފީފު ވިދާޅުވީ، މިއަދުގެ ޖަލްސާއަށް، މަޑުއްވަރީ އާދަމް ޝަރީފް އާއި މަކުނުދޫ ދާއިރާގެ މެންބަރު މުހއްމަދު ރާއީ ކުއްލި މައްސަލައެއް ހުށަހަޅުއްވަން އެދިވަޑައިގެންފައިވާ ކަމަށެވެ.

އެކަން މަޖިލީހުގައި ހިނގަމުން އަންނަ ގޮތަކީ، އެދުވަހެއްގެ ޖަލްސާއަކަށް ދެބޭފުޅަކު ކުއްލި މައްސަލައެއް ހުށަހަޅަން އޮވެއްޖެ ނަމަ، އެދުވަހަކު ކުއްލި މައްސަލަ ހުށަހަޅަން ޖެހޭ މެންބަރު ކަނޑައަޅަނީ ގުރުއަތުންނެވެ.

އެގޮތުން މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅާ މެންބަރެއްގެ ގޮތުގައި ހޮވުނީ މެންބަރު ރާއީއެވެ.

މާލެ އަތޮޅު ރަސްފަރީ ފަރަށް އާގު ބޯޓެއް އުރުމާ ގުޅިގެން ރާއީ އޭނާގެ ކުއްލި މައްސަލަ ހުށަހަޅުއްވަން ފެއްޓެވުމުން އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު އަޑުގަދަކުރައްވަން ފެއްޓެވިއެވެ.

އެއަށްފަހު މައްސަލަ ހުށަހެޅުއްވުމުން ނިޒާމީ މައްސަލަ ނަންގަވައި ޝިޔާމް ވިދާޅުވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ހުކުން ޖެއްސެވީ ސަރުކާރުގެ ނުފޫޒު އޮވެގެން ކަމަށް ކޯޓުތަކުގައި މަސައްކަތް ކުރައްވާ ތިން ފަނޑިޔާރަކު ވިދާޅުވެފައިވާ ކަމަށެވެ.

އެހެންކަމުން މަޖިލީހުގައި މިހާރު ކުރަން ޖެހޭނެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން އަޒުލު ކުރުމުގެ މަސައްކަތް ކަމަށެވެ. އެއީ ގައުމީ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ވެސް ޝިޔާމް ގޮވާލެއްވިއެވެ.

ޝިޔާމް ނެންގެވީ ނިޒާމީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، ކުއްލި މައްސަލައަށް ވާހަކަ ދެއްކެވުމަށް ރިޔާސަތުން އަފީފު ފުރުސަތު ދެއްވުމުން، ޝިޔާމުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލިސް ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރައްވަން ފެއްޓެވިއެވެ.

އެ މެންބަރުންނަށް ރައްދު ދެއްވުމުގެ ގޮތުން ސަރުކާރުގެ މެންބަރުންވެސް އަޑުގަދަ ކުރެއްވިއެވެ.

އޭގެ ތެރެއިން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވީ، ފަނޑިޔާރުންތަކެއް ދެއްކެވި ވާހަކައެއް ކަަމަށް މެންބަރު ޝިޔާމް ވިދާޅުވާ ވާހަކަތަކަކީ ބަޔަކަށް ފައިސާކޮޅެއް ދީގެން އެބޭފުޅުން ބަޔަކު ލައްވައި ދެއްކުވި ވާހަކަތަކެއް ކަމަށެވެ.

އެބޭފުޅުން އަޑުގަދަކުރެއްވުން ހުއްޓަވައިލައްވައި، މެންބަރުން ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވުމަށް ތަކުރާރުކޮށް ރިޔާސަތުން އެދިވަޑައިގެންނެވިއެވެ.

އަފީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާ ކުރުމަށް ޝަރުތު ހަމަނުވާ ނަމަ އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުުން ކަމަށާއި، އެ މެންބަރުންގެ ކަންބޮޑުވުންތައް ކުރިއަށް ގެންދާނެ އުސޫލުތަކެއް ހުންނާނެ ކަމަށާއި އެގޮތަށް މެންބަރުން ކަން ކުރެއްވުން ރަނގަޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މެންބަރުން އަޑުގަދަ ކުރައްވައި ކުރިއަށް ގެންދަވަން ވިދާޅުވާ މައްސަލަ ތަކަކީ މަޖިލިސް ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.