ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އަތަމާ މެރިންއަށް ދޫކޮށްފައިވާ ބ. ހުރާފަރުގެ ކުލީގެ އެއްބަސްވުމާ ބެހޭގޮތުން ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް އެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލު ކުރީ ސައްހަ މަގުން ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަަލައަކީ ހުރާފަރުގެ ބިމު ކުލި، އެ ރަށް ކުއްޔަށް ހިފި އަތަމާ މެރިންގެ ފަރާތުން ސަރުކާރަށް ދައްކާފައި ނުވާތީ، ކުލީގެ އެއްބަސްވުން އުވާލުމާ ގުޅިގެން އެއީ ގާނޫނާ ހިލާފަށް ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ކަމެއް ކަމަށް ބުނެ އަތަމާ މެރިންގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

އަތަމާ މެރިންގެ ފަރާތުން މި މައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ.

އަތަމާ މެރިން އިން ބުނެފައި ވަނީ، ބިމު ކުލީގެ އަދަދު ބިނާވަނީ ރަށުގެ ބިމުގެ އަކަމިނަށް ކަމަށާއި ބިމު ކުލި ދެއްކިފައި ނުވަނީ އެ ރަށުގެ ބިމުގެ އަކަމިން ބެލުމަށް ގަވާއިދުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ކޮށްފައި ނެތުމުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު އެނގިފައިނުވާތީ ކަމަށެވެ.

ނަމަވެސް އެކަމަށް ދެކޮޅު ހަދައި ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ، ގަވާއިދުގެ ދަށުން ރަށުގެ ބިމުގެ އަކަމިން ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ ކުއްޔަށް ހިފާ ފަރާތުން އެފަރާތުގެ ހަރަދުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، ބިމުގެ އަކަމިން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްދެނީ، ކުއްޔަށް ހިފާ ފަރާތުން އެ މަސައްކަތް ނިންމައި މިނިސްޓްރީއަށް ހުށަހެޅުމުން ކަމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ޓޫރިޒަމް މިނިސްޓްރީ ބުނެފައިވާ ގޮތަށް ރަށުގެ ބިމުގެ އަކަމިން ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ ކުއްޔަށް ހިފާ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެހެންކަމުން ހުރާފަރުގެ ކުލީގެ އެއްބަސްވުން ބާތިލުކުރުމަކީ ކުލި ދެއްކުމާ ބެހޭ ގަވާއިދާ ހިލާފު ނިންމުމެއް ކަން ސާބިތު ނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.

ސިވިލް ކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހިގެން އަތަމާ މެރިންގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ހައިކޯޓުން ބެލުމަށް ފަހު، ހުކުމް ކޮށްފައިވަނީ ހުރާފަރުގެ ކުލި އަތަމާ މެރިންއަށް ދެއްކިފައި ނުވަނީ ކުލި ދެއްކުމާ ބެހޭ ގަވާއިދުގައި ބުނާ ކަންކަން ޓޫރިޒަމް މިނިސްޓްރީން ފުރިހަމަކޮށްފައިނުވާތީ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެގޮތަށް ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައި ވަނީ، ގަވާއިދުގެ މާއްދާތައް ނުބައިކޮށް މާނަކޮށް، މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގައި ބުނާ އާއްމު މާނައަށް ބެލުމުގެ އުސޫލާ ހިލާފަށް ކަމަށެވެ.

އެހެންކަމުން މި މައްސަލައިގެ އިސްތިއުނާފުގައި، ހުރާފަރަށް ދައްކަންޖެހޭ ކުލި ދެއްކުމަށްޓަކައި އެރަށުގެ ބިމުގެ އަކަމިން ބެލުމަށްޓަކައި ކުލި ދެއްކުމާ ބެހޭ ގަވާއިދުގެ ދަށުން ކުރަންޖެހޭ ދިރާސާ ކުރަންޖެހެނީ ޓޫރިޒަމް މިނިސްޓްރީންތޯ ނުވަތަ އަތަމާ މެރިންގެ ފަރާތުންތޯ ކަނޑައަޅަން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

މައްސަލަ ބެލުމަށްފަހު ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށްފައެވެ. އަދި އެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލު ކުރީ ސައްހަ މަގުން ކަމަށް ވެސް ހުކުމުގައި ވެއެވެ.