އައްޑޫ ސިޓީގެ ސްކޫލްތައް ދެ ހަފުތާއަށް ބަންދުކޮށް، އެ ސިޓީގައި ކާފިއު ހިންގުމަށް ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫގެ އިތުރުން މަރަދޫފޭދޫ އަދި ފޭދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
"އައްޑޫގެ ސްކޫލްތައް ދެ ހަފުތާއަށް ބަންދުކުރުމަށް މިހާރު ނިންމާފައި މިވަނީ. އެހެން ނަމަވެސް ހާލަތު ބަދަލުވެއްޖެ ނަމަ އެއަށްވުރެ ވެސް އަވަހަށް ސްކޫލްތައް ހުޅުވުމަށް ނިންމާފައިވަނީ،" އަލީ ނިޒާރު ވިދާޅުވިއެވެ.
ސްކޫލްތައް ބަންދުކުރުމުގެ އިތުރުން ވަކި ގަޑިތަކެއްގައި ބޭރަށް ނުކުތުންވެސް ވަނީ މަނާކޮށްފައެވެ. އެގޮތުން ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
"އޭގެ އިތުރަށް ރޭގަނޑު ނުވައަކުން ފެށިގެން ފަތިހު ހަތަރަކާއި ހަމައަށް ކާފިއު ހިންގަން ނިންމާފައިވަނީ. އަދި އެ ގަޑީގައި ހުރިހާ ވިޔަފާރީއެއް ކެފޭ ރެސްޓޯރެންޓްތައް އަދި އެހެނިހެން ގޮތްގޮތަށް ގާޑިޔާތަކުން ދެމުން ގެންދާ ހިދުމަތްތައް ވެސް މެދުކެނޑިގެން ދާނެ،" ނިޒާރު ވިދާޅުވިއެވެ.
އެހެން ނަމަވެސް މެންދަމު 12 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެކަން ނިޒާރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެކަމަށް ހާއްސަ ފާހެއް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދޫކުރާނެ ކަމަށެވެ.
މީގެ އިތުރުން ޕާޓީތަކާއި ހަފުލާތައް ބޭއްވުން މަނާކޮށްފައިވާއިރު، ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުންވެސް އައްޑޫގައި މިހާރު ވަނީ މަނާކޮށްފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކޮވިޑް ފެތުރެމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، އިއްޔެ ވެސް ވަނީ އެ ސިޓީން ޖުމުލަ 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާ އެކު އައްޑޫ ސިޓީގައި މިވަގުތު 153 މީހަކު ކޮވިޑް ޖެހިފައި އެބަތިއްބެވެ.
އައްޑޫ ސިޓީން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ މަރަދޫގައި، އެ ބަލި ޖެހިފައިވާ 71 މީހުން އެބަތިއްބެވެ. މަރަދޫފޭދޫގައި 32 މީހަކު ތިބިއިރު ހިތަދޫގައި 29 މީހަކު އެބަތިއްބެވެ. ފޭދޫގައި ތިބީ ޕޮޒިޓިވް 19 މީހުނެވެ. ގަމާއި ހުޅުދޫން، ކޮންމެ އަވަށަކުން ޕޮޒިޓިވް އެކަކު ހުރި ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިވަގުތު އައްޑޫ ސިޓީގައި ކޮވިޑްގެ އެކްޓިވް ކޭސް އެއް ނެތީ މީދޫގައި އެކަންޏެވެ.
އައްޑޫން މިހާތަނަށް 814 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެ ބަލީގައި އެ ސިޓީން ވަނީ ތިން މީހަކު މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު