ކ. ރަސްފަރީ ފަރަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އުރުނު ބޮޑު އާގު ބޯޓުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް ދަނެގަނެ އެ ގެއްލުމުގެ ބަދަލު ލިބޭ އެއްބަސްވުމަކަށް އައުމުގެ ކުރިން ބޯޓު ފުރަން ބޭނުންވާ ނަމަ، 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމަށްފަހު ފުރޭނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް ނަމަކަށް ކިޔާ އެ އާގުބޯޓު ރަސްފަރީ ފަރަށް އުރުނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އެ ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނޮސެންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ.

ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ފަރެކެވެ. އެ ފަރަށް ލިބުނު ގެއްލުން އިވެލުއޭޓް ކުރުމުގެ މަސައްކަތް އީޕީއޭ އިން ކުރަމުންދާ އިރު ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ މިހާތަނަށް ބެލިބެލުމުން އެ އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާ ކަމަށެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމު މިއަދު "ވަން" އަށް ވިދާޅުވީ، ފަރަށް އަރާ ބޯޓު ފަހަރުތަކުން 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ހޯދުމަކީ ޖޫރިމަނާ ކުރުމުގެ ކުރިން ބޯޓު ދާން ބޭނުންވާ ނަމަ، ހަދަން ޖެހޭ ގޮތް ކަމަށެވެ. އަދި ފަރަށް ލިބުނު ގެއްލުން ބަލައި، އެ އަދަދަށްވުރެ ޖޫރިމަނާ ކުޑަވާނަމަ، ބާކީ ފައިސާ އަނބުރާ ދޭނެ ކަމަށް ވިދާޅުވިއެވެ.

ނައީމު ވިދާޅުވީ، ބޯޓު އަދިވެސް ފުން ކުރެވިފައި ނުވާތީ، ބޯޓު ފުރަން ބޭނުންވާކަން އަދި އަންގާފައި ނުވާ ކަމަށެވެ. އަދި ފަރަށް ލިބުނު ގެއްލުން ބެލުމަށް ޑައިވްކޮށް ހެދެން އޮތީ ބޯޓު ފުންކުރެވުމުން ކަމަށް ވިދާޅުވިއެވެ.

ތިމާވެށްޓާބެހޭ ގާނޫނުގެ ދަށުން ފަރަށް ލިބޭ ގެއްލުންތަކަށް ބެލުމަށްފަހު އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވެނީ 100 މިލިއަން ރުފިޔާއެވެ. ނަމަވެސް ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތު އޮވެއެވެ.