ޚަބަރު

ދަނޑުވެރިން އަތުން ގަންނަ ތަކެއްޗަށް ހަފުތާއެއްގެ ތެރޭގައި ފައިސާ ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައި: އެގްރޯ

އިބްރާހިމް ޒަކީ

ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ދަށުން، ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީކުރުމަށް އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) އިން ދަނޑުވެރިންގެ އަތުން ގަންނަ ބާވަތްތަކަށް ހަފުތާއެއްގެ ތެރޭގައި ފައިސާ ދައްކާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެގްރޯނެޓްގެ މާކެޓިން މެނޭޖަރު މުހައްމަދު ޒަކީ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެ ކުންފުންޏާއެކު ކޮންޓްރެކްޓް ހަދައިގެން މިހާރުވެސް 600 އަށްވުރެ ގިނަ ދަނޑުވެރިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން 2000 އަށްވުރެ ގިނަ ދަނޑުވެރިން އެ ކުންފުންޏާއެކު އެގްރީމެންޓް ހަދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެމީހުންނާއެކު އެގްރީމެންޓުގައި ސޮއިކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ޒަކީ ވިދާޅުވީ، އެ ކުންފުންޏާއެކު ކޮންޓްރެކްޓް ހަދާފައިވާ ދަނޑުވެރިން އުފައްދާ ބާވަތްތައް މިހާރުވެސް ކުންފުންޏަށް ގަންނަމުން ގެންދާ ކަމަށެވެ. އެގޮތުން ލ. އަތޮޅާއި ގއ. އަތޮޅާއި ނ. އަދި ހދ. އަތޮޅުން ދަނޑުވެރިން އުފައްދާ ބާވަތްތައް ބަރާބަރަށް ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެތަކެތި ގަތުމަށްފަހު އެންމެ ފުރަތަމަ ބަލަނީ އެ ސަރަހައްދެއްގައި ޑިމާންޑް އޮތް ވަރަށް ކަމަށާއި އެ ސަރަހައްދެއްގެ ވިޔަފާރިވެރިންނަށާއި މާރުކޭޓުތަކަށް ބޭނުންވާ ތަކެތި އެފަރާތްތަކަށް ފޯރުކޮށްދިނުމަށްފަހު ބާކީވާ ތަކެތި މާލެ ގެނެސް މާލޭގައި ހުންނަ ސެންޓްރަލް ވެއާ ހައުސްއެއްގައި ތަކެތި ބަހައްޓައިގެން ރިސޯޓުތަކަށް ސަޕްލައިކުރާ ފަރާތްތައް އެތަކެތި ވިއްކަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެކުންފުނީގެ ބާވަތްތައް މުޅިންވެސް ވިއްކަނީ ހޯލްސޭލްކޮށް ކަމަށާއި އެ ނޫން ގޮތަކަށް އެތަކެތި ނުވިއްކާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ ބާވަތްތައް ގަންނަ ކަސްޓަމަރުންވެސް ކުންފުނީގައި ރަޖިސްޓްރީ ވާން ޖެހޭ ކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމު ފުރުމުން، ކުންފުންޏަށް ލިބޭ ބާވަތްކުގެ އަޕްޑޭޓް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށާއި އޯޑަރު ދިނުމުން ގެންގޮސްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޒަކީ އިތުރަށް ވިދާޅުވީ، ކޮންޓްރެކްޓިން ފާމިންއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށްވެސް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަަމަށެވެ. އެގޮތުން އެގްރޯ ނެޓްގެ ޓީމެއް ތިލަދުންމަތީގެ ރަށްރަށުގައި މިހާރުވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތަށް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޭޅުންތެރި ކުރުވުމުގެ ޕްރޮގްރާމުތައް ކުރިއަށްގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.