އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރުން އެއްތަނަކަށް އެއްވެ ސިއްރު ވޯޓެއް ނެގުމަށް ނިންމައިފިއެވެ.

މިރޭ ކުރިއަށް ގެންދަން ނިންމާފައި އޮތް އެ އިންތިހާބު ފަސް ކުރަން ނިންމީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށް މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެގޮތަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމެވެ. އޭނާ ހުށަހަޅީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ސިއްރު ވޯޓެއް ނެގުމަށާއި އެ ވޯޓު ނެގުމަށް ގައުމީ މަޖިލިސް މެންބަރުން އެއްތަނަކަށް އެއްކުރުމަށެވެ.

ވަކިވަކިން ހުށަހެޅި އެ ދެ ހުށަހެޅުމުގެ ތެރެއިން ގައުމީ މަޖިލިސް އެއްތަނަކަށް އެއްކުރުމަށް، ވޯޓުގައި ބައިވެރިވި 116 މެންބަރުންގެ ތެރެއިން 100 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ. އަދި އެ ވޯޓު ސިއްރު ވޯޓެއްގެ ގޮތުގައި ނެގުމަށް 98 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް ވަނީ 19 ވޯޓު ލިބިފައެވެ.

އެހެން ކަމުން މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން ނުހޮވައި، ގައުމީ މަޖިލިސް އެއްކޮށްގެން އެ ވޯޓު ނަގާނެކަން ރިޔާސަތުގައި އިންނެވި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އިއުލާނު ކުރައްވާފައެވެ. އެ ބައްދަލުވުން އަންނަ ހަފްތާގެ ހޯމަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.