އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުގައި މިފަހަރުވެސް ރާއްޖެ ހިމަނައިފިއެވެ.

އިނގިރޭސި ވިލާތުން ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު އޮންނަނީ ތިން ކެޓެގަރީއަކަށް ބަހާލައިފައެވެ. އެއީ ގްރީން، އެމްބާ އަދި ރެޑެވެ.

ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރުން މަނާވާނެއެވެ. އަދި އެ ގައުމުތަކުން އިނގިރޭސި ވިލާތަށް އެތެރެވާ މީހުންވެސް 10 ދުވަހުގެ ކަރަންޓީނުވާން ޖެހޭނެއެވެ. ކަރަންޓީނުވާން ޖެހޭނީ އެކަމަށް ހާއްސަ ކޮށްފައި ހުންނަ ފެސިލިޓީއެއްގައި, އަމިއްލަ ހަރަދުގައެވެ.

މި މަހުގެ ކުރީކޮޅު ކުރި ރިވިއުގައިވެސް ރާއްޖެ އޮތީ ރެޑް ލިސްޓުގައެވެ. އަދި މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ރެޑް ލިސްޓުގައި ހިމަނާ ގައުމުތަކުގެ ތެރޭގައިވެސް ރާއްޖެ ހިމެނެއެވެ.

އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން މިފަހަރުވެސް ރާއްޖެ ނުނެގުމުން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވަނީ ރާއްޖޭގައި ކޮވިޑުގެ ކޭސްތައް މަދުވެފައި އަދި ވެކްސިން ރޭޓު އިތުރުވި ނަމަވެސް ރެޑް ލިސްޓުން ނުނަގާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އަދި ރާއްޖެއިން މިހާރު, ކޮވިޑުގެ ވޭރިއެންޓް ދެނެގަތުމަށް ހަދާ "ޖީނޯމް ސީކުއެންސިން" ހަދަމުންދާ ކަމަށާއި މި ފަހަރުގެ ރިވިއުއަށް އޭގެ ނަތީޖާ ލިބުން ލަސްވުމަކީ ސަބަބަކަށް ވެދާނެތޯ ފަރަހަނާޒް ވަނީ ސުވާލު އުފައްދަވައިފައެވެ.

މިފަހަރުގެ ރިވިއުގައި ރާއްޖެ ހިމެނޭހެން 50 އަށްވުރެ ގިނަ ގައުމު ރެޑް ލިސްޓުގައި ހިމަނާފައިވާ އިރު, ހަތް ގައުމެއް ވަނީ ގްރީން ލިސްޓަށް އަރުވައިފައެވެ. އޭގެ ތެރޭގައި ކެނެޑާ, ޑެންމާކް, ފިންލެންޑް, ސްވިޒަލެންޑް އަދި ލިތުއޭނިއާ ހިމެނެއެވެ.