މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ފަރަށް އުރުނު ބޯޓު ފުން ކުރުމަށް ކަމަށާއި އެންވަޔަރަމަންޓަލް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ)ގެ ނިންމުމަށް ގޮތެއް ނިންމާނީ ފަހުން ކަމަށް މާލެ އަތޮޅު ރަސްފަރި ފަރަށް އަރާފައިވާ އާގު ބޯޓުގެ ވެރިފަރާތުން ބުނެފިއެވެ.
މާލެ އަތޮޅު ރަސްފަރި ފަރަށް މިމަހުގެ 19 ވަނަ ދުވަހު އުރުނު އެމް.ވީ ނަވިއޯސް އަމާރީލިސް (ބަލްކު ކެރިއާ) ނަމަކަށް ކިޔާ ބޮޑު އާގު ބޯޓުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް ދަނެގަނެ އެ ގެއްލުމުގެ ބަދަލު ލިބޭ އެއްބަސްވުމަކަށް އައުމުގެ ކުރިން ބޯޓު ފުރަން ބޭނުންވާ ނަމަ، 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމަށްފަހު ނޫނީ ނުފުރޭނެ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އާގު ބޯޓުގެ ވެރިފަރާތް ތަމްސީލު ކުރާ ފަރާތުން ޕެޓް އެޑަމްސަން މިއަދު ވިދާޅުވީ އީޕީއޭ އިން ނިންމާފައިވާ 100 މިލިއަން ރުފިޔާ ދެއްކުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެކަމަށް މިވަގުތު ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށާއި އެންމެ ބޮޑަށް އިސްކަން ދެނީ ބޯޓު ފުން ކުރުމަށް ކަމަށެވެ.
އެޑަމްސަން ވިދާޅުވީ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބޯޓުގެ ވެރިފަރާތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެ ބޯޓުގެ ކެޕްޓަން އެ ބޯޓު ފަރަށް އެރިޔަ ނުދޭން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން އުޅަނދު ފަރަށް އެރުމުގެ ކުރިން އުޅަނދުގެ އެއްވެސް މައްސަލައެއް ޖެހިފައިވާ ކަން ކޯސްޓަލް ސްޓޭޓަށް އަންގާފައި ނުވާ ކަމަށް އެ ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ. އަދި ކެޕްޓަންގެ ހައިިސިއްޔަތުން ނަގަން ޖެހޭ އެކްޝަންތައް ނަގާފައި ނުވާ ކަމާއި، ހާއްސަކޮށް ނަގިލި ލުމާއި އެހީއަށް އެދުން ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަންވެސް ފާހަގަކުރިއެވެ.
ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ފަރެކެވެ. އެ ފަރަށް ލިބުނު ގެއްލުން އިވެލުއޭޓް ކުރުމުގެ މަސައްކަތް އީޕީއޭ އިން ކުރަމުންދާ އިރު، ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ މިހާތަނަށް ބެލިބެލުމުން އެ އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާ ކަމަށެވެ.
މި ބޯޓު ފުންކުރުމުގެ މަސައްކަތް މިހާތަނަށް ފަށާފައިނުވާ އިރު، އެނގިފައިވާ ގޮތުގައި މިހާރު ކުރަމުންދަނީ އެ ބޯޓުގައި ހުރި ތެޔޮ އެހެން އުޅަނދަކަށް ޓްރާންސްފާ ކުރުމުގެ މަސައްކަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު