ކޮވިޑް ފެތުރެމުންދާތީ އައްޑޫ ސިޓީގެ ގުޅިފައިވާ ހަތަރު ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫގެ އިތުރުން މަރަދޫފޭދޫ އަދި ފޭދޫ މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކޮވިޑް ފެތުރެމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، އިއްޔެ ވެސް ވަނީ އެ ސިޓީން ޖުމުލަ 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާ އެކު އައްޑޫ ސިޓީގައި މިވަގުތު 153 މީހަކު ކޮވިޑް ޖެހިފައި އެބަތިއްބެވެ.
އައްޑޫ ސިޓީން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ މަރަދޫގައި، އެ ބަލި ޖެހިފައިވާ 71 މީހުން އެބަތިއްބެވެ. މަރަދޫފޭދޫގައި 32 މީހަކު ތިބިއިރު ހިތަދޫގައި 29 މީހަކު އެބަތިއްބެވެ. ފޭދޫގައި ތިބީ ޕޮޒިޓިވް 19 މީހުނެވެ. ގަމާއި ހުޅުދޫން، ކޮންމެ އަވަށަކުން ޕޮޒިޓިވް އެކަކު ހުރި ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިވަގުތު އައްޑޫ ސިޓީގައި ކޮވިޑްގެ އެކްޓިވް ކޭސް އެއް ނެތީ މީދޫގައި އެކަންޏެވެ.
އައްޑޫން މިހާތަނަށް 814 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެ ބަލީގައި އެ ސިޓީން ވަނީ ތިން މީހަކު މަރުވެފައެވެ.
އައްޑޫގެ އިތުރުން ރާއްޖޭގެ 21 ރަށަކުން ކޮވިޑް ކޭސްތައް ފެނި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު