މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް)ގެ ރައީސްކަމުގެ މަގާމަށާއި ނައިބު ރައީސުންނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް އިއްޔެ "ވަން" އަށް ވިދާޅުވީ، އެމްއާރުއެމްގެ އަސާސީ ގަވައިދު ބުނާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށާއި އެގޮތުން ރައީސްކަމުގެ މަގާމަށާއި ނައިބު ކަމަށް ނަން ހުށަހަޅަން ހުޅުވާލާނެ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެމްއާރުއެމްގެ ރައީސް ކަމަށް އެޕާޓީގެ އިންތިގާލީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫން ވާދަކުރައްވާނެއެވެ. އަދި ނައިބު ރައީސަކަށް މިހާރުވެސް އެމަގާމުގައި ހުންނެވި އާމިނަތު ނާދިރާއާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާދަކުރައްވާނެއެވެ.
އެމްއާރުއެމްގެ ފުރަތަމަ ކޮންވެންޝަން ޖަލްސާ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ. ޕާޓީގެ ކޮންގްރެސް ޖަލްސާއަކީ އެ ޕާޓީއެއް ރަޖިސްޓްރީ ކުރާތާ ކުޑަ މުއްދަތެއްގެ ތެރޭގައި ބާއްވަންޖެހޭ ޖަލްސާއެކެވެ. އެމްއާރުއެމް އުފެއްދީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
އަލީމް ވިދާޅުވީ، ކޮންވެންޝަން ޖަލްސާ ނުބޭއްވި ލަސްވީ ކޮވިޑުގެ ސަބަބުން ކަމަށާއި ޖަލްސާގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްދީފައިވާ ކަމަށެވެ.
އެމްއާރުއެމްއަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެއް ޕާޓީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު