ގައުމީ ޓީމުގައި 100 މެޗު ހަމަކޮށް، ފީފާގެ ޝަރަފުވެރި ސެންޗަރީ ކުލަބަށް އަލީ އަޝްފާގު (ދަގަނޑޭ) މަސައްކަތް ކުރާނެ ކަމަށް ގައުމީ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ޓީމުގައި ދަގަނޑޭ ހިމަނާފައިވާ އިރު، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ވެގެންދާނީ އޭނާގެ އެންމެ ފަހު މުބާރާތަށެވެ. މިއީ ދަގަނޑޭއަށް ސާފުގެ ފަހު މުބާރާތް ނަމަވެސް އަދި ކުޅުން ހުއްޓާލަން އޭނާ ގަސްދު ނުކުރާނެ ކަމުގެ ވާހަކައެއް ކޯޗު ސުޒޭން ވަނީ ބުނެފައެވެ.
ސުޒޭން ބުނެފައި ވަނީ ދަގަނޑޭ ފީފާގެ ސެންޗަރީ ކުލަބާ ހަމައަށް ގެންދިއުމަކީ އޭނާ ކުރާނެ މަސައްކަތެއް ކަމަށެވެ.
"އަޝްފާގު ފަހު މުބާރާތް ނަމަވެސް ޕްރެޝަރެއް ނަގަންޖެހޭ ސަބަބެއް ނެތް. އަޝްފާގު ސެންޗަރީ ކުލަބަށް ދާން އަދި ބައިވެރި މެޗުތައް އެބަހުރި. އިންމައަކީ ހަމައެކަނި ރާއްޖޭގައި ހުރި ސެންޗަރީ ކުލަބުގެ ކުޅުންތެރިޔާ ނަމަވެސް، އަޝްފާގު އެ މަގާމަށް ދާން އިންމަވެސް ބޭނުންވޭ. އެހެންވީމަ އެ ހިސާބަށް އަޝްފާގު ގެންދިއުމަކީ އަމާޒެއް. އެ އަމާޒަށް ދާން ކުޅޭ މެޗުތަކަކަށް ސާފް ޗެމްޕިއަންޝިޕް ވާނެ،" ސުޒޭން ޕްރެސްގައި ބުންޏެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަދި ގޯލްކީޕަރު ކޯޗުގެ މަގާމުގައި ހުރި ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) އަކީ ފީފާ ސެންޗަރީ ކުލަބުގައި ހިމެނޭ ރާއްޖޭގެ ހަމައެކަނި ކުޅުންތެރިޔާއެވެ. އޭނާއަށް ފީފާ އިން ވަނީ އެކަމުގެ ޝަރަފުވެރި ފިލާވެސް މިހާރު އަރުވައިފައެވެ. ދަގަނޑޭ މިހާތަނަށް ގައުމީ ޓީމަށް 85 މެޗު ކުޅެ 55 ގޯލު ޖަހައިދީފައިވާ އިރު، ސެންޗަރީ ކުލަބަށް ވަނުމަށް އަދި 15 މެޗު ކުޅެން ޖެހޭނެއެވެ.
"ފީފާ މިންގަނޑުތަކާ އެއްގޮތަށް އެ ތާރީހުތައް ބަލާފައިވާނީ. އަޝްފާގު އެންމެ ރަނގަޅަށް ފިޓްކޮށް އެވޭލަބަލް ވާނެ ސާފް ޗެމްޕިއަންޝިޕަށް. އެފްއޭއެމްގެވެސް ވިސްނުމެއް އެއީ (ސެންޗަރީ ކްލަބަށް ގެންދިއުން). އެކަމަކު އަދި 12 ވަރަކަށް މެޗު ކުޅެގެން އެކަން ވާން އޮތީ. އަދި 18 ވަރަކަށް މަސް ނޫނީ ދެ އަހަރެެއްހާ ދުވަހު ކުޅެގެން އެހިސާބަށް ދެވެން އޮތީ. އެކަމަކު އަޅުގަނޑު ވަރަށް ބޮޑަށް ވިސްނުން އެބަހުރި، ދިވެހި ކުޅުންތެރިޔަކު އެ ޝަރަފު ހޯދާނަމަ އަޝްފާގު އެ ޝަރަފު ހޯދުން. އަޝްފާގަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ،" ސުޒޭން ފާހަގަކުރިއެވެ.
ސާފްގެ މުބާރާތްތަކުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ދަގަނޑޭ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގައި ކުޅުނީ 2015 ވަނަ އަހަރުގެ ފަހުކޮޅުގައި އިންޑިއާގެ ޓްރިވެންޑްރަމުގައި ބޭއްވި މުބާރާތުގައެވެ. ރާއްޖޭން އެންމެ ފަހުން 2018 ވަނަ އަހަރު ބަންގުލަދޭޝްގެ ޑާކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ދަގަނޑޭ ނުހިމެނެއެވެ.
ދަގަނޑޭ އަށް އޭރު ގައުމީ ކޯޗު ޕީޓާ ސެގާޓް ޓީމުން ފުރުސަތު ނުދޭން ފެށީ 2018 ވަނަ އަހަރު ކުރީކޮޅުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުން އަދަބެއްގެ ގޮތުންނެވެ. އޭގެ ފަހުން ގައުމީ ޓީމު ކުޅުނު ނުވަ މެޗުން ފުރުސަތެއް ނުދެއެވެ. ދޮޅު އަހަރަށް ފަހު 2019 ވަނަ އަހަރު ގައުމީ ޓީމުން އަލުން ފުރުސަތު ހޯދުމަށްފަހު ދަގަނޑޭ އަންނަނީ ގަވާއިދުން ޓީމުގައި ހިމެނި ފުރަތަމަ އެގާރައިގައިވެސް ގިނަ މެޗުތަކެއް ކުޅެމުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު