ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތައް އެއްގަމާއި ކަނޑު އުޅުނދުފަހަރުން ދަތުރު ކުރުމަށް ފުރުސަތު ނުދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެއްގަމާއި ކަނޑުދަތުރު ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާއި، ޑޮމެސްޓިކް ވައިގެދަތުރު ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ހިދުމަތް ދިނުމުގައި އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ހިދުމަތް ނުދިނުމަށެވެ.

މީގެ ކުރިން އިއުލާނު ކޮށްފައިވާ އެ ގައިޑްލައިންގައި ބުނެފައިވަނީ، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

އޭގެ ތެރޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރު ކުރުމަށް ހުރަސްތަކެއް ހުރިއިރު، ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުނަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ނުދިނުން ވެސް ހިމެނެ އެވެ.

ކޮވިޑް ވެކްސިން ނުޖަހާ ސަރުކާރު މުވައްޒަފުން ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ގޮތަށް ވެސް އެ އުސޫލުގައި ވަނީ ބުނެފަ އެވެ.

މިހާތަނަށް ރާއްޖޭގައި 381،902 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 301،189 އެވެ.