އިސްލާމް މާއްދާ ކިޔަވައި ދިނުމަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިގޮތަށް ބުނެފައި މިވަނީ އިސްލާމް ކިޔަވައި ދިނުމަށް ރާއްޖެއިން ބޭރުން ބައެއް ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާ ކަމަށް އެމްޑީޕީން ރޭ ބުނުމާ ގުޅިގެންނެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ރިކޮމެންޑޭޝަންތައް ތަންފީޒު ކުރުމުގެ މަސައްކަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު، އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީން މިނިސްޓްރީއާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައި ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް ބުންޏެވެ.

"އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރު ކުރެވިފައި ވަނީ ދިވެހި ބަހުން ކަމަށްވެފައި އަދި އެ މާއްދާ ކިޔަވައި ދިނުމަށް ތަމްރީނު ކުރެވިފައިވާ، ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ރާއްޖޭގައި ތިބުމުން، އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައި ދިނުމަށް މި މިނިސްޓްރީން ވިސްނާފައި ނުވާ ކަމުގައި ދަންނަވަން، އަދި އިސްލާމް ކިޔަވައި ދިނުމަށް ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމުގެ ވިސްނުމެއްވެސް، މި މިނިސްޓްރީގެ ނެތް،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި "މެއި ހައެއް" ކޮމިޓީގެ މުގައްރިރު ހަސަން އަފީފު ވިދާޅުވީ އިސްލާމް ކަރިކިއުލަމް ރިވިއުކުރަމުންދާ ކަމަށާއި އެގޮތުން އިސްލާމް ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާ ގޮތަށް ހުރި ލިޔުންތައް ބަދަލުކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ސްކޫލު އުމުރުފުރައިގެ ކުދިންގެ ވިސްނުން ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަން އެ ކޮމިޓީގެ ފަރާތުން ފާހަގަކުރުމުން އެކަންތައް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވާ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.